ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ 'ސްކޭމް'އެއް ނޫން ކަމަށާއި، އެއީ ޒުވާނުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު ވަނީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ 'ސްކޭމް'އެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން، އޭނާ ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެއްގޮތަކަށް ވެސް ސްކޭމެއް ނޫން ކަމަށެވެ. އަދި އެ ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ވަރަށް ބޮޑަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ މާނައިގައި ކުރިއަށް ގެންގޮސްދިނުމަށް އެދެން. އެއީ ވަރަށް މުހިންމު ކަމެއް. އެއީ ވަރަށް ގިނަ ޒުވާނުންގެ މުސްތަގުބަލާ ގުޅިފައި އޮތް ކަމެއް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ފުރަތަމަ ޑިގުރީ ހިލޭ ކިޔަވައިދިނުމަށް ނިންމައި ސްކީމް ތައާރަފުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ތެރެއިން މިހާރު ވެސް 10،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ގިނަ ދަރިވަރުންތަކެއް އަންނަނީ އެ ސްކީމަކީ ވަަރަށް ބޭނުންތެރި ސްކީމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.