އެމްޑީޕީ ސަރުކާރުގެ ހިލޭ ޑިގުރީއަކީ 'ސްކޭމެއް': ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހިލޭ ޑިގްރީ އަކީ "ސްކޭމެއް" ކަމަށް -- ފޮޓޯ/ މަޖިލިސް

މިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގުރީ ޕްރޮގްރާމަކީ 'ސްކޭމް'އެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމުރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ހިލޭ ޑިގުރީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތަކުގެ ކޯސްތަކުގެ އަގު ވެއްޓިފައިވާ ކަމަށާއި އޭގެ ސަބަބުން ޕްރައިވެޓް ކޮލެޖްތައް 'އިނދަ ޖެހުނު' ކަމަށެވެ.

އެ ގޮތުން، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހިލޭ ޑިގުރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގުރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި، ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު

މި ބިލަށް ބަހުސްކުރައްވާ ސަރުކާރުގެ ގިނަ މެންބަރުން ފާހަގަކުރެއްވީ ވޭތުވެދިޔަ އަހަރުތަކުގައި ޕްރައިވެޓް ކޮލެޖުތަކަށް ސަރުކާރުތަކުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، މިއީ 2021 ވަނަ އަހަރު ވެސް ފާސްކުރި ބިލެއް ކަމަށެވެ. ނަމަވެސް، މިދިޔަ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ރަނގަޅަށް ދިރާސާނުކުރުމާ ގުޅިގެން އެހާ އަވަހަށް މި ބިލަށް އިސްލާހެއް ގެންނަން ޖެހުނީ ކަމަށް ޒަރީރު ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން ޒަރީރު -- ފޮޓޯ/ މަޖިލިސް

ޒަރީރު ވިދާޅުވީ، ރާއްޖޭގެ މަތީ ތައުލީމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. ތައުލީމީ ޒުވާނުން ޒިންމާދާރު، ޕްރޮޑަކްޓިވިޓީ ދެއްކޭ ޒުވާނުންތޯ ސުވާލު އުފައްދާފައެވެ. މި މައްސަލަތައް ދިމާވާތީ މުޅި ތައުލީމީ ނިޒާމު އެއްކޮށް ދިރާސާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތީ ތައުލީމާ ގުޅޭ ބިލެއް މަޖިލިސް ތަޅުމަށް ހުށަހެޅިފައިވާއިރު، ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިއްޔެ ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލާފައެވެ.

އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި އިއްޔެ އެ މައްސަލަ ބަލައިނުގެން، މިއަދު މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރަން 'އެ ވާހަކަ ދައްކަން ސަރުކާރުގެ މެންބަރުން ލަދުގަންނަން' ޖެހޭނެއެވެ.

ހިލޭ ފުރަތަމަ ޑިގުރީ ކިޔަވައިދިނުމަށް ނިންމައި ސްކީމް ތައާރަފުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެ ސްކީމުގެ ތެރެއިން މިހާރު ވެސް 10،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.

ގިނަ ދަރިވަރުންތަކެއް އަންނަނީ އެ ސްކީމަކީ ވަަރަށް ބޭނުންތެރި ސްކީމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

comment ކޮމެންޓް