ޚަރަދު ކުޑަކުރަން، އެމްއެމްޕީއާރުސީގެ ޑީއެމްޑީއާއި އެންމެ ދުވަސްވީ މުވައްޒަފު ވަކިކޮށްފި

އެމްއެމްޕީއާރުސީގެ ޑީއެމްޑީ ބައްސާމް: ޚަރަދު ކުޑަކުރަން އޭނާ ވަނީ މަގާމުން ވަކިކޮށްފައި --

ސަރުކާރުގެ ޚަރަދު ކުޑަކުރަން އަޅައި ފިޔަވަޅުތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު އިބްރާހިމް އާސިމް (އައިބީ) ވަޒީފާއިން ވަކިކޮށްފިއެވެ.

ސަރުކާރުން ވަނީ ޚަރަދުތައް މަދުކުރަން ސިޔާސަތުތަކެއް އެކުލަވައިލައި އިއުލާނުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނީގެ ބައެއް މަގާމުތައް އުވާލަން ނިންމީ ކަމަށެވެ. ވަޒީފާއިން ބަޔަކު ވަކިކުރީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކުންފުނީގެ ޑީއެމްޑީ ކަމުގައި ހުންނެވި ބައްސާމާއި އާސިމްގެ މަގާމު އުވުމުން ވަޒީފާއިން ވަކިވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ސްޓްރަކްޗާއަށް ގެނެވުނު ބަދަލަކާ ގުޅިގެން ދެ މަގާމު އުވުނީ،" އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/194020

އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުގައި ކުރިން ހުންނެވި އައިޝާ ނޫރައިން ޖަނާހް އިސްތިއުފާ ދެއްވި ފަހުން އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކުރުމުން ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ ބައްސާމާއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އިބްރާހިމް ޝިއުރީ އައްޔަންކުރުމާ ހަމައަށް ކުންފުނި ހިންގެވީ ބައްސާމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ކުންފުނި އުފެދުއްނީއްސުރެ އެ ތަނުގައި މަސައްކަތްކުރަމުން އަންނަ އާސިމް މަގާމުން ވަކިކުރީއިރު ހުންނެވީ ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާތާ 30 އަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ.

އެމްއެމްޕީއާރުސީ އުފެދުމުގެ ކުރީގައި އާސިމް މަސައްކަތްކުރެއްވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގައެވެ.

އެމްއެމްޕީއާރުސީގެ ހިންގުމާ ގުޅޭ ބޮޑެތި ގޯސްތަކެއް ހުރެ، ކުންފުނީގެ ހާލަތު ގޯސް ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. ޗެއާޕާސަންކަމުން ނޫރައިން އިސްތިއުފާ ދެއްވީ ވެސް އޭގެ ފަހުންނެވެ. ގިނަ ދުވަސްތަކެއް ނުވެ އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ފާތިމަތު ތައުފީގު ވެސް ވަކިކުރިއެވެ.

comment ކޮމެންޓް