އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކޮށްފި

އެމްއެމްޕީއާރްސީ ބޯޑަށް އަލަށް އައްޔަންކުރި ދެ މެމްބަރުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑު މެމްބަރުކަމަށް ދެ މީހުން މިއަދު އައްޔަންކޮށްފިއެވެ.

އެ ކުންފުނިން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައިވަނީ ބޯޑު މެމްބަރުގެ މަގާމަށް ދެ މީހަކު އައްޔަން ކޮށްފައިވާކަން ހާމަކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރީ އަބްދުލް ސަމީއު އިމާދުގެ އިތުރުން އައިޝަތު ހަމީދެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މަގާމުން މިދިޔަ މެއި މަހު ވަކިކޮށްފައިވާއިރު، އޭގެ ކުރިން އެ ކޯޕަރޭޝަންގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްއެމްޕީއާރުސީ ބޯޑުގައި ސަރުކާރު ތަމްސީލު ކުރެއްވި ބޭފުޅެއްކަމަށްވާ ރާފިލް މުހައްމަދު ވެސް ވަނީ މިއަހަރުގެ އޭޕްރީލް މަހު އިސްތިއުފާ ދެއްވާފައެވެ.

މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަޒީފާއިން ވަކިކުރުމަށްފަހު، އެމްއެމްޕީއާރުސީ ހިންގުން ހަވާލުކުރީ އެކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ ކުރީ ކޮޅުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.

https://sun.mv/193186

އެމްއެމްޕީއާރުސީ ހިންގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ކުންފުނީގެ ވެރިންގެ މެދުގައާއި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާ ދެމެދުގައި ވެސް ދެބަސްވުން އުފެދި، މައްސަލަ ގޯސްވެފައިވާ ކަމަށް އޭރު ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް، މިނިސްޓަރު ފައިސަލް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ.

ސަރުކާރުން ބުނެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގައި މަގާމުތަކަށް އައްޔަަންކޮށްފައިވާ މީހުން ވަކިކޮށް ބަދަލުކުރަނީ ކަންކަން ރަނގަޅުކޮށް، ފަސޭހަކުރަން ކަމަށެވެ

comment ކޮމެންޓް