މަޖިލިސް މެންބަރުންގެ އަދަދު ދަށްކުރުމަށް ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މަޖިލީސް މެންބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު ބަލައިގެންފި -- ފޮޓޯ/ މަޖިލިސް

ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އިތުރުވުމަށް ހައްލެއް ގެނައުމަށް މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ހުށަހެޅި ގަރާރު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިދިޔަ ބުދަ ދުވަހު މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.

މި ގަރާރުގެ ބަހުސްކުރުން ވަނީ ދެ ދުވަހު ބާއްވާފައެވެ. އެއަށްފަހު މިއަދު އެ ގަރާރު މަޖިލިސް ތަޅުމުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު އެ ގަރާރު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އެ ގަރާރުގައި ޝުޖާއު ވިދާޅުވީ، މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ތަފާތު އިސްލާހުތަކެއް ހުށަހެޅުނު ކަމަށާއި އެކަމަކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތާއީދު އެ އިސްލާހުތަކަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި މި ގަރާރަށް ބަހުސްކޮށް، މެންބަރުންގެ ޚިޔާލު ފާޅުކުރަން އެ ގަރާރުގައިވަނީ ގޮވާލައިފައެވެ.

https://sun.mv/193837

މި ގަރާރަށް ބަހުސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން މަޖިލިސް މެންބަރަކަށް ތިބޭ 5،000 ރައްޔިތުން، 10،000 އަށް ބަދަލުކުރަން ހުށަހަޅާފައެވެ. އޭރުން މަޖިލީހުގައި ގޮނޑީގެ އަދަދު 71 ގައި ހިފެހެއްޓި، ކުރިއަށް އޮތް 25 އަހަރު ތެރޭގައި އެ އަދަދު 70 ގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ ބަހުސްގައި ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ނާޒިމްގެ ވާހަކައަށް ތާއީދުކުރައްވާ، ޝުޖާއު ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ގަރާރެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ މަޖިލީހަށް އިންތިޚާބުކުރީ 77 މެންބަރުންނެވެ. ނަމަވެސް، 18 ވަނަ މަޖިލީހުގައި އެ އަދަދު 85 އަށް އިތުރުވިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު މި ހިނގާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ.

މެންބަރުން އިތުރުވާ މައްސަލަ ހައްލުކުރަން 19 ވަނަ މަޖިލީހުގައި ވެސް މަސައްކަތްކުރިއެވެ. އެކަމަކު، އެކަން ކުރާނެ ގޮތަކާ މެދު ޕާޓީތަކުގެ މެދުގައި އެއްގަލަކަށް ނޭރުމުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ނުހޯދުނެވެ.

މި ސަރުކާރުން ވަނީ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނާފައެވެ.

comment ކޮމެންޓް