ސަރުކާރު މެންބަރުން ބޭނުމީ މެންބަރުންގެ އަދަދު 70 އަށް ދަށްކުރަން

މަޖިލިސް: ސަރުކާރުގެ މެންބަރުން ވަނީ މެންބަރުންގެ އަދަދު 70 އަށް ދަށްކުރަން ތާއީދުކޮށްފައި -- ފޮޓޯ/ މަޖިލިސް

ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އިތުރުވުމަށް ހައްލެއް ގެނައުމަށް މަޖިލިސް މެންބަރުންގެ އަދަދު 70 އަށް މަދުކުރަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން މިއަދު ތާއީދުކޮށްފިއެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެ ކަމަށް ހައްލެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދަން މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

މި ގަރާރަށް ބަހުސްކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކޮންމެ 5،000 ރައްޔިތަކަށް މެންބަރަކު ހުންނަންޖެހޭ ގަވާއިދު ވުޖޫދަށް ގެނައި މަޖިލީހުގައި އޭނާ ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް، އޭރު ޚާއްސަ މަޖިލީހުގައި ބަހުސްކުރެވުނު ގޮތަށް މިހާރު ކަންތައްތައް ކުރިއަށްނުދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިހާރު ގަވާއިދު އޮތް ގޮތުން ނަމަ 2029 ވަނަ އަހަރު 108 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ޖެހޭނެ ކަމަށެވެ. އަދި، 2033 ވަނަ އަހަރު 115 މެންބަރުން މަޖިލީހަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއިކީ އަޅުގަނޑު ދަންނަވާނީ އޮބި އޮންނަ ވަރެއް ނޫން. މީގައި ހައްސާސް މައްސަލައަކީ ކޮންމެ 5،000 މެންބަރަކަށް ގޮނޑިއެއް ކަނޑައަޅަންޖެހޭ ގޮތަށް ގާނުނުގައި ބަޔާންކޮށްފައި އޮތުން. ބައިނަލްއަގުވާމީ ގޮތުން މި ކަންތައްތައް އޮންނަނީ ކިހިނެއްތޯ ބަލަން އެބަޖެހޭ. މިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުން ކުރިމަތިލާ ހައްލުކޮށްފައިވާ މައްސަލައެއް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ، އެހެން ގައުމުތަކުގައި މި ކަމަށް ބޭނުންކުރާ ފޯމިއުލާ ބަލައި އެއަށް އަމަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެފަދަ ފޯމިއުލާއަކަށް އަމަލުކޮށްފިނަމަ ރާއްޖޭގައި ތިބެންޖެހޭނީ 73 މެންބަރުންނާއި 80 އާ ދެމެދު އަދަދަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން، ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން މި ކަންތައްތައް ހައްލުކުރެވެން އެބައޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، 5،000 ރައްޔިތުން، 10،000 އަށް ބަދަލުކޮށްފިނަމަ މަޖިލީހުގައި ގޮނޑީގެ އަދަދު 71 ގައި ހިފެހެއްޓި، ކުރިއަށް އޮތް 25 އަހަރު ތެރޭގައި އެ އަދަދު 70 ގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފަތަންވެގެން އެރިގެން މި އުޅެނީ އަޅުގަނޑުމެން އިސްކޮޅު ނުކާ ހިސާބަށް. އަޅުގަނޑުމެންގެ ހަމަ އިސްކޮޅު އެނގިގެން އެ ހިސާބުގައި އަޅުގަނޑުމެންގެ ކަންކަން އެބަޖެހޭ ބަހައްޓަންކުރަން. އަޅުގަނޑު މި މަޖިލީހަށް ގޮވާލަން، މި ތާރީޚީ ޑެސިޝަން ނަގައި ބަޔަކީ އަޅުގަނޑުމެންނަށް ވާން އެބަޖެހޭ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު -- ފޮޓޯ/ މަޖިލިސް

އެ ގަރާރަށް ބަހުސްކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވެސް ވިދާޅުވީ، ކޮންމެ މެންބަރަކަށް 5,000 ގެ އާބާދީއަކީ ވަރަށް ކުޑަ އާބާދީއެއް ކަމަށެވެ. އަދި، އެއަށް ވުރެ ބޮޑު އާބާދީއެއްގެ ޒިންމާ ނެގިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ނާޒިމްގެ ވާހަކައަށް ތާއީދުކުރައްވާ، ޝުޖާއު ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ގަރާރެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ.

އެ ގަރާރުގައި ޝުޖާއު ވިދާޅުވީ، މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ތަފާތު އިސްލާހުތަކެއް ހުށަހެޅުނު ކަމަށާއި އެކަމަކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތާއީދު އެ އިސްލާހުތަކަށް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި މި ގަރާރަށް ބަހުސްކޮށް، މެންބަރުންގެ ޚިޔާލު ފާޅުކުރަން އެ ގަރާރުގައިވަނީ ގޮވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ މަޖިލީހަށް އިންތިޚާބުކުރީ 77 މެންބަރުންނެވެ. ނަމަވެސް، 18 ވަނަ މަޖިލީހުގައި އެ އަދަދު 85 އަށް އިތުރުވިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު މި ހިނގާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ.

މެންބަރުން އިތުރުވާ މައްސަލަ ހައްލުކުރަން 19 ވަނަ މަޖިލީހުގައި ވެސް މަސައްކަތްކުރިއެވެ. އެކަމަކު، އެކަން ކުރާނެ ގޮތަކާ މެދު ޕާޓީތަކުގެ މެދުގައި އެއްގަލަކަށް ނޭރުމުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ނުހޯދުނެވެ.

މި ސަރުކާރުން ވަނީ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނާފައެވެ.

comment ކޮމެންޓް