މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން އެތައް މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
މަޢުރޫފް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފައި ވަނީ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ ހަ މެންބަރުންނެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު މަޢުރޫފް ހުށަހެޅުއްވި ގަރާރުގައި ވަނީ ވަޒީފާއިން ވަކިކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ، އަދި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ކަމަށާއި އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ކަމަށެވެ.
ނަމަވެސް މިދިޔަ ޖޫން މަހު ފަހުކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެކަން ދޮގުކުރެއްވި ކަމަށް އެ ގަރާރުގައިވެއެވެ.
ގަރާރުގައި ސިފަކޮށްފައިވާ ގޮތުގައި ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމި ނިންމުން ބޭނުންކުރަނީ ނާޖާއިޒު ގޮތެއްގައި، ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ގާނޫނީ އެހީތެރިކަމާއެކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިކަން އެ ޕާޓީން ހާމަކުރީ މި މަހުގެ 21ވަނަ ދުވަހެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުންފުނިތަކަށް އަންގައިފައެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފް ވިދާޅުވިގޮތުގައި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ޕާޓީން އަންނަނީ އެހީތެރިވަމުންނެވެ. އަދި ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އޭޕްރިލް މަހު، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުންނެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ މުވައްޒަަފުން އަމިއްލައަށް ވަކިވާން ހިތްވަރުދިނުމަށް ޕެކޭޖުތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އެޗްޑީސީއާއި ފެނަކަ ހިމެނެއެވެ.