ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ސަރުކާރުގެ ވަޒީރުންނާ ކުރެއްވުމަށް ފޮނުއްވާފައިވާ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލު، މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބަށް އަމާޒުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހާމަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމަށް ޖުމްލަ 258 ނޯޓިސް ވަނީ ފޮނުއްވާފައެވެ. މީގެ ތެރެއިން 180 ސުވާލު އަމާޒުވެފައިވަނީ އެންމެ ގިނައިން ސުވާލު ކުރެވުނު އަށް ވަޒީރުންނަށެވެ.
ކުޑޫ އާންމުކުރެއްވި ތަފްސީލްތަކުން ދައްކާ ގޮތުގައި، އިންފްރާސްޓްރަކްޗަރާއި ބޯހިޔާވަހިކަމާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެކަނިވެސް 56 ސުވާލެއްގެ ނޯޓިސް ވަނީ ފޮނުވާފައެވެ. މިއީ އެހެން ހުރިހާ ވަޒީރުންނާ އަޅައި ބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ.

މުއްތަލިބުގެ އިތުރުން ދެން އެންމެ ގިނައިން ސުވާލު އަމާޒުވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އެގޮތުން މޫސާ ޒަމީރަށް 26 ސުވާލު އަމާޒުވެފައިވާއިރު، މުޙައްމަދު ސައީދަށް 22 ސުވާލު ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއުއަށް 20 ސުވާލު ފޮނުވާފައިވާއިރު، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް 19 ސުވާލު ވަނީ ފޮނުވާފައެވެ.
ކުޑޫ ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާނަށް 18 ސުވާލު، ހެލްތު މިނިސްޓަރު ޤީލާ އަލީއަށް 10 ސުވާލު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް 9 ސުވާލު ވަނީ އަމާޒުވެފައެވެ.
ކުޑޫ ވިދާޅުވި ގޮތުގައި، މި ސުވާލުތަކަކީ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫޢުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފޮނުވާފައިވާ ސުވާލުތަކެކެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އަދިވެސް ގިނަ ސުވާލުތަކެއް ހުރިކަން މި ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.