އަޔާދާ ރިސޯޓު ހިންގަމުން އަންނަ މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކައިލާ ވާހަކަ ދެކެވޭތީ އެމްޓީޑީސީއާ ސުވާލުކުރަނީ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ، އަޔާދާ ރިސޯޓު ހިންގަމުން އަންނަ މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކައިލާ ވާހަކަ ދެކެވޭތީ އެމްޓީޑީސީއާ ސުވާލުކުރަން ހުށަހަޅުއްވައިފައި --- ފޮޓޯ/ މަޖިލިސް

ގދ. މަގުއްދުވާގެ ހެޑް ލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި އެދިވަޑައިގެންފިއެވެ.

އެމްޓީޑީސީގެ އައު މެނޭޖިން ޑިރެކްޓަރު ޙާރިޘް މުޙައްމަދަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2006 ވަނަ އަހަރު ސަރުކާރުން އެ ކުންފުންޏަށް ދޫކުރި މަގުއްދުވާ، ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސްއަށް ސަބްލީސްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގައި އަޔާދާ ރިސޯޓު ހިންގައިގެން ސަބްލީސް ރެންޓުގެ ގޮތުގައި އެމްޓީޑީސީއަށް އާމްދަނީ ލިބެމުން ދަނިކޮށް، އެ ރަށުގެ ހެޑް ލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމުގެ މައުލޫމާތު ފެތުރެމުން އަންނަ ކަމަށް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ.

މި މުއާމަލާތާ ގުޅިގެން އެމްޓީޑީސީގެ ހިއްސާދާރުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ވިދާޅުވެ، ކުޑޫ ވަނީ އެކަމާ ގުޅޭ ސައްހަ މައުލޫމާތު ހާމަކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، މަގުއްދުވާގެ ހެޑް ލީސް ވިއްކައިލުމާ ގުޅޭ މަޝްވަރާއެއް ކުރިއަށް ދޭތޯ ސުވާލު އުފައްދަވައި، އެ މުއާމަލާތް ހިންގަން އެމްޓީޑީސީން ނިންމައިފައިވާ ނަމަ އެ ނިންމުން ނިންމި ގޮތުގެ ތަފުސީލާއި، އިވެލުއޭޝަނެއް ހަދައިފައިވާ ނަމަ އެކަމާ ގުޅޭ އެންމެހައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ސަބްލީސްގެ ބަދަލުގައި ހެޑްލީސް ވިއްކުމާ ގުޅިގެން އެމްޓީޑީސީއަށް ލިބޭނެ ފައިދާ ނުވަތަ ގެއްލުން ވަޒަންކޮށްފައިވާ ނަމަ އެ މައުލޫމާތާއި، ކުންފުނީގެ ހިއްސާދާރުންނަށް ލިބޭނެ ޑިވިޑެންޑުގެ އަދަދަށް އަސަރުކުރާނެ ގޮތުގެ ލިޔެކިއުންތަކުގެ ކޮޕީއެއް ހިއްސާކޮށްދިނުމަށް ވެސް ކުޑޫ އެދިވަޑައިގެންފައިވެއެވެ. އަދި އެ މުއާމަލާތް ކުރިއަށް ގެންދިއުމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ނިޔާޒް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ދެކޮޅު ހައްދަވައިފައިވާ ނަމަ، އެ ކަމުގެ ތަފުސީލު ހިއްސާކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް