ވާނުވާ ހައްލުކުރެވޭނީ ކޯޓުތަކަށް، ޕީޖީއަކަށް އެ ކަމެއް ނުވާނެ: ޝަމީމް

ޕީޖީ ޝަމީމް: އޭނާ ވިދާޅުވީ ވާނުވާ މައްސަލަ ހައްލުކުރެވޭނީ ކޯޓުތަކަށް ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ނޫނީ ޕްރެސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ކަން ހައްލުކުރެވޭނީ ޝަރުއީ ކޯޓުތަކަށް ކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ވާނުވާ ހައްލުނުވެ ގިނަ ދުވަސްވާތީ، ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލައި ވެސް އިއްޔެ ބައެއް އާންމުން ވަނީ ނުރުހުން ފާޅުކޮށް، އިހުތިޖާޖުކޮށްފައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، ޝަރީއަތް ނިމެންދެން ކުށްކުރާ މީހުން ބަންދުކުރަނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށެވެ. އޭގެ ބޭރުން އެއްވެސް މީހަކު ބަންދުކުރަން އެ އޮފީހުން ނޭދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/193803

"އަޅުގަނޑުމެންނެއް މުޖުތަމައަށް ނުރައްކާވާނެ ކަމަކަށް ނުއެއް ބަލަން ގާނޫނުގައި ކަނޑައަޅާފައިވާ ކެޓަގަރީތައް ނޫނިއްޔަކާ،" ވާނުވާ މައްސަލަ ތަފުސީލުކޮށްދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

"އެހެންވީމާ ގާނޫނަށް ގެންނަ ބަދަލަކުން ތި ބޭފުޅުން ކަނޑައަޅަންވީ މަސްތުވާތަކެތީގެ މައްސަލަތަކުގެ މީހުން ބަންދުގައި ނުބައިތިއްބަން ނޫނިއްޔާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ބައެއް ނޫން ކަމަށް. އެހެން ކަނޑައަޅުއްވައިދެއްވައިފިއްޔާ އަޅުގަނޑުމެން ތަންފީޒުކުރާނަން. މިއީ އަޅުގަނޑުމެން އަމިއްލައަށް އެދިގެންވާ ކަމަކަށްވުރެ ބޮޑަށް ގާނޫނުން ކަނޑައަޅާފައިހުރި ކަމެއް މި އަންނަނީ،"

ޝަމީމް ފާހަގަކުރެއްވި ގޮތުގައި "ވާނުވާ"އަކީ ބޭނުންކުރަން އެންމެ ރަނގަޅު މަފްހޫމެއް ނޫނެވެ. އެއީ، މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ވާނުވާ ނޭނގޭ ކުށްވެރިން ބަންދުގައި ނުތިބޭނެތީކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގައި ބުނާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނަށް ޝަރީއަތުގެ ތާވަލެއް ކޯޓުން ދޭންޖެހޭނެއެވެ.

ޕީޖީ ޝަމީމް މަޖިލީހުގައި: އޭނާ ވިދާޅުވީ ވާނުވާ މައްސަލަ ހައްލުކުރެވޭނީ ކޯޓުތަކަށް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެން ތާވަލެއް ނުދެއްވާ. އަޅުގަނޑުމެން ކޯޓަށް ސިޓީއަކުން ވެސް ދަންނަވައިފިން ގާނޫނުގައި ބުނާ ތާވަލު ދެއްވާށޭ. ތާވަލު ދިނީމާ ބަންދުގައި ހުންނަ މީހާއަށް އެނގޭނެ އޭނާގެ މައްސަލަ އޮންނާނެ ދުވަހެއް. އޭރަކުންނެއް އަސްލު ވާނުވާއަކަށް ނުއެއްވޭ،" އޭނާ ވިދާޅުވިއެވެ.

ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެންދާން މެދުވެރިވަނީ މައްސަލަތައް ވެސް ގިނަވެ، ވަސީލަތްތައް ވެސް މަދުވުމުންކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ވާނުވާ މައްސަލަ ހައްލުކުރެވޭނީ ޝަރީއަތްތައް އަވަސްކުރެވިގެން ކަމަށެވެ.

"އެކަމަކު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަ ހިންގަންޏަކާ އަސްލު ބަންދުގެ މައްސަލައެއް މައްސަލައަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތުގައި އޮތް ކަމެއް ނޫން ހަގީގަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލައިގައި އެކަން ހައްލުކުރުމަކީ. އެކަން ހައްލުކުރުމަކީ މަޖިލީހުގައި އޮތް ކަމެއް ވެސް ނޫން. އެއީ ކޯޓުގައި އޮތް ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި ކޯޓުގައި އޮތް ކަމެއް،"

https://sun.mv/189816

އޭނާ ވިދާޅުވީ، ކޯޓުތަކުން މުއްދަތަށް މައްސަލަތައް ނިންމާނަމަ، ވާނުވާގެ މައްސަލަ ނޯންނާނެ ކަމަށެވެ.

ކ. މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި މުޙައްމަދު ޖަމީލްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އިއްޔެ މަޖިލީސް އިދާރާ ސަރަހައްދުގައި އިހުތިޖާޖުކުރި މީހުން ވަނީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ވަނީ ގޮވާލައިފައެވެ.

ރައީސްގެ ވައުދުފުޅެއް ކަމަށްވާ ވާނުވާ ބަންދު ނިންމުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މީގެ ކުރިން މި އަހަރުގެ މާޗު 14 ގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް