ޕީޖީ ޝަމީމުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފި

ޕީޖީ ޝަމީމު މަގާމުން ވަކިކޮށް ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މަގާމުން ވަކިކޮށް، ވާނުވާ ބަންދު އުވައިލަން ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި މިއަދު މުޒާހަރާކޮށްފިއެވެ.

އާންމުން އެއްވެ، އެ ސަރަހައްދުގައި މުޒާހަރާކުރީ ޕީޖީ ޝަމީމަކީ ނިމިދިޔަ ސަރުކާރުގައި އެތަކެއް ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ބޭފުޅުންނާ އެކު ޑީލް ހަދާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އޭނާގެ އިސްތިއުފާއަށް ގޮވާލައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޕީޖީ ޝަމީމް މިހާރުން މިހާރަށް އިސްތިއުފާދެއްވަން ނުވަތަ މަޖިލީސް މެންބަރުން އެއްވެސް ވާހަކައެއް ނުދައްކާ ޕީޖީ ޝަމީމް ވަކިކޮށްދިނުމަށް،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

އޭނާއަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ގުޅުން އޮތް މީހެއް ކަމަށް ތުހުމަތުކޮށް، މުޒާހަރާގެ ބައިވެރިން ވަނީ އެފަދަ ބޭފުޅަކު ޕީޖީގެ މަގާމުގައި ބަހައްޓަން ބޭނުންނުވާ ކަމަށާއި އޭނާ އިސްތިއުފާ ދޭންޖެހޭ ކަމަށް ގޮވާލައިފައެވެ.

ޕީޖީ ޝަމީމު މަގާމުން ވަކިކޮށް، ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ވާނުވާ ބަންދު އުވާލުން އަވަސްކުރަން ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

"ވާނުވާ ބަންދުގެ މައްސަލައިގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރައީސް ވިދާޅުވީ، އެ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ މިހާޜުގެ ރައީސްގެ ރިޔާސީ ވައުދާ އެއްގޮތައް ވާނުވާ ބަންދު އުވާލުން،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

މީގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ ކ. މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި މުޙައްމަދު ޖަމީލްގެ މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވާނުވާ ބަންދު އުވާލުމުގެ ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މީގެ ކުރިން މި އަހަރުގެ މާޗު 14 ގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެެވެ. އަދި، ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

ޕީޖީ ޝަމީމު މަގާމުން ވަކިކޮށް ވާނުވާ ބަންދު އުވާލުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މިދިޔަ މަހު ފައްޓަވާނެކަން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ. އެގޮތުން، ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް