ޖަމީލްގެ މަރުގެ މައްސަލަ ޑިމޮކްރެޓްސްއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި

ޖަމީލްގެ މަރު ތަހުގީގު ކުރުމަށް އެދި ޑިމޮކްރެޓްސް އިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި -- ފޮޓޯ/ ހުސައިން ސައީދު، އެކްސް

ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ، ޑިމޮކްރެޓްސްއިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަަދު ހުށަހަޅައިފިއެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަމީލްގެ ހަށިގަނޑުގައި ނޫފައިގަންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ގިނަ ތަންތަން ހުރި ކަމަށާއި ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވީސްގެ އޮފިސަރުން ޖަމީލަށް އަނިޔާކޮށް، ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި ޝައްކު އުފެދޭ އެތައް ކަމެއްވާ ކަމަށް ތުހުމަތުކޮށް ޑިމޮކްރެޓްސްއިން ގޮވާލީ އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯއާއި ޖަލު ބަލަހައްޓާ އޮފިސަރުން އަނިޔާއެއް ކޮށްފައިވޭތޯ ބަލައިދިނުމަށެވެ.

މީގެ އިތުރުން ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވާއިދުތަކުން ކަަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި ޖަމީލަށް ފުރިހަމަ އަށް ލިބުނުތޯ ބަލައި، މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެ ޕާޓިއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފައެވެ.

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ޖަމީލް މަރުވީ މިދިޔަ ހުކުރު ދުވަހުގައެެވެ.

ޖަމީލުގެ ހަށިގަނޑުން ނިޝާންތަކެއް ފެނުނު ނަމަވެސް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުބެލެވޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

https://sun.mv/193711

ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންނާއި ކަރެކްޝަންސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ، ޖަމީލްގެ މަރާ ގުޅޭ މައުލޫމާތު ތަހުގީގަށް ލިބެމުން ދިޔަ ވަރަކުން ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކުރަމުންދިޔަ ކަމަށް ބުނެފައެވެ. އަދި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމީ ވެސް މަޝްވަރާއަށް ފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް