ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުޙައްމަދު ޖަމީލުގެ ހަށިގަނޑުން ނިޝާންތަކެއް ފެނުނު ނަމަވެސް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ޖަމީލް މަރުވި ފަހުން އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުންނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކަރެކްޝަނަލް ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޖަމީލްގެ ހަށިގަނޑުގެ ފޮޓޯތައް ނަގައިފައިވަނީ ރޭ އޭނާގެ ހަށިގަނޑު ސަހަރާއަށް ގެންދިޔަ ފަހުން ކަމަށެވެ.
އެ ނިޝާންތަކަކީ މަރުވުމަށް ފަހު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އޭނާ ގިނައިރު ވަންދެން ސަޖިދައިގައި އޮތުމުން ފެންނަން ހުރި ނިޝާންތައް ކަމަށް ތަހުގީގުން ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ ޖަމީލްގެ ހަރަކާތެއް ނެތިގެން މަރުކަޒަށް ގެންދިޔަ ހިސާބުން ފެށިގެން ފުލުހުން މައްސަލަ ބަލަން ފެށިކަމަށެވެ.
ކަރެކްޝަނަލް ސާވިސްއިން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޖަމީލް މަރުވެފައިވާކަން އެނގުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުންނެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އޭނާގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް 12:45 ހާއިރު މަރުކަޒުން ކަނޑައެޅި ކަމަށް އެ ޚިދުމަތުން ބުންޏެވެ.
ސާމިހު ވިދާޅުވީ ފުލުހުން ސިއްހީ މަރުކަޒަށާއި ޖަމީލުގެ ގޮޅިއަށް ގޮސް ތަހުގީގު ކުރި ކަމަށެވެ. އެގޮތުން ޖަމީލްގެ އަނގައިންނާއި ނޭފަތުން ފޮނު ނުވަތަ ހޮޑު ޒާތުގެ އެއްޗެއް ފެނުނު ކަމަށާއި އޭނާ ގޮޅިން ފެނުނީ ސަޖިދައަށް އޮއްވައި ކަމަށްވާއިރު، ގޮޅީގައި ސަޖިދައަށް އޮންނައިރު ބޯ ޖައްސާ ހިއްސާބުން ވެސް ފޮނު ޒާތުގެ އެއްޗެއް ފެނުނު ކަމަށް ސާމިހު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފަތިސް ގަޑީގައި ޖަމީލް ގޮޅިން ފެންނަ ސީސީޓީވީ ފުޓެޖު ވެސް ދައްކައިފައެވެ. އެ ފުޓެޖުގެ އެނެލެސިސްއިން، ޖަމީލް އެންމެ ފަހުން ގޮޅިއަށް ވަދެފައި ވަނީ އެރޭގެ 9:30ކަމާއި އޭގެ ފަހުން ގޮޅިއަށް އިތުރު ފަރާތަކުން ވަދެފައި ނުވާކަން ހާމަވާ ކަމަށް ސާމިހު ވިދާޅުވިއެވެ.
އެއަށްފަހު ހެނދުނު 6:30 ހާއިރު ޕްރިޒަން އޮފިސަރުން އާންމު އުސޫލުން ގޮޅި ބެލިއިރު އޭނާ އޮތީ ސަޖިދައިގައި ކަމަށާއި އެހެންވެ، އޮފިސަރުން ގޮޅިއަށް ވަދެ އިތުރަށް ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލް މަރުވެފައިވާކަން އެނގުމުން އޭނާގެ ހަށިގަނޑު މާލެ ގެނެސް، ސީޓީ ސްކޭނެއް ހެދި ކަމަށާއި ނަމަވެސް އެ ސްކޭންގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށް ސާމިހު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ މައުލޫމާތު ހޮސްޕިޓަލުން ހޯދައި، ތަހުގީގާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާ ވެސް ހިއްސާކުރަމުންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއިން އެއްވެސް ފަރާތަކަށް ވެސް ހަށިގަނޑު އިތުރަށް ބާއްވަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ފާހަގަވެފައި ނުވާތީ އާއި އަދި ފުލުހުންގެ ތަހުގީގަށް ވެސް މި ދެންނެވި ގޮތަށް އެފަދަ އެއްވެސް ހާލަތެއް އޮތް ކަމަށް ނުބެލެވޭތީ އިއްޔެ 18:10ގައި އަޅުގަނޑުމެން ވާނީ ވަޅުލުމުގެ ހުއްދަދީ އާއިލާއާ ހަވާލުކޮށްފައި،" ސާމިހު ވިދާޅުވިއެވެ.
އޭރު އޮޓޮޕްސީއެއް ހަދަން ނުނިންމި ނަމަވެސް، ޖަމީލްގެ ހަށިގަނޑު ސަހަރާއަށް ގެންދިޔަ ފަހުން ފޮޓޯތަކެއް ނަގައި އާންމުކޮށް ތުހުމަތުތަކެއް ކުރުމުން، އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އިތުރުން އިހުސާން ވެސް ސަހަރާއަށް ވަޑައިގެން އާއިލާއާ މަޝްވަރާކުރި ކަމަށާއި ނަމަވެސް އާއިލާއިން ބޭނުންވީ ހަށިގަނޑު ވަޅުލާން ކަމަށް ސާމިހު ވިދާޅުވިއެވެ. އެހެންވެ، އާއިލާއިން ބޭނުންވާ ގޮތަށް ހަށިގަނޑު ވަޅުލާން ހުއްދަދީ ފަތިހު ވަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.