ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން: މިއަދު ވަނީ ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމަށް ރުހުން ދީފައި -- ފޮޓޯ/ މަޖިލިސް

ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެ އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މި މަހުގެ 24 ވަނަ ދުވަހެވެ.

އިޔޫއާއެކު ސޮއިކުރާ ސަމޯއާ އެގްރިމަންޓުގެ ސަބަބުން ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތައް ބޭރުކުރުމަށާއި، އެ އިއްތިހާދުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބާއްވަން ފަސޭހަވާނެއެވެ.

އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައި، މަޖިލީހުން މިއަދު ވަނީ އެ މައްސަލަ އެޖެންޑާކޮށް އަވަސް ޖަލްސާއެއް ބާއްވާފައެވެ.

ސަމޯއާ އެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް ނެގި ވޯޓުގައި 82 މެންބަރުން ވަނީ ރުހުން ދިނުމަށް ވޯޓު ދީފައެވެ. ރުހުން ނުދިނުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ކޮމިޓީން އެ މައްސަލަ ބަލައި ދިރާސާކުރި ގޮތުގެ ރިޕޯޓު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިދެއްވާފައެވެ.

ޒަރީރު ވިދާޅުވީ އެ ރިޕޯޓު ދިރާސާ ކުރުމަށް ޓަކައި، ސަމޯއާ އެގްރިމެންޓުން ރާއްޖެއަށް ލިބޭނެ ފައިދާތަކަށް ބަލާފައިވާނެ ކަމަށެވެ.

މި އެއްބަސްވުމަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ، އޯއޭސީޕީއެސްގެ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ އެއްބަސްވުމެކެވެ. އެ ދާއިރާތަކަކީ:

  1. ހިއުމަން ރައިޓްސް އެންޑް ޑީމޮކްރަސީ
  2. ޕީސް އެންޑް ސެކިއުރިޓީ
  3. ޑިވަލޮޕްމަންޓް
  4. އިކޮނޮމިކް ގްރޯތު
  5. ކްލައިމެޓް ޗޭންޖް
  6. މައިގްރޭޝަން އެންޑް މޮބިލިޓީ

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު: އޭނާ ވިދާޅުވީ ސަމޯއާ އެގްރިމެންޓަކީ ބޭރުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް -- ފޮޓޯ/ މަޖިލިސް

އެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ވަގުތުގައި ޒަރީރު ވިދާޅުވީ ސަމޯއާ އެގްރިމެންޓަކީ އެފްރިކަން ޔޫނިއަން އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއެކު ވެސް ގުޅުން ބަދަހިކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.

ޒަރީރު ވިދާޅުވީ ރާއްޖެ ކުޑަވެ، ވަސީލަތްތައް މަދުވި ނަމަވެސް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުރީތީ މިއަދު އުފާކުރައްވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން އަޅުގަނޑުމެންނަށް ކޮންމެ ވެސް އެއް ކަރައެއް މާބޮޑަށް ކައިރިކުރިތަން، އަނެއް ކަރަ އޮތީ ތަންކޮޅެއް ދުރުކޮށްލާފައި. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި އުތުރު ކަރަ، އުރުދޫ ކަރަ އަދި ސީނު ކަރަ ވެސް ކައިރިކޮށްގެން މި މަސައްކަތްކުރަނީ،" ޒަރީރު ވިދާޅުވިއެވެ.

https://sun.mv/193532

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހޭނެ ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުންޏެވެ.

އޭގެ ތެރޭގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުން ވެސް ވަނީ ރާއްޖެއިން އެކި ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ނުވަތަ ކަނޑާލުމަށް މަޝްވަރާކޮށް، އެކި މަސައްކަތްތައް ކޮށްފައެވެ.

މި ސަރުކާރުން ވަނީ، ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް މިދިޔަ ނޮވެމްބަރު މަހުކޮށްފައެވެ.

comment ކޮމެންޓް