ސަމޯއާ އެގްރީމެންޓަށް ރުހުންދޭން މަޖިލީހުން އަވަސް ޖަލްސާއެއް

ވިހިވަނަ މަޖިލިސް: ސަމޯއާ އެގްރީމެންޓަށް ރުހުން ދޭން އާދިއްތަ ދުވަހަށް ވަނީ ޖަލްސާއެއް އެޖެންޑާކޮށްފައި -- ފޮޓޯ/ މަޖިލިސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު ސަރުކާރުން ސޮއިކުރަން އުޅޭ ސަމޯއާ އެގްރިމެންޓަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުން އެޖެންޑާކޮށް، ރައްުޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހަށް ޖަލްސާއެއް ބާއްވަން ނިންމައިފިއެެވެ.

މަޖިލީހުގެ ޖަލްސާތައް އާއްމު ގޮތެއްގައި ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ނަމަވެސް، މި ފެށޭ ހަފުތާގައި އެންމެ ފުރަތަަމަ ޖަލްސާ އެޖެންޑާކޮށްފައި އޮތީ އާދީއްތަ ދުވަހަށެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވަނީ ތިން ކަމެކެވެ. އެއް ކަމަކީ ސަމޯއާ އެގްރިމެންޓްގައި ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ދިނުމުގެ މައްސަލައެވެ.

ސަމޯއާ އެގްރިމެންޓްގައި ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެއާ އެކު ކޮމިޓީން ނިންމާފައިވަނީ އެ އެގްރިމަންޓްގައި ސޮއިކުރަން ރުހުންދޭން ފެންނަ ކަމަށެވެ.

އިޔޫއާ އެކު ސޮއިކުރާ ސަމޯއާ އެގްރިމަންޓުގެ ސަބަބުން ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކާއި އެ އިއްތިހާދުގެ ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުންތައް ބާއްވަން ފަސޭހަވާނެއެވެ.

ދެވަނަ ކަމަކަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ "ދައުލަތުގެ ދަރަންޏާ ބެހޭ ބިލު"ގެ މަސައްކަތެވެ.

ތިންވަނަ ކަމަށް އޮތީ ތުރުކީއަށާއި ސައުދީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރު އައްޔަނުކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ވިހިވަނަ މަޖިލީހުން ވީހާ ވެސް އަވަހަށް މަސައްކަތްތައް ނިންމާ ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި، މަޖިލީހުން ވަނީ އެ ގޮތަށް މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ.

comment ކޮމެންޓް