ސަމޯއާ އެގްރީމަންޓްގައި ބައިވެރިވާން ލަފާދީފި؛ މަހުގެ ބާވަތްތަކަށް ހެޔޮ އަގު ހޯދަން މަގުފަހިވާނެ

މަސްމާރުކޭޓުގައި މީހުން ހަރަކާތްތެރިވަނީ: އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވޭނެ ކަމަށް ރައީސް އޮފީހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދިނުމުން، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް އެގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން، މިކަމާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

"ސަމޯއާ އެގްރީމަންޓް"އަކީ ކުރިއަށް އޮތް 20 އަހަރަށް، އީޔޫ އާއި އޯއޭސީޕީއެސްގެ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ ތެރޭގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުން ވެސް ވަނީ ރާއްޖެއިން އެކި ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ނުވަތަ ކަނޑާލުމަށް މަޝްވަރާތައްކޮށް، އެކި މަސައްކަތްތައް ކޮށްފައެވެ.

މި ސަރުކާރުން ވަނީ، ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް މިދިޔަ ނޮވެމްބަރު މަހުކޮށްފައެވެ.

comment ކޮމެންޓް