ފުލުހުންގެ އެކްޝަން ޕްލޭން: ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް އުފައްދައިފި

ފުލުހުންތަކެއް: މާދަމާ އަމަލުކުރަން ފަށާ އާ އެސްއޯޕީގެ ދަށުން ފުލުހުންގެ ތެރޭގައި ގޭންގުތަކާ ދެކޮޅު ޚާއްސަ ޔުނިޓެއް ގާއިމުކުރާނެ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މާދަމާ ފަށާއިރު ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ގާއިމުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ އާ އެކްޝަން ޕްލޭނަށް އަމަލުކުރަން ފަށާނީ މާދަމައެވެ.

ފުލުހުންގެ ތަރުޖަމާނު މުހައްމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އާ އެކްޝަން ޕްލޭނާ އެކު ލޯކަލް ޕޮލިސިން ރީޖަންތައް ހިމަނައިގެން 17 ކޮމާންޑް އަދި ޑިރެކްޓްރޭޓުގެ މައްޗަށް ފުލުހުންގެ ޚިދުމަތް ބައްޓަންކުރެވިފައިވާނެ ކަމަށެވެ. އަދި، އެ ޑިޕާޓްމަންޓުތަކާއި ކޮމާންޑް އަދި ޑިރެކްޓްރޭޓުތަކަށް ވެރިން ވެސް މިހާރު އައްޔަންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަލަށް އެކުލަވައިލާ ތަންތަނުގެ ތެރޭގައި ގޭންގް ކްރައިމް އެންފޯސްމަންޓު ޔުނިޓެއް ހިމެނެއެވެ. އަދި، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑާއި ހުޅުމާލެ ޕޮލިސް ވަކި ކޮމާންޑަކަށް ވަނީ ބަދަލުކޮށްފައެވެ.

https://sun.mv/192960

ޝިފާން ވިދާޅުވީ، އެގޮތަށް ނިންމީ ހުޅުމާލޭގެ ޕޮލިސިން ފޯކަސް ހިފަހައްޓާ މަސައްކަތް ހަރުދަނާކުރުމަށް ކަމަށެވެ. އަދި، ގޭންގުތަކުގެ ކުށްތައް މަދުކުރުމަކީ މުހިންމު މަގުސަދެއް ކަމަށެވެ. އަދި، އަލަށް ގާއިމުކުރެވުނު ޑިޖިޓަލް ކޮމާންޑުން ޑާޓާއަށް ބަލައިގެން މަސައްކަތްކުރާ ޒަމާނީ މުއައްސަސާއެއް ބައްޓަން ކުރަން އެހީވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ގަވާނަންސް ނިޒާމު ހަރުދަނާކޮށް، ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ބައްޓަންކުރުމަކީ މި ބަދަލުތަކުގެ މުހިންމު މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީ ވެސް މި ހަތަރު އަހަރުގެ ޕްލޭން ފޯކަސްކުރާނެ ވަރަށް މުހިންމު ދާއިރާއެއް،" ޝިފާން ވިދާޅުވިއެވެ.

https://sun.mv/192870

މި ޕްލޭންގެ މައިގަނޑު ވިސްނުން ބިނާވެފައި އޮތީ ޕްލޭންގައި ހުރި ކަންކަން ކޮންމެ ފުލުހަކަށް ވެސް އެނގި، އެ ކަންކަން ތަންފީޒުކޮށް ދިވެހީން ބޭނުންވާ ފަދަ ތަރައްގީވެފައި އޮތް ފުލުހުންގެ ޚިދުމަތެއް ގެނެސް ދިނުމަށް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ޖުމްލަކޮށް ކްރައިމް ފޯކަސްޑް ޕޮލިސިންގައި އިސްކަންދޭ 10 ކަމެއް ފާހަގަކޮށްފައިވާނެކަން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އަމާޒަކީ ގޭންގުތައް މަދުކުރުން ނޫން ކަމަށެވެ. އަމާޒަކީ ގޭންގުތައް އެއްކޮށް ނައްތައިލުން ކަމަށާއި ސަރުކާރުގެ ޓާގެޓަކީ ޒީރޯ ޓޮލަރެންސް ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް