އިއްޔެ ފުލުހުން އަލަށް އިފްތިތާހު ކުރި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އެންމެ އިސްކަންދޭނީ ޑުރަގާއި ގޭންގު ކުށްތައް ހައްލު ކުރަން ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު ދެ މައްސަލަ އަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައެވެ.
މި މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، މި މައްސަލަތައް މިހާރު ވަނީ ކަންބޮޑުވާ މިންވަރަށް ބޮންސުންލައިގެން ގޮސްފައެވެ. އަދި، މި ކަންތައް ހައްލުކުރުމުގައި މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
ފުލުހުންގެ އެސްއޯޕީއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ، އެ ޚިދުމަތަށް ލިބިފައިވާ ފައިސާ އަދި އެ ނޫން ވަސީލަތްތައް އެންމެ ގިނައިން ބޭނުން ކުރަން ޖެހެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ކަމަށެވެ.
އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތްތަކަށް ކޮންމެ ފުލުހަކު ވެސް މަސައްކަތަށް ނިކުމެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ އިސްކަންދޭނީ އިޖްތިމާއީ ގޮތުން ބޮޑެތި މައްސަލަތަކަށް ކަމަށެވެ.
"އަޅުގަނޑުމެނަށް ލިބިފަައި ހުރި ފައިސާ ނޫނީ ލިބިފައި ހުރި އެނާޖީ އަޅުގަނޑުމެން އެންމެ ބޮޑަށް މި ބޭނުން ކުރަން ޖެހެނީ މަސްތުވާތަކެތި މި ތަނުން ނައްތާލަން. ދެވަނަ ކަމަކަށް އަޅުގަނޑުމެން މި މަސައްކަތް ކުރަންޖެހެނީ މިތާ އެތެރޭގަ މި ގޭންގު ހަދައިގެން މި އުޅޭ މީހުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދަން،" ޝިފާން ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އެ ޚިދުމަތުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެތެރެވެގެން ގާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން ސަބަބުން ދިމާވާ މައްސަލަތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ޖެހޭ ކަން ޝިފާން ވަނީ ފާހަގަކުރައްވާފައެވެ.
2028 އަހަރުގެ ނިޔަލަށް އެކުލަވާފައިވާ މި ޕްލޭންގެ މައިގަނޑު ވިސްނުން ބިނާވެފައި އޮތީ ޕްލޭންގައި ހުރި ކަންކަން ކޮންމެ ފުލުހަކަށް ވެސް އެނގި އެކަންކަން ތަންފީޒުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް އަދި ދިވެހިން ބޭނުންވާ ފަދަ ތަރައްގީވެފައި އޮތް ފުލުހުންގެ ޚިދުމަތެއް ގެނެސް ދިނުމަށް ކަމަށެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެކަން ކުރުމަށް ބިރުގަންނަވަރު ފުލުހުން ކުރަންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ވިދާވެފައެވެ.