ޑްރަގު ވިޔަފާރިއަށް ވަންނަން ބޭނުންވާ މީހާ ބިރުގަންނަވަރު ކުރަންޖެހޭ: މިނިސްޓަރު

ހޯމް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެ ކަން ކުރުމަށް ބިރުގަންނަވަރު ފުލުހުން ކުރަންޖެހޭނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެކަން ކުރުމަށް ބިރުގަންނަވަރު ފުލުހުން ކުރަންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން ނުކުޅެދި، މިހާރު އެ މައްސަލަވަނީ އިންތިހާއަށް ކަންބޮޑުވާ މިންވަރަށް ބޮއްސުންލައިގެން ގޮސްފައެވެ.

ފުލުހުންގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް ހާލަތަށް އިޝާރާތް ކުރައްވައި، މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދު އެ ބޭނުންކުރާ މީހާއާއި ވިއްކާ މީހާއަށް ވެސް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ.

2024އިން 2028އަށް ފުލުހުން ސްޓްރެޓަޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުން -- ފޮޓޯ/ ޕޮލިސް

"އެހެންމާ އެ މާހައުލު ނައްތާލަންޖެހޭނެ އަޅުގަނޑުމެން. ދިވެހިރާއްޖޭގައި ޑްރަގުގެ މާހައުލަކީ އޮވެގެންވާނެ އެއްޗެއް ނޫން، އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެ އެއްޗެއް ނޫން. އަދުގެ ސަރުކާރުގެ ވިސްނުމެއް ނޫން ރާއްޖޭގައި ފަސް އަހަރު ނިމިގެންދާއިރުގައި، ދެން އަންނަ ފަސް އަހަރަކަށް ދިވެހި ދައުލަތާ ހަވާލުވާ ބޭފުޅުން އަނެއްކާ ވެސް މާތްކަލާކޯއޭ، މި ގައުމު ޑްރަގުގެ ވަބާއިން ސަލާމަތްކުރަން ޖެހެއޭ ބުނުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިކަން ހާސިލްކުރުމަށް 90 އިންސައްތަ ޒިންމާވާނީ ދިވެހި ފުލުހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://www.sun.mv/192864

ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަ ހައްލުނުވާނެ ކަމަށް މީހުންނަށް ގަބޫލުކުރެވޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އިންސާނާއަށް ހާސިލްވާނީ އޭނާގެ ތަސައްވުރުގައި އޮންނަ ކަމެއް ކަމަށެވެ. އަދި ވިސްނުމުގައި ކަމެއް ހައްލުވާނެ ކަމުގެ ތަސައްވުރު ނެތި އެ ކަމެއް ހައްލުނުވާނެ ކަމަށެވެ.

ކުރީ ސަރުކާރުތަކުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ނިޔަތެއް ނެތުމުން، އެ މައްސަލަ ހައްލުނުވެ އޮތް ނަމަވެސް، މި ސަރުކާރުގެ އެ ނިޔަތް އެބަ އޮތް ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

https://www.sun.mv/192741

ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ދަށުން ޖުމްލަކޮށް ކްރައިމް ފޯކަސްޑް ޕޮލިސިންގައި އިސްކަންދޭ 10 ކަމެއް ފާހަގަކޮށްފައިވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން ވެސް އެންމެ އިސްކަންދޭނީ ގޭންގްތައް ހަދައިގެން ރާއްޖޭގެ އަމަންއަމާންކަން ނަގާލާފައި އޮތްއޮތުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނޫން މިއަދު އޮތީ 10 ގޭންގް ކަމަށް ވެއްޖިއްޔާ ފަސް އަހަރު ނިމޭއިރު، އޭތި ތިނަކަށް މަދުކުރުމަކީ. އަޅުގަނޑުމެންގެ އަމާޒަކީ 10 ގޭންގު ވެސް އެއްކޮށް ދިއުން މި ތަނުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ސަރުކާރުގެ ޓާގެޓްތަކަކީ "ޒީރޯ ޓޮލަރެންސް" އަދި "ނަންއެކްސެޕްޓެންސް"އެވެ.

ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހަމަ އެކަނި ނިމިދިޔަ މެއި މަހުގައި މަސްތުވާތަކެތީގެ 88 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގައި މަސްތުވާތަކެތީގެ 116 މައްސަލައެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް