ޚަރަދުކުޑަކުރަން މަތީ ފެންވަރުގެ ސިއްހީ އިންޝުއަރެންސް ކަނޑާލަން މެންބަރުން ތައްޔާރު

ވިހިވަނަ މަޖިލީހުގެ މެންބަރުން: ޚަރަދުކުޑަކުރަން މަތީ ފެންވަރުގެ ސިއްހީ އިންޝުއަރެންސް ކަނޑާލަން މެންބަރުން ތައްޔާރު -- ފޮޓޯ/ މަޖިލިސް

ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެމްބަރުންގެ އާއިލާތަކަށް އާސިއާންގެ ގައުމުތަކުން ލިބޭ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން މަޖިލީހުގެ ގިނަ މެންބަރުންތަކެއް ތާއީދުކޮށްފިއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި ގިނަ މެންބަރުންތަކެއް އަންނަނީ އެކަމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކޮށް ޕޯސްޓުކުރަމުންނެވެ.

އެގޮތުން ބާރަށު ދާއިރާގެ ސަރުކާރަށް ނިސްބަތްވާ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލިސް މެންބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭގޮތައް ބަދަލު ކުރަން ތާއީދުކުރައްވާ ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ އެކަމަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ނަމޫނާ ދައްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު އަޒާން މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަމައެއާއެކު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ނަމޫނާ ދައްކަންޖެހޭނެ ކަމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ. އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބޭކަށް ނުޖެހޭ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން

މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން ވެސް އެ ވާހަކަވަނީ ތަކުރާރުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަތި މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން ނަމޫނާ ދައްކައި މެންބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅާ ކަމަށެވެ.

އެކަމަށް ވޯޓު ދިނުމަށް އޭނާ ވެސް ހުރީ ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރު ނިމެން އުޅެނިކޮށެވެ. މުސާރަ ބޮޑުކުރިއިރު މި ދައުރުގައި އިތުރަށް މެމްބަރުންގެ އަދަދު އިތުރުކޮށް، 93 އަށްވަނީ އަރައިފައެވެ.

މީގެ ކުރިން ވެސް މެމްބަރުންނަށް އިންޝުއަރެންސާއި އެ ނޫން ކަންކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާތީ އާންމުންގެ ނުރުހުމާއި ފާޑުކިޔުން އެކަމަށް އައީ އަމާޒުވަމުންނެވެ.

އިގްތިޞާދީ ހާލަތު ގޯސްވުމަން އަންނައިރު ރާއްޖޭއިން ބޭރަށް ދައްކަން ޖެހިފައިވާ ދަރަނި ބޮޑުކަން ފާހަގަކޮށް ގައުމުތަކުގެ އިގުތިސާދަށް ބަލައި ކްރެޑިޓް ރޭޓިންތައް ކަނޑައަޅާ މޫޑީސްއިން ބުނެފައިވަނީ އެއީ ލޯނުތައް ރީފައިނޭންސް ކުރުމަށާއި ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހޯދަން އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭއިރު، ޓެކުހަށް ގެންނަ އިސްލާހުތަކާއެކު ގައުމުގެ އިތުރުވެ މާލީ ހާލަތު ވެސް ރަނގަޅުވަމުންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހަމައެއާއެކު ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ކްރެޑިޓް ރޭޓިން ވެސް ވަނީ ދަށްކޮށްފައެވެ.

https://sun.mv/193615

މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ރާއްޖޭގެ ފޮރިން ރިޒާވްގައި ހުރިއިރު، އެ ރިޒާވް މެއި މަހު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކޮށް، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް'އަށް ދަށްކޮށްފައެވެ. އެއީ ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިނޭންސް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ.

ރާއްޖޭން މި އަހަރު ބޭރުގެ ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު އަދި ގެރެންޓީޑް ބޭރުގެ ދަރަނީގެ ގޮތުގައި 176 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ފިޗުންވަނީ ބުނެފައެވެ.

އެގޮތުން މިއަހަރު ސަރުކާރުން ދައްކަންޖެހޭ ދަރަނި 409 މިލިއަން ޑޮލަރަށް އަރާފައިވާތީ އެކަމުގެ ބުރަ ބޮޑުވާނެ ކަމަށް ފިޗުން ބުނެފައިވެއެވެ.

comment ކޮމެންޓް