ފޮރިން މިނިސްޓަރު އެމެރިކާއަށް ވަޑައިގަންނަވަނީ ގުޅުން ބަދަހިކުރަން

ފޮރިން މިނިސްޓަރު: އޭނާ ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރޭ އެމެރިކާއަށް ފުރާވަޑައިގަތީ ގުޅުން ބަދަހިކުރަން ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ރަސްމީ ދަތުރެއްގައި ޒަމީރު ރޭ ވަނީ އެމެރިކާއަށް ފުރާވަޑައިގެންފައެވެ. ދެ ދުވަސް އެ ގައުމުގައި ހޭދަކުރެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ވަޒީރުގެ ދަތުރުގައި އެމެރިކާ ސަރުކާރުގެ އިސްވެރިންނާއި އދ.ގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުގެ ބޭނުމަކީ ރާއްޖެ - އެމެރިކާ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުން ކަމަށެވެ.

މި ގޮތުން މި ދަތުރުގައި ޒަމީރު ފުރަތަމަ ވޮޝިންޓަން ޑީސީއަށް ވަޑައިގެން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓުގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާއި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން، އެ ގައުމުގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއަށް ފަހުގައި ވޮޝިންޓަން އަދި ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެއެވެ. އަދި، ނިއުޔޯކުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވަން ވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

https://sun.mv/192862

ނިއުޔޯކުގައި ޒަމީރު އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާ ބައްދަލުކުރައްވައި އދ. އިސް ބޭބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސެކެރެޓަރީ ބައިލެޓްރަލް، ޑރ. ހާލާ ހަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ ހަސަން ހުސެން ޝިހާބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރު ޒަމީރު އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވީއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެއަށްދޭ އެހީތައް އެއްކޮށް ކަނޑާލަން ގޮވާލައި އެ ގައުމުގެ ސެނެޓަށް ބިލެއް ހުށަހަޅައިފައެވެ. އެގޮތަށް ނިންމީ، އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރާނެކަން ދިވެހި ސަރުކާރުން އިއުލާނުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް