ރައީސްގެ ޔަގީންކަން: ''ދެން އަންނާނީ އުފާ ފާޅުކުރަން''

ރައީސް މުއިއްޒު، މަޑުއްވަރީގައި: އެ މަނިކުފާނު ވިދާޅުވީ ދެން ވަޑައިގަންނަވާނީ އުފާފާޅުކުރަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވައުދުވެވަޑައިގެން ގޮތަށް ހުރިހާ ވައުދުތައް ވެސް ފުއްދޭނެ ކަމަށާއި އިރާދަކުރެއްވިއްޔާ ދެން ރަށްރަށަށް ވަޑައިގަންނަވާނީ ވައުދުތައް ފުއްދައި އެ ކަމުގެ އުފާފާޅުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. މަޑުއްވަރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ވައުދުވި ގޮތަށް މަޝްރޫއުތައް މި އަހަރު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

"މަޑުއްވަރީގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި އަމަލީ ސިފަ ކުރިއަށް ހުރި ދުވަސްތަކުގައި ހަމަ ހަގީގީ މާނައިގައި ޖެހޭނެކަމުގެ ޔަގީންކަން އިރާދަކުރެއްވީތީ ދެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ރ. މަޑުއްވަރީގައި: އެ މަނިކުފާނު ވަނީ ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ގޮތުން، މަޑުއްވަރީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ވެސް ވީހާ ވެސް އަވަހަކަށް ގުޅިލާމެހިގެންދާނެ ގޮތަކަށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެއަށް ފަހުގައި ވާހަކަދައްކަވާ ނިންމަވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، ދެން އެ ރަށަށް ވަޑައިގަންނަވާނީ ވައުދުތައް ފުއްދައި، އުފާ ފާޅުކުރަން ކަމަށެވެ.

"ދެން އަޅުގަނޑު އަންނާނީ އިރާދަކުރެއްވިއްޔާ އެ ކަންކަން ނިމިގެން އުފާފާޅުކުރުމުގައި ބައިވެރިވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މަޑުއްވަރީ ރައްޔިތުން އިގުތިސާދީ މަސައްކަތް ކުރަން އެ އަތޮޅު އުފުލަންދޫ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެ އަތޮޅު މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނުއްވަން ވެސް އެ މަނިކުފާނު ވަނީ ވައުދުވެލައްވައިފައެވެ.

https://sun.mv/201678

މަޑުއްވަރީއަށް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަންކަން:

  • ހިއްކެން އޮތް އެންމެ ބޮޑަކަށް މަޑުއްވަރީގެ ބިން ހިއްކުން
  • ހިއްކާ ބިން ވަގުތުން ހިމާޔަތްކުރުން
  • އެއް ބަނދަރުގެ ބޭރު ތޮށި ވެހިކަލް އެރޭގޮތަށް ބަދަލުކުރުން
  • 50 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުން
  • ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޖާގަ އިތުރުކުރުން
  • ފުޓުބޯޅަ ދަނޑު ނިންމައިދިނުން
comment ކޮމެންޓް