ރ. އަތޮޅު މަޑުއްވަރީއަށް އެ އަތޮޅު އުފުލަންދޫ އަދި މީދޫއަށް ތާވަތާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ކެމްޕޭންގައި ވައުދުވީ ހުރިހާ ކަމެއް ވައުދުވި ގޮތަށް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަޑުއްވަރީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ ގޮތުގެ މަތިން މި އަހަރު ފެއްޓޭނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ހައެއްކަ ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، އެއީ މަޑުއްވަރީއަށް އެކަށިގެންވާ އަދަދެއް ނޫން ކަމަށް ރައީސް ގަބޫލުފުޅުކުރައްވައެވެ.
އެހެންވެ، މަޑުއްވަރީ ރައްޔިތުން އިގުތިސާދީ މަސައްކަތްތައް ކުރަން އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އުފުލަންދޫ ހިމަނުއްވައިދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ އެ ގޮތަށް، އެ އަތޮޅު މީދުއަށް ވެސް ބިމުގެ ދަތިކަން ދިމާވާތީ، އިގުތިސާދީ ކަންކަން ކުރަން އެ ރަށުގެ އިހުތިސާސްގައި ތާވަތާ ހިމަނުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ކަމާ ގުޅޭ ގާނޫނީ ލިޔެކިޔުމުގެ ކަންކަން ކުރިއަށް ގެންގޮސް، އެ ކަން ހަމަޖެހިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"މީދޫގައި ވެސް ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. މީދޫ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނަން ނިންމި ވާހަކަ އަޅުގަނޑު އިއުލާނުކޮށްލަން ބޭނުން،"
މީގެ އިތުރުން ވެސް މަޑުއްވަރީގެ ތަރައްގީއަށް ވައުދުވީ ކަންކަން އެ ގޮތުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެ ގޮތުން ރައީސް ވައުދުވެލެއްވި ގޮތަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އެ މަނިކުފާނު އިއުލާނުކުރެއްވި ކަންކަމަކީ:
- ހިއްކެން އޮތް އެންމެ ބޮޑަކަށް މަޑުއްވަރީގެ ބިން ހިއްކުން
- ހިއްކާ ބިން ވަގުތުން ހިމާޔަތްކުރުން
- އެއް ބަނދަރުގެ ބޭރު ތޮށި ވެހިކަލް އެރޭގޮތަށް ބަދަލުކުރުން
- 50 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުން
- ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޖާގަ އިތުރުކުރުން
- ފުޓުބޯޅަ ދަނޑު ނިންމައިދިނުން
"ހުރިހާ ކަމެއް ގުޅިލާމެހިގެންދާ ގޮތަށް އެ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އަދި އެ ހުރިހާ ކަމެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަޅުގަނޑު ދަންނަވާލަން،" މި އަހަރު ތެރޭގައި މަޝްރޫއުތައް ފެށޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ނުފެށި ކުޑަކޮށް ލަސްވީ މިދިޔަ އަހަރު އިގުތިސާދު ހަމައަކަށް އަޅުވަން ގިނަ ކަންތައްތަކެއް ކުރަން ޖެހުމުންނާއި އެ އަހަރު 'އެއްވެސް ބޭނުމެއް ނުކުރެވޭ' ބަޖެޓެއް އޮތުމުން ކަމަށެވެ. އެއީ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެކެވެ.
"ދެން އަޅުގަނޑު އަންނާނީ އިރާދަކުރެއްވިއްޔާ އެ ކަންކަން ނިމިގެން އުފާފާޅުކުރުމުގައި ބައިވެރިވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަންނަނީ އެ ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ. އެ މަނިކުފާނު ވަނީ މި އަހަރާއި އަންނަ އަހަރަކީ އަމަލީ ގޮތުން ވައުދުތައް ފުއްދަވައިދެއްވާނެ އަހަރުތަކެއް ކަމަށް ވިދާޅުވެފައެވެ.