ޢަރަފާތް ދުވަހު އެއްފަހަރާ ދެ ރޯދަ ހިފިދާނެތަ؟

ހައްޖުވެރިޔަކު ދުޢާކުރަނީ، ހައްޖުވެރީން ނޫން މީހުން ޢަރަފާތްދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް -- ފޮޓޯ / އީއެން.ޝަފަގްނާ.ކޮމް

ޢަރަފާތް ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. މި އަހަރު އެ ދުވަސް މީލާދީ ކަލަންޑަރުން ދިމާވަނީ މި ހިނގާ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހާއެވެ. އެ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. އެއީ ގިނަގުނަ ސަވާބު ލިބޭ މަތިވެރި އަޅުކަމެކެވެ. އެ ދުވަހުގައި ރޯދަ ހިފައިފިމީހާއަށް، އިސްވެދިޔަ އަހަރާއި އަދި ކުރިއަށް އޮތް އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ އުއްމީދުކުރައްވާކަމަށް ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 1162)

އަހަރުގެ އެހެން ދުވަސްތަކަށްވުރެ ޢަރަފާތް ދުވަސް ޚާއްސަވާ ސަބަބުތަކެއްވެއެވެ. އެގޮތުން އެ ދުވަހެއްގައި އެންމެ ގިނަމީހުން ނަރަކައިން ސަލާމަތް ކުރެއްވޭނެ ދުވަހަކީ ޢަރަފާތް ދުވަސްކަމަށް ޙަދީޘްގައި ވެއެވެ. (މުސްލިމް: 1348) ހަމަ މިއާއެކު، ޢަރަފާތް ދުވަހުގައި، ﷲ އަށްޓަކައި ޢަރަފާތު ބިމަށް ޖަމާވެ ތިބޭ މީސްތަކުންނާމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެކަމަށް އަންގަވާފައިވެއެވެ.(އަޙްމަދު: 8047)

ޢަރަފާތް ދުވަސް ހިމެނެނީ އަހަރެއްގައި އަންނަ އެންމެ ހެޔޮކަން ބޮޑުވެގެންވާ ދިހަ ދުވަހުގެ ތެރޭގައެވެ. ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ހެޔޮ ޢަމަލުތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަދުވަހުގައި ކުރާ ހެޔޮ ޢަމަލުތައް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(ބުޚާރީ: 969) މިއީ ހެޔޮކަމުން ފުރިގެންވާ ދުވަހަކަށްވާތީ، ޞަދަޤާތްކުރުމާއި، ޤުރުއާން ކިޔެވުމާއި ޛިކުރުކުރުން ގިނަކުރުމާއި، މީހުންނަށް އެހީތެރިވެދިނުމާއި، މުންކަރާތްތައް މަނާކުރުމާއި އަދި (الله أكبر الله أكبر الله أكبر كبيرا .. الله أكبر الله أكبر لا إله إلا الله .. الله أكبر الله أكبر ولله الحمد) މިފަދަ ޢިބާރާތަކުން ތަކުބީރު ކިޔުން ފަދަ ހެޔޮ ޢަމަލުތައް ގިނަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޢަރަފާތް ދުވަސް ޚާއްސަވާ އަނެއް ކަމަކީ އެ ދުވަހުގައި ކުރާ ދުޢާގެ މަތިވެރިކަމެވެ. އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާކަމަށާއި، އެ ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އޭގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުން ކުރެއްވި ދުޢާއަކީ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކަމަށް އެންގެވިއެވެ. (ތިރުމިޛީ: 3585) އެހެންކަމުން ވީހާ ގިނައިން މި ދުޢާއާއި އެހެނިހެން ވެސް ދުޢާތައް ޢަރަފާތް ދުވަހުގައި ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އެކި ކަންކަމާ ގުޅޭގޮތުން ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް ކުރުން މޮޅުއިތުރެވެ. ހަމަމިއާއެކު، އެ މީހެއްގެ އަމިއްލަ ބަހުން އެ މީހަކު ބޭނުން ކޮންމެ ހެޔޮ ކަމަކަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވޭނެއެވެ.

ޢަރަފާތް ދުވަހުގެ ރޯދައާމެދު ޢާއްމުކޮށް ކުރެވޭ ސުވާލެއް އޮވެއެވެ. އެއީ މީހަކު ޤަޟާކުރަންޖެހިފައިވާ ވާޖިބު ރޯދައެއް ޢަރަފާތް ދުވަހުގައި ހިފައިފިނަމަ، ޢަރަފާތް ދުވަހުގެ ސުންނަތް ރޯދަ ވެސް ހިފުނީކަމަށް ވާނެހެއްޔެވެ؟ އެގޮތަށް ހެދުމުން ދެ ރޯދަ ހިފުމުގެ އަޖުރު އެ މީހަކަށް ލިބޭނެހެއްޔެވެ؟ މިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ.

ޙަނަފީންނާއި ޙަންބަލީން އަދި އިބުނު ޙަޒުމް ދެކެވަޑައިގަންނަވާގޮތުގައި އެގޮތަށް ދެ ރޯދަ އެއްކުރިޔަސް ދެ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. ޙަނަފީ މަޛުހަބުގެ އަލްއިމާމު މުޙައްމަދު ބިން ޙަސަން ވިދާޅުވާގޮތުގައި؛ ޤަޟާ ރޯދައަކާއި ތަޠައްވުޢު (ސުންނަތް) ރޯދައަކަށް އެއްފަހަރާ ނިޔަތް ގަތްނަމަ އެ ވާނީ ތަޠައްވުޢުގެ ރޯދައެއް ހިފިކަމަށެވެ. ޤަޟާ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. މިއާ ޚިލާފަށް އަބޫ ޔޫސުފު ދެކެވަޑައިގަންނަވާ ގޮތުގައި، އެ ހާލަތުގައި ވާނީ ޤަޟާ ރޯދައެއް ހިފި ކަމަށެވެ. ސުންނަތް ރޯދަ ހިފި ކަމަކަށް ނުވާނެއެވެ. އެހެނީ ސުންނަތުގެ މައްޗަށް ވާޖިބު އިސްވެގެންވާތީ ސުންނަތް ރޯދައިގެ ނިޔަތް ބާތިލުވެ ވާޖިބު ރޯދަ އިސްވަނީއެވެ.

ޙަންބަލީ މަޛުހަބަށް ބަލާއިރު، ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ޤަޟާ ރޯދަ ހިފުން ހުއްދައެވެ. ނަމަވެސް އެއީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ އެ ދުވަސްތަކުގައި ޤަޟާ ރޯދަ ހިފާނަމަ އެ ދުވަސްތަކުގެ ސުންނަތް ރޯދައިގެ ސަވާބު ނުލިބިދާނެތީއެވެ. އަދި، އިމާމު އަޙްމަދާއި އެހެން ވެސް ޢިލްމުވެރިންނަށް ނިސްބަތް ކުރައްވައި އިބުނު ރަޖަބު ވިދާޅުވެފައިވެއެވެ. ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު ޤަޟާ ރޯދަ ހިފުމުން އެ ދުވަސްތަކުގެ ސުންނަތް ރޯދަ ހިފުމުގެ ސަވާބު ވެސް ލިބޭނެއެވެ.

އިބުނު ޙަޒުމް ދެކެވަޑައިގަންނަވާގޮތުގައި، ޤަޟާ ރޯދައަކާއި ސުންނަތް ރޯދައެއް އެކުގައި ހިފުމަށް ނިޔަތް ގަނެފިނަމަ އެ ދެކަންތައް ވެސް ބާތިލުވާނެއެވެ. އެގޮތަށް ރޯދަ ހިފިޔަސް އެއިން އެއްވެސް ރޯދައެއް ހިފުނުކަމަކަށް ނުވާނެއެވެ.

ނަމަވެސް ޝާފިޢީންނާއި މާލިކީން ދެކެވަޑައިގަންނަވާގޮތުގައި ޢަރަފާތް ދުވަހުގައި ޤަޟާ ރޯދައެއް ހިފުމުން، އެ ދުވަހުގެ ސުންނަތް ރޯދަ ހިފުމުގެ ސަވާބު ވެސް ލިބޭނެއެވެ. މާލިކީ މަޛުހަބުގައިވާގޮތުން، ޢަރަފާތް ދުވަހުގައި ޤަޟާ ރޯދައަކަށާއި އެ ދުވަހުގެ ސުންނަތް ރޯދައަށް އެކުގައި ނިޔަތް ގަނެފިނަމަ އެ ދެރޯދައިގެ އަޖުރު ވެސް ލިބޭނެއެވެ. ހުކުރު ދުވަހުގެ ހިނެއިން ހިނައިގަންނައިރު ޖުނުބުގެ ހިނެއުމަށް ނިޔަތް ގަތުމުން ދެ ކަންތައް ވެސް ހާސިލުވުމުގެ މައްޗަށް ޤިޔާސް ކުރާއިރު އެގޮތަށް ހިފާ ރޯދަ ވެސް ޞައްޙަވާނެއެވެ.

މި މައްސަލައަށް ބަލާއިރު، ސުންނަތް ރޯދައަކާއި ޤަޟާ ރޯދައެއް އެއް ދުވަހެއްގައި އެކުގައި ހިފުން ރަނގަޅުވާނެތޯ ނުވަތަ ނޫންތޯއާމެދު އެއްވެސް ދަލީލެއް އައިސްފައެއް ނުވެއެވެ. މި މައްސަލައާމެދު ޢިލްމުވެރީންގެ މެދުގައި ޚިޔާލު ތަފާތުވާންޖެހުނީ މި ސަބަބަށްޓަކައެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ކަމުގައި ބޮޑަށް ބުރަވެވެނީ، އެއް ދުވަހެއްގައި ދެ ރޯދަ ޖަމްޢުކުރުމުން ދެ ރޯދަ ހިފުމުގެ ސަވާބު ނުލިބޭނެކަމަށް އޮތް ރައުޔަށެވެ. ސަބަބަކީ ވާޖިބު ރޯދައާއި ސުންނަތް ރޯދަ މިއީ މުޅީން ދެ އެއްޗެކެވެ. ވީމާ، ސުންނަތް ރޯދަތައް ހިފުމަށް ހުރި ދުވަސްތަކުގައި އެ ރޯދަ ހިފާނީއެވެ. އަދި ޤަޟާ ރޯދަފަދަ ވާޖިބު ރޯދަތައް އެހެން ދުވަސްތަކުގައި ހިފުން މޮޅު އިތުރުވެގެންވެއެވެ.

comment ކޮމެންޓް