ކައިވެނީގެ ޢަޤުދަކީ އާއިލާއެއް ބިނާކުރުމުގެ ފުރަތަމަ ރުކުނެވެ. އާއިލާތައް ރަނގަޅުވެއްޖެނަމަ މުޖުތަމައު ރަނގަޅުވެދެއެވެ. އަދި އާއިލާތައް ފަސާދަވެއްޖެނަމަ މުޖުތަމައު ފަސާދަވެދެއެވެ. ކައިވެންޏަކަށްފަހު ދެމަފިރީން އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވުމާއެކު، ކައިވެންޏާ ގުޅޭ މާލީ އިލްތިޒާމުތައް (obligations) އެކަށީގެންވާ ގޮތުގައި އަދާކުރުމަށް އަންގަވާފައިވެއެވެ. (މުސްލިމް: 588، ތިރުމިޛީ: 3/467).
ޤުރުއާނާއި ސުންނަތުން އަދި އިޖުމާޢުން ސާބިތުވާގޮތުގައި، އަނބިދަރީންނަށް ޚަދަރުކުރުމަކީ ފިރިމީހާއަށް ވާޖިބުވެގެންވާ ކަމެކެވެ (އަލްބަޤަރާ: 233، މުސްލިމް: 1218، ބަދާއިޢުއްޞަނާއިޢު: 4/15). އަދި މި ޚަރަދުކުރުމުގައި ބެލެވޭނީ ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަކަށެވެ. (އައްޠަލާޤު: 7).
ރުޖޫޢަކުރުން ހުއްދަވާ (ރަޖުޢީ) ވަރިއެއްގެ ޢިއްދާގައި އިން އަނބިމީހާއަށް، އެ މުއްދަތުގެތެރޭގައި އޭނާ ދިރިއުޅޭނެ ތަނެއް ފިރިމީހާ ދޭންޖެހޭނެއެވެ. (އައްޠަލާޤު: 1). އަދި ކައިވެނިކޮށްގެން އުޅުނު އިރެކޭ އެއްގޮތަށް އެހެނިހެން ޚަރަދުތައް ކޮށްދިނުންވެސް ވާޖިބުވާނެއެވެ. (އަލްބަޤަރާ: 233). ރުޖޫޢަނުކުރެވޭ (ބާއިން) ވަރިއެއްގެ ޢިއްދާގައި އިން އަންހެނާއަށް އެ މުއްދަތުގައި އޭނާ އުޅޭނެ ތަނެއް ދިނުން ލާޒިމުވާނެކަމަށާއި ނަމަވެސް އޭގެ އިތުރުން އެހެން ޚަރަދެއް ދޭން ނުޖެހޭނެކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. (އަލްމުދައްވަނާ: 2/108، އަލްއުއްމު: 5/253، އަލްއިންޞާފު: 9/361).
މީގެއިތުރުން؛ ވަރިކުރިއިރު އަނބިމީހާ މާބަނޑުނަމަ ވިހަންދެން އޭނާއަށް ޚަރަދު ކުރުމާއި، އަދި ވިހޭ ދަރިފުޅަށް އަނބިމީހާ ކިރުދޭނަމަ އެކަމަށްޓަކައި އޭނާއަށް އުޖޫރަ ދިނުންވެސް ވާޖިބުވާނެއެވެ. (އައްޠަލާޤު: 6). ދެމަފިރީން ވަކިވުމަށްފަހު ދަރީން ބަލަހައްޓަނީ ކުދީންގެ މަންމަ ކަމަށްވާނަމަ ދަރީންގެ ޚަރަދާއެކު އެ ދަރީން ބެލެހެއްޓުމުގެ އުޖޫރަ އޭނާއަށް ދިނުމަކީ ވަރިކުރި ފިރިމީހާގެ ޒިންމާއެކެވެ. (ޙާޝިޔަތު އިބުނު ޢާބިދީން: 3/561)
އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާއަށް އޮތް ވާޖިބެއްކަމުން، އޭނާ ބޭނުންނަމަ އެ ހައްގު އަދާކޮށްފައި އަދި ބޭނުންނޫންނަމަ އަދާނުކޮށް ދޫކޮށްލުމުގެ އިޚުތިޔާރެއް އޭނާއަކަށް ނޯންނާނެއެވެ. (އަމީރާ އަލްއަޒްހަރީ 1997).
ފިރިމީހާ ޚަރަދުނުކުރާނަމަ އޭނާގެ އިޒުނައާނުލައި އޭނާގެ މުދަލުން އަނބިމީހާ ނެގުން
ހިންދު ބިންތު ޢުތުބާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އަޅުގަނޑުގެ ފިރިމީހާ އަބޫ ސުފިޔާނަކީ ވަރަށް މުށްބާރު މީހެކެވެ. އަޅުގަނޑަށާއި ދަރީންނަށް ފުދޭ މިންވަރަށް އޭނާ ޚަރަދުނުކުރާތީ، އޭނާއަށް ނޭނގޭގޮތަށް އޭނާގެ މުދަލުން އަޅުގަނޑު ނަގަމެވެ. އެކަމުގެ ސަބަބުން އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟ އެހިނދު އިތުރު އެކަލޭފާނު ޙަދީޘްކުރެއްވިއެވެ. "ތިބާއަށާއި ތިބާގެ ދަރިފުޅަށް ފުދޭ މިންވަރަށް، އެކަށީގެންވާ ގޮތުގައި އޭނާގެ މުދަލުން ނަގާށެވެ" (ބުޚާރީ: 5364).
ޙަދީޘާމެދު ބަލައިލުން
ފުރަތަމަ ނުކުތާ: ހިންދު ބިންތު ޢުތުބާއަށް ދިމާވި ކަންތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގެންދަވާފައިވުމުން، މިބާވަތުގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވާ ފަރާތަށް އެ މައްސަލަ ހުށައަޅަންޖެހޭނެކަން އެނގެއެވެ.
ދެވަނަ ނުކުތާ: ހިންދުގެ ޝަކުވާގައި، أبا سفيانَ رجلٌ "شحيحٌ" އެވެ އޮތް ބަސްފުޅުގެ މުރާދަކީ ފައިސާއާއި މުދާވެސް ހިމެނޭގޮތަށް އެތަކެތި އެއްގޮތަކަށްވެސް ނުދިނުން ނުވަތަ ދިނުން ވަރަށް ބޮޑަށް މަދުވުމެވެ. އެއީ ދަހިވެތިކަމުގެ ވަރަށް މަތީ ދަރަޖައެކެވެ (ތައުސީސުލްއަޙްކާމި: 142). އަދި لا يعطيني ما يَكفيني وولَدي އަޅުގަނޑަށާއި އަޅުގަނޑުގެ ދަރިފުޅަށް "ފުދޭ މިންވަރަށް" އޭނާ ޚަރަދެއް ނުކުރެއޭ އޮތުމުން، އެކަމަނާއަށް ކުރިމަތިވެވަޑައިގެންފައި އެވަނީ ވަރަށް ދަތި ހާލަތެއްކަން އެނގެއެވެ.
ނަމަވެސް އެ ދަތި ހާލަތުގައި ވެސް އަބޫ ސުފިޔާނުގެ މުދަލުން އޭނާގެ އިޒުނައާނުލައި ނެގުމުގެ ހުއްދަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންދުއަށް ދެއްވާފައި އެވަނީ ދެކަމެއް ޝަރުތު ކުރައްވާފައެވެ. އެއީ؛ އެކަމަނާއާއި އޭނާގެ ދަރިފުޅަށް "ފުދޭ މިންވަރަށް" ނެގުމާއި، "އެކަށީގެންވާ ގޮތުގައި" އެކަން ކުރުމެވެ. ވީމާ ހިންދުއަށް ދެއްވި އެ ހުއްދައަކީ އެއްވެސް ހިފެހެއްޓުމެއްނެތި މުޠުލަޤު (absolute) ކޮށް ދޫކޮށްލެވިފައިވާ ހުއްދައެއްނޫންކަން ސާފުކޮށް އެނގެއެވެ.
ތިންވަނަ ނުކުތާ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު އުޅުނު މީހުންގެ ދީންވެރިކަމާއި އަޚުލާގާއި އާދަކާދައާއި ދިރިއުޅުން ހުރިގޮތް މިޒަމާނުގެ މީހުންގެ އެކަންކަން ހުރިގޮތާ ވަރަށް ބޮޑަށް ތަފާތެވެ. ވުމާއެކު، ވަރަށް ހަނި ފުރުސަތެއްގެ ތެރެއިން ހިންދު އަށް ދެއްވާފައި އެވާ ހުއްދަ ބޭނުންކޮށް، ފިރިމީހާގެ މުދަލުން އޭނާއަށް ނޭނގި އަނބިމީހާ އަމިއްލައަށް ނަގަމުން ގެންދިއުމަކީ މި ޒަމާނުގައި އެންމެ އެކަށީގެންވާ ގޮތްކަމަށް ނުވެދާނެއެވެ.
ހަތަރުވަނަ ނުކުތާ: ފިރިމީހާގެ އިޒުނައާނުލައި އޭނާގެ މުދަލުން އަނބިމީހާ އަމިއްލައަށް ނެގުމުގެ މައްސަލައިގައި އިސްލާމީ ގައުމުތަކުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު؛ ސައުދީ އަރަބިޔާގައި، ފިރިމީހާ ޚަރަދުނުކުރާނަމަ އަނބިމީހާއަށް އޮތީ ދަޢުވާކުރުމެވެ. ހުށައެޅޭ މައްސަލަތައް - ކޮންމެ މައްސަލައެއް ވަކީން - ބެލުމަށްފަހު، އާއިލާއަށް މަސްލަހަތު ބޮޑު ގޮތަކީ އެއީކަމަށް ފެނިއްޖެހިނދެއްގައި ފިރިމީހާގެ މުދަލުން ނެގުމުގެ ހުއްދަ އަނބިމީހާއަށް ދެވެއެވެ (އައްޔޫބު މުޙައްމަދު. އަލްޖަރްބޫޢު 2007). ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި އޮންނަގޮތުން، ކޯޓުގެ ހުއްދައާނުލައި އަނބިމީހާއަށް ފިރިމީހާގެ މުދަލުން ބޭނުމެއް ނުކުރެވޭނެއެވެ (ވެލްޗްމަން 2007). ހަމަ މިގޮތަށް ޕާކިސްތާނާއި މިޞްރަކީވެސް މި އުސޫލަށް ޢަމަލުކުރާ ދެގައުމެވެ. (ހަމްޒާ އެންޑް ހަމްޒާ 2021 ، ބާނާޑް މާޖިރޮން 2008).
ފަސްވަނަ ނުކުތާ: ފިރިމީހާ ޚަރަދު ނުކުރާ ހާލަތުގައި، އޭނާގެ އިޒުނައާނުލައި އޭނާގެ މުދަލުން ނެގުން ދީނުގައި ހުއްދަކަމެއްގެ ގޮތުގައި އޮތްނަމަވެސް އެކަން އެގޮތަށް ކުރަންވާނީ، އޭގެ ސަބަބަން ނޭދެވޭ ނަތީޖާއެއް ނުނިކުންނާނެކަން އެނގޭނަމަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. (موسوعة الأحاديث النبوية 2024).
މިޒަމާނުގައި ބައެއް ދެމަފިރީން އެމީހުންގެ މުދަލާމެދު ހަދާ އެއްބަސްވުމާއި، އާއިލާއާއި މުދަލާބެހޭ ޤާނޫނުތަކާއި، އެކަންކަމާ ބެހޭ މައްސަލަތައް ބަލާނެ އިދާރާތައް ހުރެއެވެ. ކަންމިހެން އޮއްވައި، ޚަރަދުނުކުރާ ހާލަތުގައިކަމަށްވިޔަސް، އަނބިމީހާ އަމިއްލައަށް ކަނޑައަޅާ ގޮތެއްގެމަތީން ފިރިމީހާގެ މުދާ އޭނާގެ އިޒުނައާނުލައި ބޭނުންކުރަމުން ދާނަމަ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނިކުތުމުގެ ފުރުސަތު ބޮޑުކަމުގައި ބެލެވިދާނެއެވެ.
ވީމާ، ފިރިމީހާ އަނބިދަރީންނަށް ޚަރަދު ނުކުރާނަމަ ފުރަތަމަ ފިޔަވަޅަކަށް ދެމީހުން ވާހަކަ ދައްކައިގެން ނުވަތަ ދެފަރާތުގެ އާއިލާގެ މީހުން މެދުވެރިކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދޭތޯ މަސައްކަތްކުރާނީއެވެ. އާއިލީ މައްސަލަތަކުގައި އެގޮތަށް ޢަމަލުކުރުމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ (އައްނިސާ: 35). އަދި އެވަރުންވެސް ހައްލެއް ނުލިބޭނަމަ އެ މައްސަލައެއް ކޯޓަށް ނުވަތަ ކަމާބެހޭ އިދާރާއަށް ހުށައަޅައިގެން ހައްލު ހޯދުމީ އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށް ފެނެއެވެ.