މީސްމީޑިއާއަކީ މިޒަމާނުގެ ދިރިއުޅުމުގެ ބައެއްކަމުގައި މިވަނީ ވެފައެވެ. މުޅި ދުނިޔޭގައި އިންޓަނެޓު ބޭނުންކުރާމީހުންގެ 62.3 އިންސައްތަ މީހުން މީސްމީޑިއާ ބޭނުންކުރެއެވެ. އަދި މީގެތެރެއިން 90 އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށްވުމުން، މީސްމީޑިއާގެ ނުފޫޒު އެމީހުންގެތެރޭގައި އޮތް މިންވަރު ވަޒަންކުރެވެއެވެ (ސެންޓިމެންޓް، 2024 ، ސްމާޓް އިންސައިޓްސް، 2024). ޒުވާނުންގެ މެދުގައި މަގުބޫލު މަންސަތަކުގެތެރޭގައި؛ ފޭސްބުކާއި ޔޫޓިއުބާއި، އިންސްޓަގްރާމާއި ޓިކްޓޮކް އަދި ސްނެޕްޗެޓް ހިމެނެއެވެ. ހެޔޮގޮތުގައި ބޭނުންކުރާނަމަ ފައިދާތަކެއް ލިބޭ، މީސްމީޑިއާ އެކަށީގެންނުވާގޮތުގައި - ޚާއްސަކޮށް ނިދުމުގެ ކުރިން - ބޭނުންކުރުމުން ގެއްލުންތަކެއް ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެތެރޭގައި، ނިދުމުގެ ފެންވަރާއި މުއްދަތު އަދި ނިދުމުގެ އުސޫލާއި ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނެއެވެ. މީގެ ތަފުސީލަށް މި މަޒުމޫނުގައި ބަލައިލާނަމެވެ.
ނިދިއައުން ލަސްވުން
ނިދާ ގަޑީގައި މީސްމީޑިއާ ބޭނުންކުރާނަމަ ކުރިމަތިވާނެ އެންމެ އަސާސީ އެއްގެއްލުމަކީ ނިދިއައުން ލަސްވުމެވެ. މީސްމީޑިއާގެ މަންސަތައް ހާވަން ފެށުމާއެކު، އެކަން ހުއްޓައިނުލައި ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ސިކުނޑީގައި އުފައްދަމުންދާނެއެވެ. އޭގެ ސަބަބުން "ތަބީއީގޮތުން ނިދިއައުމަށް މެދުވެރިވާ ހާލަތު" ހުއްޓުމަކަށް އަންނާނެއެވެ. ސްކޮޓް އާއި ވުޑްސް ފާހަގަކުރާގޮތުގައި، ކަމަކަށް މާބޮޑަށް ފެންބޮވައިގެންފައިވާ މީހާއަށް ކުރިމަތިވާ ހާލަތެއްކަމަށްވާ "ފިއަރ އޮފް މިސިން އައުޓް" (ފޯމޯ) ގެ ސަބަބުން މިކަން އިތުރަށް ގޯސްވެއެވެ.
ފޯމޯއަކީ އެމީހަކު ޝައުގުވެރިވާ ކަމަކާ ނުވަތަ އެއްޗަކާ ހިނދުކޮޅަކަށްވެސް ދުރަށްޖެހިލައިފިނަމަ އެއިން ތިމާ ބާކީވެދާނެކަމުގެ ބިރު ހީވުމެވެ. މީގެ މިސާލަކީ؛ ޗެޓް ސެޝަނެއްފަދަ ކަމެއްގައި ތިމާ ނެތީސް އެހެންމީހުން މަޖާކޮށް ކަންތައްތަކެއްކޮށްފާނެކަމުގެ ބިރަށްޓަކައި، އެ ހަރަކާތެއް ކުރިއަށް ގެންދާ މަންސައާ ދުރަށް ނުގޮސް ހުރުމެވެ. މިހެންވުމުން، ނިދިއައުން ލަސްވެ ނިދުމުގެ ޖުމުލަ ވަގުތު މަދުވެގެންދެއެވެ (ސްކޮޓް އާއި ވުޑްސް، 2018).
ނިދޭ ވަގުތު މަދުވުން
ގިނައިރު މީސްމީޑިއާ ބޭނުންކުރުމުގެ ސަބަބުން، ނިދޭ ވަގުތު މަދުވެ އެކަށީގެންވާވަރަށް އަރާމެއް ނުކުރެވެއެވެ. ޔުނިވާސިޓީ ދަރިވަރުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި، 68 އިންސައްތަ ބައިވެރީން ނިދާ ގަޑި ލަސްވުން ގުޅިފައިވަނީ ދަންވަރު މީސްމީޑިއާ ހޭވުމުގައި ވަގުތު ހޭދަކުރުމާއެވެ. އަދި 50 އިންސައްތަ ބައިވެރީން ނިދާ ވަގުތުގައި މީސްމީޑިއާ ބޭނުންކުރުމުން، އުނގެނުމުގެ ހަރަކާތްތައް ފުރިހަމަ ކުރުމަށް ހުރަސްއެޅި ނިދުމުގެ މުއްދަތަށް ނޭދެވޭ އަސަރުތައް ކޮށްފައިވެއެވެ (ކޮލްހާ، ކާޒީ، އާލަމީން، 2021). ހަށިގަނޑުގެ މަސައްކަތްތައް އެންމެ އެކަށީގެންވާގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ޒުވާން ބޮޑެތިމީހުންނަށް ހަތްގަޑިއިރާއި ނުވަގަޑިއިރާ ދެމެދުގެ ރޭގަނޑުގެ ނިދި ބޭނުންވެއެވެ (ހިރްޒްކޯވިޒް އާއި އޭނާގެ ބައިވެރިން، 2015).
ނިދީގެ ފެންވަރު ދަށްވުން
ނިދާ ވަގުތުގައި މީސްމީޑިއާ ބޭނުން ކުރުމުން ލިބޭ އަނެއް ގެއްލުމަކީ ރޭގަނޑުގެ ބޮޑުބައެއްގައި ހޭލައި ހުންނަންޖެހުމުގެ ފުރުސަތު އިތުރުވެގެންދިއުމެވެ. ދިރާސާއަކުން ދައްކާގޮތުގައި؛ ނިދުމުގެ ކުރިން މީސްމީޑިއާ ބޭނުންކުރުމަކީ ނިދުމަށް ބުރޫއެރުމާއި، ނިދަން އުނދަގޫވުން (އިންސޮމްނިއާ) ކުރިމަތިވުމާއި، ދުވާލުގެ ވަގުތުގައި ނިދި އައުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ނިދުމުގެ ކުރިން ސްކްރީންތަކާ މާބޮޑަށް ދޯޅުވެގެން އުޅުމުން ހައިޕަރއެރޯސަލްއަށް މަގުފަހިވެއެވެ. މިއީ ހިތްނުތަނަވަސްވެ އަރާމުކޮށް ނިދުމަށް ދަތިވާ ފިޒިއޮލޮޖިކަލް ހާލަތެކެވެ (އަދްޔާ އާއި އޭނާގެ ބައިވެރިން، 2022).
ބްލޫ ލައިޓަށް ހުށައެޅުން
މީސްމީޑިއާއަށް ވަނުމަށް ބޭނުންކުރާ ސްމާޓް ފޯނާއި ޓެބްލެޓުފަދަ ޑިވައިސްތަކުން ބްލޫލައިޓް ބޭރުކުރެއެވެ. މީގެ ސަބަބުން، ނިދި ތަންޡީމު (ރެގިއުލޭޓް) ކުރުމަށް ޒިންމާވާ ހޯމޯންކަމަށްވާ މެލަޓޯނިން އުފެއްދުން ހުއްޓެއެވެ (ޔައު، ބްރަންޑާ، މޮރީނޯ، 2020). މީގެ ނަތީޖާއަކީ ނިދިއައުން ލަސްވުމާއި ހަށިގަނޑުގެ "ސަކޭޑިއަން ރިދަމް" އަށް ހުރަސް އެޅުމެވެ (ބޯލާ އާއި ބޯކް 2028). މިއީ ސައުވީސް ގަޑިއިރުގެ ދައުރާ (ސައިކަލް) އެއްގެތެރޭގައި، ޖިސްމާނީ، ނަފުސާނީ އަދި ސުލޫކީ ބަދަލުތައް ތަރުތީބުކޮށްދޭ ގުދުރަތީ ނިޒާމެވެ. މި ނިޒާމަށް ބުރޫއެރުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް ވަރަށް ގިނައެވެ. އޭގެތެރޭގައި؛ އުނގެނުމާއި ސަމާލުކަންދޭން ދަތިވުމާއި، ހަޖަމުކުރުމުގެ މައްސަލަތަކާއި، ހޯމޯނަށް ބަދަލު އައުމާއި އަދި ހަކަތަ މަދުވުން ހިމެނެއެވެ. ދިގު މުއްދަތަށް ދެމިގެންދާ ގެއްލުންތަކުގެތެރޭގައި، ފަލަވުމާއި، ހަކުރުބައްޔާއި، ހިތާއި ލޭގެ ޕްރެޝަރުގެ މައްސަލަތައް ފާހަގަކުރެވެއެވެ (އެންއައިޖީއެމްއެސް، 2023).
ނަފުސާނީ ސިއްހަތަށްކުރާ ނޭދެވޭ އަސަރު
ނިދާ ވަގުތުގައި މީސްމީޑިއާ ބޭނުން ކުރުމުން ލިބޭ ޖިސްމާނީ ގެއްލުމާއެކު ނަފުސާނީގޮތުން ވެސް ގެއްލުންތައް ލިބޭކަން ހޯދިފައިވެއެވެ. އޭގެތެރޭގައި، އޮންލައިނުން ބަލާ އެއްޗެތީގެ ސަބަބުން ހާސްކަމާއި ސްޓްރެސް އަދި ހިތްދަތިވުންފަދަ ހާލަތްތައް ކުރިމަތިވުން ހިމެނެއެވެ. ޒުވާނުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި؛ ހާސްކަމާއި ނިދުމުގެ އުސޫލުތަކަށް ބުރޫއެރުމާ، މީސްމީޑިއާއަށް ދެވިހިފުމާ ދެމެދު ވަރުގަދަ ގުޅުމެއް އެބައޮތެވެ (ގުނަރަތުނޭ އާއި ވަލްޕޯލާ، 2024).
އެކަށީގެންނުވާ ގޮތުގައި މީސްމީޑިއާ ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ތިރީގައިވާ ކަންތައްތައް ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާތައް ފެންނާނެއެވެ.
މީސްމީޑިއާ ބޭނުންކުރުމަށް އިމެއް ކަނޑައެޅުން
މީސްމީޑިއާއާ ދުރުގައި ހުރުމަށް ވަކި ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. ނިދުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން "ސްކްރީންތައް ބޭނުންނުކުރާ ވަގުތު" ގެ އުސޫލު ކަނޑައެޅުމަށްފަހު ސިކުނޑިއަށް ލުއި ލިބޭނެގޮތް ހެދުމަށް ތަޖުރިބާކާރުން ލަފާދެއެވެ. އަދި ނޮޓިފިކޭޝަންތައް ނިއްވައިލުން ނުވަތަ "ޑޫނޮޓް ޑިސްޓަރބް" މޯޑަށްލުމަކީވެސް ކުރެވިދާނެކަމެކެވެ.
ބްލޫ ލައިޓު ފިލިޓަރު ބޭނުންކުރުން
ގިނަ ޑިވައިސްތަކުގައި މިހާރު ބްލޫ ލައިޓު ފިލިޓަރު ނުވަތަ ނައިޓް މޯޑު ލިބެން ހުންނައިރު، މިއީ ސްކްރީންތަކުން ދޫކުރާ ބްލޫ ލައިޓުގެ މިންވަރު ދަށްކޮށްދޭ މީޒާ (ފީޗާ) ތަކެވެ. މީގެއިތުރުން، ސްކްރީން ބޭނުންކުރާއިރު ބްލޫ ލައިޓު ހުއްޓުވާ ބާވަތުގެ އައިނު އެޅުމަކީވެސް މެލަޓޯނިން އުފެއްދުމަށް ހުރަސް އެޅޭ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެކެވެ.
ނިންޖާމެދު އިސްލާމްދީން ބުނަނީ ކީކޭ؟
ޒަމާނީ ސައިންސުގެ ހޯދުންތަކަށްވުރެ ކުރީން، ނިދުމާބެހޭ ތަފާތު ހަގީގަތްތަކާއި އިރުޝާދުތައް އިސްލާމްދީނުގައި ވަނީ އައިސްފައެވެ. އޭގެތެރޭގައި ނިދުމާބެހޭގޮތުން ބަޔާންވެ ދިޔަ ސައިންސީ ހޯދުންތަކާ ސީދާ ގުޅުންހުރި ކަންތައްތައްވެސް ހިމެނެއެވެ. މިސާލަކަށް؛ ރޭގަނޑަކީ ނިވަލެއްކަމުގައި އަދި ނިދުމަކީ އަރާމެއްކަމުގައި ލެއްވިކަމަށާއި ދުވާލަކީ މަސައްކަތްކުރުމުގެ ވަގުތުކަމުގައި ﷲ އަންގަވާފައިވެއެވެ (އަލްފުރުޤާން: 47 ، އައްނަބާ: 9-11). މިއީ "ސަކޭޑިއަން ރިދަމް" އާ އެއްގޮތަށް ހަށިގަނޑު މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަމުގެ ދަލީލެކެވެ. މިއާއެކު، ނިދުމުގެކުރީން ބައްތިތައް ނިވައިލުމަށް އޮތް ބަސްފުޅަކީ އަރާމު އަދި ފުރިހަމަ ނިންޖަކަށް މަގުފަހިކުރުމަށްޓަކައި އޮތް އިރުޝާދެކެވެ (ބުޚާރީ: 5301).
ރޭގަނޑުގެ ނިންޖަކީ ކިހައި މުހިއްމު އެއްޗެއްކަން އަންގައިދޭ އަނެއް ދަލީލަކީ އަޅުކަންކުރުމަށްޓަކައިކަމަށްވިޔަސް މުޅި ރޭގަނޑު ހޭލައިހުރުން މަނާކުރައްވާފައިވުމެވެ (ބުޚާރީ: 1099). އެކަށީގެންވާ ގޮތުގައި ނިދުމަކީ ހަށިގަނޑަށްޓަކައި އަދާކޮށްދޭންޖެހޭ ހައްގެއްކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވީވެސް މިހެންވެގެންނެވެ (ބުޚާރީ: 1874). ނިދުމުގެ ކުރީން ވުޟޫކުރުމާއި، ކަނާތްފަޅިއަށް އޮށޯތުމާއި، ޒިކުރުކުރުމާއި (ބުޚާރީ: 247) ، ތަންމަތި ފޮޅައިލުމަކީ (މުސްލިމް: 271) ބަރަކާތްތެރި، އަރާމު އަދި ދުޅަހެޔޮ ނިންޖަކަށްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުހިއްމު ކަންތައްތަކެވެ.
މީސްމީޑިއާގެ ޒަރިއްޔާއިން ފައިދާތަކެއް ލިބުނުކަމުގައިވިޔަސް، އެކަށީގެންނުވާގޮތުގައި - ޚާއްސަކޮށް ނިދާ ވަގުތުގައި - އޭގެ ބޭނުންކުރާނަމަ ސިއްހަތަށް ގިނަ ގެއްލުންތަކެއް ލިބޭކަން ހޯދިފައިވެއެވެ. ވީމާ، މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ފިޔަވަޅުތައް އެޅުމާއެކު، ޓެކްނޮލޮޖީއާ ދިރިއުޅުމާދެމެދު ތަވާޒުން (ބެލަންސް) އެއް ގެންގުޅުން މުހިއްމެވެ. މީސްމީޑިއާގެ މަންސަތަކަށް ކިތަންމެ ބޮޑަށް ދެވިހިފާފައިވިޔަސް، ނިދުމަކީ އިސްލާމްދީނުގައި އެކަމާބެހޭ އިރުޝާދުތަކެއް އައިސްފައިވާ ކަމަކަށްވާތީ، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.