ސިޔާސީ ލީޑަރުން ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސްމަގަކީ އޭގެ ސަބަބުން މުޖުތަމައަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ އެއްޗެކެވެ. އޭގެތެރޭގައި ސަރުކާރާމެދު އާއްމުން ދެކޭގޮތާއި، ގައުމީ އެއްބައިވަންތަކަމާއި، މުޖުތަމައުގެ އަޚުލާގީ އަގުތަކަށް ކުރުވާ އަސަރުތައް ހިމެނެއެވެ. ސެކިއުލަރ މުޖުތަމައުތަކާ ޚިލާފަށް، ހިތްތިރިކަމާއި، ތެދުވެރިކަމާއި، ޢަދުލުވެރިކަންފަދަ ޢަމަލުކުރުން ލާޒިމު އަގުތައް ހިމެނޭ، އިސްލާމީ މުޖުތަމައެއްގައި މި މައުޟޫޢުގެ މުހިއްމުކަން ވަރަށް ބޮޑެވެ.
ބައިބައިވުން ނައްތައިލައި، އެއްބައިވަންތަކަމުގެ ގުޅުން ގާއިމުކޮށް އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމީ އިސްލާމްދީނުގެ މަންހަޖެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން އެންމެން اللَّه ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!" (އާލުޢިމްރާނު: 103) ޕާޓީ ނިޒާމުގައި ވެރިކަންކުރާ ފަރާތުން، ސަރުކާރުގައި ނުހިމެނޭ ޕާޓީތަކަކީ ސަރުކާރާ ދެކޮޅު "ވަކި ބައެއް" ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުމަކީ އިސްލާމީ ތަޢުލީމާތާ ޚިލާފު ކަމެކެވެ.
ހަމަމިއާއެކު، ސަރުކާރުގައި ނުހިމެނޭ ޕާޓީތަކުން ވެސް ސަރުކާރު ޒިންމާދާރުކުރުމުގެ ނިޔަތުގައި ކުރާ މަސައްކަތްތަކަކީ އަދާވާތްތެރިކަމާއި ނުކިޔަމަންތެރިކަން އިސްކުރެވޭ ހަރަކާތްތަކަކަށް ހަދައިގެންނުވާނެއެވެ. ސެކިއުލަރ ޑިމޮކްރަސީގެ މަބްދައުތައް އެހުރިގޮތަށް ރަނުން ރަނަށް، މުސްލިމުންގެ ތެރޭގައި ނުހިންގޭނެކަން ދަންނާންޖެހޭނެއެވެ. ހައްދެއްނެތް މިނިވަންކަންފަދަ ޑިމޮކްރަސީގެ އުސޫލެއް އިސްލާމްދީނުގެ މަބްދައުއަކާ ފުށުއަރައިފި ކޮންމެ ހިނދެއްގައިމެ، އިސްކަންދޭންޖެހޭނީ އިސްލާމްދީނަށްކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެއެވެ (ޢަބްދުލްޤާދިރު މުބާރަކް 2016).
ހިނގަމުންދާ ސަރުކާރުން ކަންތައްތައް ކުރާއިރު، ވޭތުވެދިޔަ ވެރިކަންތަކަށް ގޮންޖަހައި އެމީހުންނަށް ދެރަބުނާ މޭރުމުން، "މުޅިން އަލަށް" ނުވަތަ "ފުރަތަމަ ފަހަރަށް" ފަދަ ބަސްތައް ބޭނުންކޮށްގެން، ކަންތައްތައް ޕްރޮމޯޓުކުރުމަކީ ބޮޑައިކަމާއި ކިބުރުވެރިކަން ދައްކުވައިދޭ ކަމެކެވެ. އެއީ އެހެންމީހުން ދެރަކޮށްލައި ތިމާގެ ޝަޚުސިއްޔަތުގެ ބޮޑުކަން ދައްކަން މަސައްކަތްކުރާކަމުގެ ޢަލާމާތެކެވެ.
ބޮޑައިކަމާއި ކިބުރުވެރިކަމަކީ ﷲ ނަހީކުރައްވާފައިވާ ދެސިފައެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." (ލުޤުމާނު: 31)
ކުރިން ބުނިފަދަ ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ނަތީޖާއަކަށްވާނީ، އެބަޔަކާމެދު މީހުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެދި ޢަދާވާތްތެރިކަމާއި ނުރުހުންތެރިކަން ފާޅުވާން ފެށުމެވެ.
މިސާލުގައި އެވާފަދަ ބަސްތައް ބޭނުންކުރުމުގެ ނޭދެވޭ ނަތީޖާއާބެހޭތުން ސަރުކާރުގެ އޮފިޝަލަކާ ވާހަކަދެއްކުމުން، އެއީ ސިޔާސީގޮތުން ބޭނުންކުރާ ބަސްތަކެއްކަމަށާއި، ވޭތުވެދިޔަ ސަރުކާރުތަކާ އަޅާކިޔައި، ހިނގަމުންދާ ސަރުކާރުގެ މޮޅުކަން ރައްޔިތުންނަށް ދައްކަންޖެހޭނެނޫންތޯ އޭނާ ސުވާލު ކުރިއެވެ. އަދި ކުރިއަށް އޮންނަ ދައުރު ކާމިޔާބުކުރުމަށްޓަކައި އެގޮތަށް ވާހަކަ ދެއްކުން މުހިއްމުވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ. ހަގީގަތަށްބަލާއިރު އެކަމުގައި އޭނާގެ ވިސްނުން ރަނގަޅެއްނޫނެވެ. ދީނީގޮތުން މަނާކަމެއް ސިޔާސީ ބޭނުންމަށްޓަކައިކަމަށްވިޔަސް ހުއްދައެއް ނުވާނެއެވެ. އަދި ސިޔާސީ ލީޑަރުންގެ އެފަދަ ބަސްމަގުން މުޖުތަމައަށް ލިބޭ ގެއްލުންތައް ދިރާސާތަކުން ވެސް ހާމަވާތީ އެފަދަ ބަސްމަގު ބޭނުންކުރުމަކީ ކޮށްގެންވާކަމެއްނޫންކަން އެނގެއެވެ.
ސަރުކާރަކުން ކުރާނެ އަދި ނުކުރާނެކަމަށް ބުނެ ވެފައިވާ ވައުދުތައް ނުފުއްދާހާލު އަނެއްކާވެސް މަތިމައްޗަށް ވައުދުވުމަކީ ތެދުވެރިކަން ނެތި ނިފާޤުކަމުގެ ތެރެއަށް ދިއުމެވެ. ޢަމަލަށްވުރެ ބަސްގިނަވާނަމަ ރައްޔިތުން ދެކޭނީ އެއީ ޒިންމާތައް އަދާކުރުމަށް ތަސައްރަފު ނުފުދެނީ ކަމަށެވެ. މީގެ ސަބަބުން ސަރުކާރާ ރައްޔިތުންނާދެމެދު އޮންނަ ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެއެވެ. ނުކުރާ ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ﷲ ނަހީކުރައްވާފައިވާ، އެކަލާނގެ ނުރުއްސެވުން ބޮޑުވެގެންވާ ކަމެކެވެ (އައްޞައްފު: 1-2)
ސިޔާސީ ނަފުސާނީ ޢިލްމުގެ ދިރާސާތަކުން ދައްކާގޮތުގައި، [ސިޔާސީ މަންފާއަށްޓަކައި] ލީޑަރުން ގެންގުޅޭ އެކަށީގެންނުވާ ބަސްމަގާއި އިޞްޠިލާޙުތަކުގެ ސަބަބުން، މުޖުތަމައުގައި ބައިބައިވުން އުފެދެއެވެ. ލީޑަޝިޕަށް ކުރާ އިތުބާރު ގެއްލި އިޖުތިމާއީ އެއްބައިވަންތަކަން ގެއްލިގެންދެއެވެ. މިސާލަކަށް؛ ސަރުކާރު ހިންގާ ފަރާތާއި އަދި ސަރުކާރުގައި ނުހިމެނޭ ފަރާތްތައް އަޅައިކިޔުމަށް "އަހަރެމެންނާއި އެމީހުން" މިފަދައިން ބުނެ ތައުކީދު (emphasize) ކޮށް ވާހަކަ ދެއްކުމަކީ(ވެސް) އޭގެ ސަބަބުން މީހުންގެ މެދުގައި ބައިބައިވުން އުފެދޭކަމެކެވެ (އައިއެންގަރ، ކުރުޕެންކިން 2018).
ދިރާސާތަކުން އެނގޭގޮތުގައި، ސިޔާސީ ލީޑަޝިޕުން ކިބުރުވެރިކަމުގެ ސިފަ ދައްކާނަމަ އެ ލީޑަޝިޕަކަށް މީހުން ކުރާ އިތުބާރާއި ތާއީދު ގެއްލިގެން ދެއެވެ. އެ ލީޑަޝިޕަކާމެދު މީހުންގެ ހިތުގައި އޮންނަ އީޖާބީ ވިސްނުން، ނައްސި ވިސްނުމަކަށް ބަދަލުވެދެއެވެ (ވަން ކްލީފް އާއި އޭނާގެ ބައިވެރިން 2019).
ސިޔާސީ ލީޑަރުންގެ ވާހަކަތަކުގައި؛ "ފުރަތަމަ ފަހަރަށް" ނުވަތަ "އަދި މިހާތަނަށް ކޮށްފައިނުވާ" ފަދަ ބަސްތައް ބޭނުންކުރުމުން ހާމަކޮށްދެނީ ކުރިން ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ ޚިދުމަތްތަކަށް އިޙްތިރާމު ނުކުރާކަމެވެ. ގުޅިގެންދާ ތަރައްގީއެއް ބަލައިގަތުމުގެ ބަދަލުގައި، ކުރީގެ ޚިދުމަތްތައް އެއީ ނެތް އެއްޗެއްކަމަށް ދައްކަން ބޭނުންވާކަމެވެ. ކާމިޔާބު ލީޑަރުންނަކީ ކުރީގެ ޚިދުމަތްތެރީންގެ ޚިދުމަތްތައް ބަލައިގަނެ އެއިން ފައިދާ ހާސިލުކުރުމާއެކު އީޖާދީ ވިސްނުން ކުރިއަށްނެރޭ މީހުންނެވެ (އީސްޓަލީ، ޕެނިންގްސް 2020).
ހަމަމިއާއެކު، ސިޔާސީ ނިފާޤުކަމަކީ އިތުބާރާއި ނަޒާހަތްތެރިކަން މުޖުތަމައުން ފުހެވިގެންދާނެ ކަމެކެވެ. ސިޔާސީ ލީޑަރުންގެ ބަހާއި ޢަމަލު ދިމާނުވުމާއި، ރައްޔިތުންނަށް އެނގޭ ހަގީގަތްތަކާބެހޭގޮތުން ނުބައި މައުލޫމާތު ހާމަކުރުމަކީ، ޝައްކާއި ވަހުމުގެތެރެއަށް މީހުން ވަދެ، ގައުމީ ތަރައްގީގައި މުޖުތަމައުގެ ބައިވެރިވުން ދަށްވާނެ ކަމެކެވެ (ވޮން ސިކޯސްކީ 2020).
ބަޔާންވެދިޔަ ވާހަކަތަކުން އެނގުނުގޮތުގައި، ސިޔާސީ ލީޑަރުންގެ ބަސްމަގަކީ މުޖުތަމައުގެ އަގުތަކާއި، އެއްބައިވަންތަކަމާއި، އިތުބާރު ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިސްލާމީ މުޖުތަމައެއްގައި، ބައިބައިވުމާއި، ކިބުރުވެރިކަމާއި، ނިފާޤުކަމުން ދުރުހެލިވުމަށްޓަކައި، ސިޔާސީ ލީޑަރުންގެ ވާހަކަތައް ބައްޓަންކުރަންޖެހޭނީ ހިތްތިރިކަމާއި، ތެދުވެރިކަމާއި، ގައުމުގެ އެންމެން ޝާމިލުކުރުން ހިމެނޭގޮތަށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށެވެ. މިކަން ހާސިލުކުރެވޭނީ އެބުނާ ޑިމޮކްރަސީގެ އުސޫލުތަކުގެ ކުރިއަށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އަގުތައް ނެރެ، ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް ސިޔާސީ ލީޑަރުންވެގެންނެވެ!