ވަޢުދުގެ މާނައަކީ ކަމެއް ކުރާނޭކަން ނުވަތަ ނުކުރާނޭކަން ޔަޤީންކޮށްދިނުމަށް ބުނާ ބުނުމެވެ. ﷲ ތަޢާލާގެ ނިސްބަތުގައި ވަޢުދަކީ އެކަލާނގެ ވަކި ކަމެއް ކުރައްވާނޭކަމަށް ނުވަތަ ނުކުރައްވާނޭކަމަށް އަޅުތަކުންނަށް އެންގެވުމެވެ.
ކީރިތި ޤުރުއާނުގައި އިލާހީ ވަޢުދުފުޅު އައިސްފައިވާ ޚާއްސަ ހަތަރުކަމެއްވެއެވެ. އެއީ ދުޢާކޮށްފިނަމަ އިޖާބަކުރެއްވުމާއި، ﷲ ހަނދުމަކޮށްފިނަމަ އެކަލާނގެ އެ އަޅެއްގެމަތިން ހަނދުމަކުރެއްވުމާއި، ޝުކުރުކޮށްފިނަމަ ނިޢުމަތް އިތުރުކޮށްދެއްވުމާއި އަދި ފާފަފުއްސެވުމަށް އެދެފިނަމަ ރަޙުމަތާއި ފުއްސެވުން މިންވަރުކޮށްދެއްވުމެވެ.
ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ." މި އާޔަތުގައިވާ ﷲ ގެ ވަޢުދުފުޅަކީ އެކަލާނގެ އަޅުންގެތެރެއިން އަޅަކު އެކަލާނގެ ޙަޟުރަތަށް ދުޢާއެއްކޮށްފިނަ އެ ދުޢާއެއް އިޖާބަކޮށްދެއްވާނެކަމަށް އެންގެވުމެވެ.
އިލާހީ ވަޢުދުފުޅު އައިސްފައިވާ ދެވަނަ ކަމަކީ މީހަކު އޭނާގެ ވެރިރަސްކަލާނގެ ހަނދުމަކޮށްފިނަމަ އެކަލާނގެވެސް އެމީހަކު ހަނދުމަކުރައްވާނެކަމަށް އެންގެވުމެވެ. ﷲ ވަޙީކުރެއްވިއެވެ. فَاذْكُرُونِي أَذْكُرْكُمْ (އަލްބަޤަރާ: 152). "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ." ﷲ ހަނދުމަކުރުމަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީތަކާ ދުރުހެލިވުމެވެ. އެކަން ކޮށްފިނަމަ އޭގެ ބަދަލުގައި ﷲ ގެ ރަޙުމަތާއި އެކަލާނގެ ފުއްސެވުމާއި ރުއްސެވުން އެމީހަކަށް ދެއްވާނެކަމަށް އެވަނީ ވަޢުދުވެވޮޑިގެންފައެވެ (އައްޠަބަރީ 2001).
ﷲ ގެ އަޅާ އެކަލާނގެއަށް ޝުކުރުކުރާނަމަ ނިޢުމަތްތައް އިތުރުކޮށްދެއްވުމަކީވެސް އިލާހީ ވަޢުދެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ (އިބުރާހީމް: 7). "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ."
ނިޢުމަތްތަކަށް ޝުކުރުވެރިވުމުގައި ތިންރުކުނެއް ހިމެނެއެވެ. ފުރަތަމަ ރުކުނަކީ ﷲ ގެ ނިޢުމަތްތަކުގެ ވާހަކަ ދައްކައި އެ ނިޢުމަތްތައް ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރުކޮށް އެ އިލާހުގެ މަތިވެރިކަމާއި އޯގާވަންތަކަމުގެ ވާހަކަ ދެއްކުމެވެ. މިސާލަކަށް؛ ކެއުން ބުއިމާއި އުނުފޭރާންލުމާއި ނިދީން ހޭލެވުންފަދަ ހާލަތްތަކުގައި ކިޔަންޖެހޭ ދުޢާތައް ކިޔުމަކީ މިބައިގައި ހިމެނޭ ކަމެކެވެ.
ދެވަނަ ރުކުނަކީ ހުރިހާ ނިޢުމަތަކީވެސް ﷲ ގެ ޙަޟުރަތުން، އެކަލާނގެ ފަޟުލުވަންތަކަމުން ލިބޭ އެއްޗެއްކަމަށް އިޢުތިރާފުވުމެވެ. ނިޢުމަތެއް ތިމާއާ ހަމައަށް ފޯރުމުގައި އިންސާނަކު މެދުވެރިއެއްކަމުގައިވިޔަސް އެ ނިޢުމަތެއްގެ އަސްލު ގުޅިފައިވަނީ ﷲ އާ ކަން، ޝައްކެއްނެތި ގަބޫލުކުރުމެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއް ވަނީ، ﷲ ގެ ޙަޟުރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތި ޙާލެއް ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދުޢާކޮށް ދަންނަވަނީ، ހަމަ އެކަލާނގެ ޙަޟުރަތަށެވެ." (އައްނަޙުލު: 53).
ﷲ ގެ ނިޢުމަތެއް ތިމާއާ ހަމައަށް ފޯރުމުގައި ތިމާފަދަ އިންސާނަކު މެދުވެރިއެއްކަމަށްވެއްޖެނަމަ އެފަރާތަށް ޝުކުރު އަދާކުރުމީ އޮތްކަމެކެވެ. ކުރަންޖެހޭ ކަމެކެވެ (އައްތިރުމިޛީ: 6601). ނަމަވެސް އަހުރެމެންގެތެރެއިން އާއްމުކޮށް ފެންނަ ގޮތަށް، އެކަމުގައި އިމުން ބޭރުވެ ހައްދުފަހަނައަޅައި ދިއުމީ ކޮށްގެންވާނެކަމެއްނޫނެވެ. ނިޢުމަތެއް ލިބުމުން އެއީ މިވެނި މީހެއްގެ ހެޔޮކަމުން، އޭނާގެ އޯގާތެރިކަމުން ނުވަތަ އޭނާގެ ދީލަތިކަމުން ލިބުނު އެއްޗެއްކަމަށް ބުނެ، އޭނާއަށް ޝުކުރާއި ތައުރީފުގެ ބަސްތައް ތަކުރާރުކުރަމުންދާއިރު އެ ނިޢުމަތުގެ ހަގީގީ ވެރިފަރާތް - ﷲ ސުބުޙާނަހޫ ވަތަޢާލާ - ގެ މަތީން ހަނދާން ނައްތައިލުމީ އެ އިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމެވެ.
ﷲ އީ އެކަލާނގެ އަޅުން އެދޭހައި އެއްޗެއް ދެއްވަވާ ރަސްކަލާނގެކަމަށާއި، އެކަލާނގެ ނިޢުމަތްތައް ގުނާ އަދަދުނުކުރެވޭހައި ގިނަކަމަށް އަންގަވާފައިވެއެވެ. މިއާއެކުވެސް އިންސާނާއަކީ އަނިޔާވެރިވުން ބޮޑު، ޝުކުރު ކުރުން ނެތްމީހެއްކަމަށްވެސް އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ (އިބުރާހީމް: 34).
ﷲ އަށް ޝުކުރުވެރިވުމުގައި ހިމެނޭ ތިންވަނަ ރުކުނަކީ އެކަލާނގެ ދެއްވި ނިޢުމަތްތައް ހެޔޮގޮތުގައި ބޭނުންކުރުމެވެ. މުދަލާއި ފައިސާ ލިބިފައިވާނަމަ ހެޔޮ ކަންކަމުގައި އެތަކެތި ހޭދަކުރުމެވެ. ހަރާން ގޮތްގޮތަށް އޭގެ ބޭނުން ނުކުރުމެވެ. ދަރީންގެ ނިޢުމަތް ލިބިފައިވާނަމަ ހެޔޮލަފާ ޞާލިޙު ބައެއްގެގޮތުގައި އެ ދަރީން ތަރުބިޔަތުކުރުމަށް މަސައްކަތް ކުރުމެވެ. ހަށިގަނޑުގެ ގުނަވަންތަކުން ހެޔޮ ޢަމަލުތައް ކުރުމާއެކު ނުބައި ކަންތައްތައް ކުރުމުގައި އެ ގުނަވަންތައް ބޭނުން ނުކުރުމެވެ. ހަރާން އެއްޗެއް ނުކެއުމެވެ. ނުވަތަ އެފަދަ އެއްޗެއް އެއްވެސް ގޮތަކަށް ބޭނުން ނުކުރުމެވެ (އަލްބަޤަރާ: 172).
އަޅުތަކުންނަށްޓަކައި ﷲ ގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވިނަމަވެސް މީސްތަކުން އެކަލާނގެއަށް ޝުކުރު ކުރަނީ ވަރަށް މަދުންކަމަށް އަންގަވާފައިވެއެވެ (އަލްއަޢުރާފު: 10). ހަމަމިއާއެކު، ﷲ އަށް ޝުކުރުނުކުރާމީހުންނަށް ވޭންދެނިވި އަޒާބު ހުރިކަމަށްވެސް އެކަލާނގެ އަންގަވާފައިވެއެވެ (އިބުރާހީމް: 7).
އިލާހީ ވަޢުދުފުޅު އައިސްފައިވާ އަނެއްކަމަކީ ﷲ އަށް އިސްތިޣުފާރުކުރާހާހިނދެއްގައި އެކަލާނގެ އަޒާބު ނުފޮނުއްވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ ، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣުފާރު ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް އަޒާބެއް ނުދެއްވާނެތެވެ." (އަލްއަންފާލު: 33).
ބަޔާންވެ ދިޔަ ހަތަރު ކަންތަކުގައިވެސް ﷲ އެކަލާނގެ އަޅުންނަށް ވަޢުދުކުރައްވާފައިވާ ކަންތަކާއެކު ޝަރުތެއް ކަނޑައަޅުއްވާފައި އެބަވެއެވެ. އެގޮތުން؛ ކަމެއް ހާސިލުކުރުމަށް އެދޭނަމަ އެކަމެއް ހިންމަވައިދެއްވުން އެދި ﷲ އަށް ދަންނަވަންޖެހެއެވެ. އެގޮތަށް ދަންނަވައިފިނަމަ އެ ދުޢާއެއް އިޖާބަކޮށްދެއްވާނެކަމީ ﷲ ގެ ވަޢުދުފުޅެކެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރެއްވުމަށް އެދޭނަމަ އެންމެ ފުރަތަމަ އެމީހަކު ﷲ ގެ މަތިން ހަނދާންކުރަންޖެހޭނެއެވެ. އެގޮތަށް ކަންތައްކޮށްފިނަމަ ޔަގީނުންވެސް ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަކުރައްވާނެކަމީ އެ އިލާހުގެ ވަޢުދުފުޅެކެވެ. ތިމާގެ ނިޢުމަތްތައް އިތުރުވެ ބަރަކާތް ލެއްވުމަށް އެދޭނަމަ އެ ނިޢުމަތްތަކަށް ޝުކުރުވެރިވުން ލާޒިމެވެ. ހަމަ މިގޮތަށް، ތިމާގެ ފާފަތައް ފުއްސަވައި ﷲ ގެ ރަޙުމަތުގައިވުމަށް އެދޭނަމަ އެކަމަށްޓަކައި، މަޣުފިރަތަށް އެދި ﷲ ގެ ޙަޟުރަތުގައި ދަންނަވަންޖެހޭނެއެވެ.
ﷲ ގެ ވަޢުދުފުޅުތަކާމެދު އެކަލާނގެ އަޅުތަކުންނަށް އޮންނާނެ އެންމެ ބޮޑު ޔަގީންކަމަކީ ﷲ އީ ވަޢުދާ ޚިލާފުވެވޮޑިނުގަންނަވާނެ ރަސްކަލާނގެކަމަށް އަންގަވާފައިވުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ (އައްރަޢުދު: 31) "ހަމަކަށަވަރުން، ﷲ ، ވަޢުދާ ޚިލާފުވެވޮޑިއެއް ނުގަންނަވަތެވެ."
ﷲ ގެ ވަޢުދުފުޅުތައް ހަނދާންކޮށް އެއާމެދުގައި ފުންކޮށް ވިސްނުމަކީ ޢަމަލުތައް އިސްލާހުވެ ހެޔޮކަމުގެ މަތީގައި ދެމިހުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެއެވެ. މިއާޚިލާފަށް، އެއިލާހުގެ ވަޢުދުފުޅުތަކާމެދު ޣާފިލުވެ މި ފަނާވަނިވި ދުނިޔޭގެ މަޖަލާއި ލައްޒަތުގައި ވަގުތުތައް ދުއްވައިލުމީ އީމާންކަން ބަލިކަށިވެ ދީނާ ދުރަށްދިއުމުގެ ސަބަބެއްކަމުގައިވާނެއެވެ.