ޝަރީޢަތާ ޚިލާފުނުވާގޮތަށް ހިންގާ ޖިމެއް

އަންހެނަކު ޖިމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ / އަލްޖަމީލާ.ކޮމް

ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަމާއި ސާފުތާހިރުކަމަށް އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ގިނަގިނައިން ސާފުތާހިތުވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވާ ކަމަށާއި (ބަޤަރާ: 222) ، ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަމަށް އަންގަވާފައިވަނީ މިހެންވެގެންނެވެ (މުސްލިމު: 223).

އެންމެ ފަސޭހައިން ހަޑިވާ ގުނަވަންތައް ދޮންނަންޖެހޭގޮތަށް، ރެއަކާއި ދުވާލު ފަސްފަހަރު (ނަމާދަށް) ވުޟޫކުރުން ޝަރުޢުކުރެއްވުމާއި (މާއިދާ: 6) ، އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަންގަވާފައިވުމާއި (މުސްލިމު: 252) ހަށިގަނޑަށް ގެއްލުންދެނިވި ތަކެތި ބޭނުންކުރުން ހަރާން ކުރައްވާފައިވުމާއި (އަޢުރާފު: 157) ، ކިނބިހި އެޅޭއިރު އަނގަމަތި ނިވައިކުރުމަށް އިރުޝާދުދެއްވުމާއި (އަބޫދާއޫދު: 5029) ، ނުރައްކާތެރި ބަލިތަކާއި ވަބާގެ ހާލަތުގައި ފުރަބަންދުގެ އުސޫލު ކަނޑައެޅުއްވުމާއި (ބުޚާރީ: 5728) ބަލިވެއްޖެނަމަ ފަރުވާކުރުމަށް އެންގެވުންފަދަ (ތިރުމިޛީ: 2038) އިރުޝާދުތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ސާފުތާހިރުކަމާ ސީދާ ގުޅުންހުރި މުހިއްމު އެންގެވުންތަކެވެ. އިސްލާމްދީން ފިޔަވައި، ދުނިޔޭގައި މީހުން ތަބާވާ އެހެން އެއްވެސް ނިޒާމެއްގައި މިކަންކަން މިހާ ފުރިހަމައަށް ބަޔާންވެގެންވާތީއެއް ނުފެންނާނެއެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަން ދަމަހައްޓައި ވަރުގަދަވުމަށްޓަކައި ދެޖިންސުގެ އެކި ފުރާގެ މީހުން ދާ އެއްތަނަކީ ޖިމެވެ. ތަފާތު އާލާތްތަކުގެ އެހީގައި ހަށިގަނޑުގެ އެކި ބައިތަކަށް ކަސްރަތުދީ ހަށިގަނޑު ވަރުގަދަ ކުރުމުގެ ހަރަކާތްތައް އެތަނުގައި ކުރެވެއެވެ. އިސްލާމީ ނަޒަރުން ބަލާއިރު މިފަދަ ޖިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެކެވެ. އަދި ފަރުވާއަކަށް ނުވަތަ އެނޫންވެސް ސިއްހީ ބޭނުމަކަށްޓަކައި ޖިމުގެ ޚިދުމަތް ހޯދުން ކޮންމެހެން މުހިއްމުކަމަށް ސިއްހީ މާހިރަކު ލަފާދޭ ހާލަތުގައި، އެފަދަ ތަނެއްގެ ޚިދުމަތް ހޯދުމަށް އިސްލާމްދީން ބާރުއަޅައެވެ.

ރާއްޖޭގައިވެސް ޖިމުގެ ޚިދުމަތް ފުޅާވެ އާއްމުވަމުންދާއިރު، މި ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ހޯދުމުގައި ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. މުސްލިމުން ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އިސްލާމްދީނުގެ އަސާސްތަކާ ފުށުނާރާނެ ގޮތަށެވެ. މިގޮތުން ބަލާއިރު ޝަރީޢަތާ ޚިލާފު ނުވާނެހެން ހިންގާ ޖިމެއްގައި ފުރިހަމަވާންޖެހޭނެ އެންމެ މުހިއްމު ކަންތައްތައް ތިރީގައި އެވަނީއެވެ.

ދެޖިންސުގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް ނުފެންނާނެގޮތަށް ހުރުން

ޝަރީޢަތާ ޚިލާފު ނުވާގޮތަށް ހިންގާ ޖިމެއްނަމަ ތަނުގެ ޚިދުމަތް އިންތިޒާމު ކުރެވިފައި ހުންނަންވާނީ ޚިދުމަތް ހޯދާ އަންހެނުންނާއި ފިރިހެނުން އެތަނުގައި އުޅޭއިރު އެއްބަޔަކު އަނެއްބަޔަކަށް ނުފެންނާނެ ގޮތަށެވެ. މިކަން ކުރުމަށްޓަކައި ދެޖިންސަށް ވަކިން، ދެބަޔަކަށްވާގޮތަށް ޖިމުގެ ވަސީލަތްތައް ގާއިމުކުރުން ނުވަތަ ދެ ޖިންސުގެ މީހުން ދެ ގަޑިއެއްގައި ދާގޮތަށް ހަމަޖެއްސިދާނެއެވެ. މީގެއިތުރުން، އަންހެނުންނަށް ޚާއްސަ ޖިމާއި ފިރިހެނުންނަށް ޚާއްސަ ޖިމުތައް ވަކީން ހިންގުމަކީވެސް ކުރެވިދާނެކަމެކެވެ.

އެއްވެސް ތަނެއްގައި އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް އައުރަ ފާޅުވާނޭހެން އުޅުމަކީ އިސްލާމްދީނުގައި ހަރާންކުރައްވާފައިވާ ކަމެކެވެ (ނޫރު: 30-31). ޖިމުގައި ކުރެވޭ ގިނަ ހަރަކާތްތަކަކީ ހަށިގަނޑުގެ ބައިތައް ފަސޭހައިން ފާޅުވެ އެނގޭ ފަދަ ހަރަކާތްތަކެވެ. ވުމާއެކު ދެޖިންސުގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް ފެންނަގޮތަށް އެތަނުގައި ހަރަކާތްތެރިވާނަމަ، ހަރާން ބެލުންތަކާއި ނުބައި ޚިޔާލުތަކުގެތެރެއަށް މީހާ ހުށައެޅިގެންދާނެއެވެ. އެއާއެކު ހަވާ ނަފުސާއި ޝައިތާނީ ވަސްވާހަށް އިޖާބަ ދެވި ތަނުގެތެރެއިން އެކަކު އަނެކަކާ ނުބައި ގުޅުންތައް ގާއިމުކޮށް ޒިނޭއާއި ބަދުއަޚުލާގީ ޢަމަލުތަކާ ހަމައަށް ދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިއީ މިގޮތަށް ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުރުން، އެނުބައިކަމަށް މަގުފަހިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްވެސް ފާފަވެރިވާނެ ކަމެކެވެ (ނިސާ: 85).

ކައިވެނި ހެއުނުވާ މީހަކުނެތި، އަންހެނަކާއެކު ފިރިހެނަކު އެކަހެރިވެ ނޫޅުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ (ބުޚާރީ: 3006). ހަމަ މިއާއެކު، ހިލޭ ފިރިހެނަކާއި އަންހެނަކު އެކަނި އެކަހެރިވެއްޖެނަމަ، ތިންވަނަ ފަރާތަކަށް ޝައިޠާނާ އެމީހުންނާއެކު ހުންނާނެކަމަށް ޙަދީޘްކުރައްވާފައިވެއެވެ (އަޙްމަދު: 1/18). މި ޙަދީޘްތަކުގައި، ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިވުން މަނާކުރެއްވުމުގެ ޚާއްސަ ބަސްފުޅު އޮތްނަމަވެސް، އެކަށީގެންނުވާ ގޮތްގޮތަށް ހިލޭ އަންހެނުންނާއި ފިރިހެނުން އެކުވެ އުޅުން މަނާކުރެއްވުމުގެ ގަސްދު މި ބަސްފުޅުތަކުގައި އެކުލެވިގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ވަކީން ޚާއްސަކޮށް، ޢިއްފަތްތެރިކަމާއި ޝަޚުޞީ ހުރުމަތަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑު މާހައުލުތަކުގައި، އެގޮތަށް ދެޖިންސުގެ މީހުން މަސްހުނިވެ އުޅުން އެއްގޮތަކަށްވެސް ހުއްދައެއްނުވާނެއެވެ.

ޓުރެއިނަރުންނާއި އެހެނިހެން ވަސީލަތްތައް

ޝަރީޢަތާ ޚިލާފު ނުވާނެހެން ހިންގާ ޖިމެއްގައިނަމަ ޚިދުމަތް ފޯރުކޮށްދޭ ޓުރެއިނަރުންގެ ގޮތުގައި ތިބެންވާނީ އަންހެނުންނަށް އަންހެން ޓުރެއިނަރުން އަދި ފިރިހެނުންނަށް ފިރިހެން ޓުރެއިނަރުންނެވެ. މަސައްކަތުގެ ބާވަތުން ޓުރެއިނަރުންނަކީ ޚިދުމަތް ހޯދާ ފަރާތާއެކު ވަރަށް ގައިގޯޅި ހަރަކާތްތަކެއް ކުރަންޖެހޭ ބައެކެވެ. ވުމާއެކު ބުނެވިދިޔަ ގޮތާ އިދިކޮޅަށް ޓުރެއިނަރުން ހަރަކާތްތެރިވެ އެކަކު އަނެކަކަށް ބަލައި ހަށިގަނޑުގައި ބީހި އުޅުން އެއްގޮތަކަށްވެސް ހުއްދައެއް ނުވާނެއެވެ (ބުޚާރީ: 3006 ، އަޙްމަދު: 1/18). ހަމަ މިއާއެކު، އެއްޗެތި ބަދަލުކުރާ ކޮޓަރިތަކާއި ފެންވަރާ ތަން ހުންނަންޖެހޭނީ ދެޖިންސުގެ މީހުންނަށް ވަކިންނެވެ. އަދި އެއީ އެންމެ މަތީ މިންގަނޑުން ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަންތަންކަމަށްވާންޖެހޭނެއެވެ.

ޖިމުގައި ބޭނުންކުރާ ހެދުން

ފިރިހެނުންނާއި އަންހެނުންވެސް ޖިމުގައި ބޭނުންކުރަންވާނީ އައުރަ ނިވައިވާފަދަ އެކަށީގެންވާ ހެދުމެކެވެ. ޖިމުގައި ހަރަކާތްތެރިވާއިރު އާއްމު ގޮތެއްގައި ގަޔަށް ބާރު ފޭރާން ލައިގެން އުޅުނަސް އެއީ ކޮންމެހެން އެކަން އޮންނަންޖެހޭ ގޮތް ނޫންކަމަށާއި ގަޔަށް ދޫކޮށް ހުންނަ ފޭރާން ލައިގެންވެސް ޖިމުގެ ހަރަކާތްތައް ކުރެވިދާނެކަން ދިރާސާތަކުން އެނގެއެވެ. ހަވިނެތުއާއި އޭނާގެ ބައިވެރީން (2002) ހާމަކޮށްފައިވާ ގޮތުގައި؛ ދޫ އަދި ލުއި ފޭރާން ލައިގެން ކަސްރަތު ކުރުމުން އެކަށީގެންވާގޮތުގައި ހޫނު ހިފަހައްޓައިދިނުމާއެކު ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. ހަމަ މިއާއެކު، މެކްލެލަން އާއި ޗަންގް (2000) ގެ ދިރާސާއިން އެނގުނުގޮތުގައި؛ ދޫ ފޭރާން ބޭނުންކުރާނަމަ ކަސްރަތުގެ ތެރޭގައި ހީޓު ސްޓްރެސް ކުރިމަތިވުން ދުރުކޮށްދެއެވެ.

ޝަރީއަތާ ޚިލާފު ނުވާނެގޮތަށް ހިންގާ ޖިމެއްނަމަ އެތަނުގައި ބޭނުންކުރަންޖެހޭ އިސްލާމީ މިންގަނޑަށް ފެތޭ ހެދުމަކީ ކޮބައިކަން ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ. އަދި ޚިދުމަތް ފޯރުކޮށްދޭންޖެހޭނީ އެ މިންގަނޑުތަކަށް ތަބާވާ މީހުންނަށް އެކަންޏެވެ. ޝަރުޢީ ޟަރޫރަތެއްނެތި، އަންހެނުން އަންހެނުންނަށް އަދި ފިރިހެނުން ފިރިހެނުންނަށްވެސް އެމީހުންގެ އައުރަ ފާޅުކުރުމަކީ ހަރާން ކަމެކެވެ (މުސްލިމު: 338).

ޖިމު މެނޭޖުކުރުމާއި އިޝްތިހާރުކުރުން

ޖިމު ހިންގައި މެނޭޖުކުރުމުގައި އިސްލާމްދީން ކުރިއަރުވައި، ޚިދުމަތް ހޯދާ ފަރާތްތައް ދީނަށް ލޯބި ޖެހޭފަދަ ގޮތްތަކަށް ޢަމަލުކުރަންވާނެއެވެ. މިސާލަކަށް؛ ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ހަށިގަނޑަށް ގެއްލުން ލިބޭފަދަ ބޭހާއި ސަޕްލިމެންޓުތައް ބޭނުން ނުކުރުމަށް އިރުޝާދުދީ އެކަންކަމުގެ ގެއްލުމާމެދު ހޭލުންތެރިވާފަދަ ދީނީ އަދި ސައިންޓިފިކް މައުލޫމާތު ފޯރުކޮށްދެވިދާނެއެވެ. ހަމަ މިގޮތަށް؛ ވަގުތަށް ކަމޭހިތުމާއި، ނަމާދުފަދަ ވާޖިބުތައް އަޅާފައި ކަސްރަތުކުރަން ނުތިބުމާއި، ރީތި ބަހުން ވާހަކަދެއްކުންފަދަ ރަނގަޅު އާދަތަކަށް އަހުލުވެރިވެވޭނެ މާހައުލެއް ގާއިމުކުރުމަކީވެސް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.

ޖިމު އިޝްތިހާރުކުރާނަމަ އެކަން ކުރަންވާނީ އިސްލާމްދީނާ ޚިލާފުނުވާނެ ގޮތަށެވެ. މިސާލަކަށް އިޝްތިހާރުތަކުގައި، އައުރަ ނިވައިނުވާ މީހުންގެ ފޮޓޯއާއި ވީޑިއޯ ބޭނުންކުރުމާއި، ތަނުން ފޯރުކޮށްދޭ ޚިދުމަތާއި ވަސީލަތްތަކުގެ ފެންވަރާއި ޚިދުމަތުގެ އަގުތައް އޮޅުވައިލައިގެން އިޝްތިހާރުކުރުން ފަދަ ނޭދެވޭ ކަންތައްތަކުން ދުރުހެލިވާންޖެހޭނެއެވެ.

ޖިމުގެ ޚިދުމަތް ހޯދާ ފަރާތްތައް

ޖިމަށް ދިއުމުގެ މަގުސަދަކަށްވާންޖެހޭނީ ދުޅަހެޔޮ ސިއްހަތެއް ލިބިގަތުމާއެކު ހަށިގަނޑުގެ ޒީނަތްތެރިކަން ހެޔޮގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. މިއާ ޚިލާފަށް، އާއިލީ ޒިންމާތަކަށް ފަރުވާ ކުޑަކޮށް ރައްޓެހިންނާއެކު މަޖާކޮށްލައި ވަގުތުތައް ދުއްވައިލުމަށް ނުވަތަ ތިމާގެ ޒީނަތް ފާޅުކޮށް މީހުންގެ ސަމާލުކަން ހޯދައި، އެތަނުގެ ތެރެއިން ތިމާ ބޭނުންވާ ބަޔަކާއެކު ނަހަމަ ގުޅުންތަކެއް ގާއިމުކުރުންފަދަ، ހުއްދަނޫން ބޭނުމެއްގައި ދާ ތަނަކަށް ޖިމު ހަދައިގެން ނުވާނެއެވެ.

ހަމަ މިއާއެކު ހަށިގަނޑުގެ ޒީނަތްތެރިކަން އެހެންމީހުންނަށް ދެއްކުމަށްޓަކައި ޖިމު ތެރޭގައި ފޮޓޯއާއި ވީޑިއޯ ހަދައި މީސްމީޑިއާގެ މަންސަތަކަށް ލުންފަދަ، އިސްލާމްދީން މަނާކުރާ ކަންތައްތައް ކުރުމުގެ ވަސީލަތަކަށް ޖިމު ހަދައިގެން ނުވާނެއެވެ. ޚާއްސަ ގޮތެއްގައި އަންހެނުން ޖިމުގައި ތިބެގެން އެކި ޒާތްޒާތަށް ނަގާ ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާއަށް ދޫކޮށްލައިގެން ލިބޭ ލައިކުކޮޅަކަށްވުރެ، އެ ކަނބަލުންގެ ޢިއްފަތްތެރިކަމާއި ޒީނަތްތެރިކަމާއި ލަދުވެތިކަމުގެ އަގު މާ ބޮޑުކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.

ބަޔާންވެދިޔަ މިންގަނޑުތަކާއި އިރުޝާދުތަކާ އެއްގޮތަށް ޖިމު ހިންގައި އެތަނުގެ ބޭނުންކުރާނަމަ އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ހެވާއި ކާމިޔާބު އެބަޔަކަށް ލިބޭނެއެވެ. ޣައިރުމުސްލިމުންގެ ފަރާތުން ތަޢާރަފުވެ އެމީހުންގެ ފުށުން އޭގެ އުކުޅުތައް ދަސްކޮށްގެން ދެވޭ ޖިމުގެ ޚިދުމަތްފަދަ ޚިދުމަތްތައް، މުސްލިމުންގެ ތެރޭގައި ދޭންޖެހޭނީ ތުނޑުން ތުނޑަށް - ޣައިރުމުސްލިމުން އެކަން ކުރާ ގޮތަކަށްނޫނެވެ. އެހެނެއްކަމަކު އެ ޚިދުމަތެއް ދޭންޖެހޭނީ މުސްލިމުންނަށް އެކަށީގެންވާނެހެން، އިސްލާމީ ޝަރީޢަތާ ޚިލާފުނުވާނެ ގޮތަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް