ފަލަސްތީނަށްޓަކައި ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ: ރައީސް

،ފަލަސްތިނާއެކު ދިވެހިން' ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެސްއެމް

ފަލަސްތީނަށް އެހީވުމުގައި ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'ފަލަސްތީނާ އެކު ދިވެހީން' ޓެލެތޯން ފައްޓަވައިދެއްވަން މިއަދު ހެނދުނު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ފަލަސްތީނުގެ މައްސަލައަކީ ދެ ގައުމެއްގެ ދެމެދުގައި ހިނގާ ކަމެއް ކަމަށް ބުނެ، ލޯ މަރާލައިގެން ތިބެވެން ނެތްކަން ފާހަގަކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ފަލަސްތީނަށް އެހީވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށެވެ.

އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ހުޅުވައިލި ފަންޑު ފޮއްޓަށް އެހީ ވެސް ވެފައެވެ.

"ފަލަސްތީނު ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ހުރިހާ ކަމެއް ކޮށްދިނުން އެދެން. ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭ ކަމެއް،" ފަންޑަށް އެހީވުމަށް ފަހުގައި ރައީސް ރައްޔިތުންނާ މުޚާތަބުކުރައްވާ ވިދާޅުވިއެވެ.

"މިއީ ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން، މިއީ އިސްލާމީ އުންމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް،"

'ފަލަސްތީނާއެކު ދިވެހިން' ޓެލެތޮން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އަނބިކަނބަލުން ސަޖިދާ މުހައްމަދު--ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ފަލަސްތީނުގެ ހައްގުގައި ވާހަކަނުދައްކާ އެތައް ފަރާތްތަކަކުން މިހާރު ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ކަމުން ހިތްވަރު ލިބިގަނެ، ފަލަސްތީނުގެ ހައްގުގައިި ކުރާ މަސައްކަތް އިތުރު ހަރުފަތްތަކަކަށް ގެންދަންޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި، އެ މައްސަލަ ދުވަހަކު ވެސް ބޮޑުނުވާހާ މިންވަރަށް މިހާރު ބޮޑުވެފައިވާ ކަމަށާއި އެ ކަމުގައި ލޯ މަރާލައިގެން ތިބެގެންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މުސްލިމުންގެ ސިފައަކީ އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުންމަތް ޝާމިލުވުން. އެއީ ދީނުގައި އެކަން އޮތް ގޮތް. ހަށިގަނޑުގެ އެންމެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމުގައި ވޭން އަޅާނެކަން މިސާލެއް ގޮތުގައި އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައި އޮންނަނީ،" ރައީސް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުން، ކޮންމެ ދިމާލެއްގައި ތިއްބަސް، ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ ވިސްނުމެއްގައި ހުއްޓަސް، މިއަދު ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން މި ޓެލެތޯންގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމެއް،"

އެ މަނިކުފާނު ވަނީ މިއަދަކީ ފަލަސްތީނު ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަންދޭ ދުވަހެއްގެ ގޮތުގައި ހައްދަވައިދެއްވަން އެދިވަޑައިގެންފައެވެ.

ފަލަސްތީނަށް އެހީވާން ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ދިވެހި މީޑިއާތަކާ ވެސް ގުޅިގެން ކުރިއަށް ގެންދާ މި ޓެލަތޯން މިއަދު ހެނދުނު 8:00 ގައި ފެށީއިރު މިރޭ 12:00 ވަންދެން ކުރިއަށްދާނެއެވެ. އެކަމަކު، ފަންޑު ފޮށިތައް އާންމު ސަރަހައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވަނީ އިރުއޮއްސި 6:00 އާ ހަމައަށެވެ. ފަންޑު ފޮށި ބަހައްޓާ 13 ސަރަހައްދުގެ ތެރޭގައި،

  • ހުޅުމާލޭ ދެވަނަ ފިޔަވަހި ހިޔާ ފުލެޓު ސަރަހައްދު
  • ހުޅުމާލޭ ހޮސްޕިޓަލް
  • ވެލާނާ ބިލްޑިން
  • އެސްޓީއޯ ބިލްޑިން
  • އެމްޕީއެލް
  • ސްޓެލްކޯ
  • ފެރީ ޓާމިނަލްތައް
  • އެސްޓީއޯ ސުޕަމާކެޓު ކައިރި
  • ޓީވީއެމް ގޯތި ތެރޭ - މި ފަންޑު ފޮށި މިރޭ 10 އާ ހަމައަށް ހުންނާނެ

ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ކަމަށް ޚާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެއީ،

  • ދިވެހި ރުފިޔާ - 7730000655865 - ނަން: ފަލަސްތީނާ އެކު ދިވެހީން
  • ޑޮލަރު - 7730000655866 - ނަން: ފަލަސްތީނާ އެކު ދިވެހީން

މި ޓެލަތޯންގައި އެއްކުރެވޭ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށެވެ. އެއީ، އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްތީނުގެ ހައްގުގައި އަޅާ ފިޔަވަޅެއްގެ ގޮތުން އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނެއް ހަދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް