Ooredoo
Ooredoo

އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޫކުރުމާމެދު ވިސްނާލަންޖެހޭ: ނަޝީދު

ކުރީގެ ރައީސް ނަޝީދު: އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޫކުރުމާމެދު ވިސްނާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ޗާގޯސްގެ ބާރު މޮރިޝަސްއަށް ލިބޭގޮތަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރަމުންދާއިރު، ނުތަނަވަސްކަން ނުއުފެދޭނެ ގޮތަަށް ކަންކަން ކުރަން ވިސްނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ooredoo

ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ޗާގޯސްގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރާނެ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ސުވާލު އުފެދިފައި ވަނީ އެ ރަށްތައް އިސްތިއުމާރުކުރި އިނގިރޭސިވިލާތުން ރަށްތައް މޮރިޝަޝްއާ ހަވާލުކުރާނެކަން އިއުލާނުކޮށްފައިވަނިކޮށް މޮރިޝަސްގެ ވެރިކަން ބަދަލުވެ، އާ ބޮޑު ވަޒީރަކު ވަޑައިގެން އަނެއްކާވެސް އާ ޝަރުތުތަކެއް ހުށަހެޅުއްވުމުންނެވެ.

އިނގިރޭސި ސަރުކާރުން މިހާރު ނިންމާފައި އޮތީ 60 ރަށް ހިމެނޭ ޗާގޯސްގެ ކޮންޓްރޯލު މޮރިޝަސްއަށް ދިނުމަށެވެ. ނަމަވެސް އެ މީހުން ވަނީ އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއޭގޯ ގާސިއާގައި ހުންނަ ސްޓްރެޓެޖިކް ޖޮއިންޓް، އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު މަދުވެގެން 99 އަހަރަށް އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ޝަރުތުކޮށްފައެވެ.

ނަމަވެސް މިދިޔަ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޮރިޝަސްގެ ބޮޑު ވަޒީރު ނަވީން ރަމްގޫލަމް ވަނީ އެ އެއްބަސްވުމާމެދު ޝައްކު އުފެދޭ ކަމަށާއި އެއްބަސްވުން އަދިވެސް ފައިނަލް ނުވާ ކަމަށް ވިދާޅުވެފައެވެ. މޮރިޝަސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ރަމްގޫލަމް ވިދާޅުވީ އޭނާގެ ސަރުކާރުން އިނގިރޭސިވިލާތާ އެކު އެއްބަސްވުމެއް ހަދަން އަދިވެސް ތައްޔާރަށް އޮތް ކަމަށާއި އިތުރު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް ދޫކޮށްލަން ވާނީ މޮރިޝަސްއާއި ޗާގޯސްގެ ކައިރީ އޮންނަ ރަށްތަކުގެ މެދުގައި އިތުރު މައްސަލަތަކެއް ނުޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުން ނިންމުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.

ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ފޮނުއްވާފައިވެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ވިދާޅުވީ، ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށެވެ.

Redstar
comment ކޮމެންޓް

comment ދދ

3 month 1 week ago

ނަޝީދުގެ ވެރިކަމުގައި އައްޑޫ ވަނީ ހިންދުކަރަޔަށް ވިއްކާލާފައި، ޔަމީނުގެ ވެރިކަމުގައި މެދުރާއްޖެތެރެ ޗައިނާޔަށް ވިއްކާފައި، އިބޫގެ ވެރިކަމުގައި ހަނިމާދި ހިންދުކަރަޔަށް ވިއްކާފައިވަނީ، ދިވެހިން ނައި ވެރިންނަކީޔަސް ޗޯރުން ކަރަޕްޓު މީހުން !

comment ނުކިޔަވާ މިހާ

3 month 1 week ago

ބާރު ހުރި ފަރާތް ތަކުން ބޭނުން އެއްޗެއް ހަދަމުންދާނީ!!!! ނިކަމެތިން ޖެހޭނީ އަތްޖަހަން!!!!!!

comment ރީތި ޙައްޖަ

3 month 1 week ago

ނަށީދަކީ ވެރިކަން ހޯދުމުގެ ބޭނުމިގަ ވަރަށް ވާހަކަ ދައްކާ މީހެކެވެ ޗާގޯސް ކީއްކުރަން ހެވެ ނާދީ ބިމާ އޯޑިއޯން ބިންވެސް އެވަނީ ހިންދު ކަރައްށް ދޫކޮށްލާފައެވެ ހުރިހާވެސް ބޭނުމަކީ 2028 އަށް ވޯޓު އިތުރުކުރުމެވެ

comment ސިފް

3 month 1 week ago

ކޮން ޗާގޯހެއް.. ރާއްޖެވެސް މޮރިޝަސް އަށް ދޭންވީ. މިއީ ގައުމެއްތަ މިހާރު.. ދިވެހިންނަކަށް ވަކި މިނިވަން ގައުމެއް ޑިޒާވެއްނުވޭ. އަމިއްލައަށް ގައުމެެއްގެ ގޮތުގަ ގަވާރން ނުކުރެވޭ އަމިއްލައަށް ގައުމު ހަލާކުކޮއް ކޮރަޕްޝަނާއި ފަސާދަ ހިންގައި ވައްކަން ކުރާ ބަޔަކަށް ކީއްކުރަންތޯ ގައުމެއް ދޭންވީ. މިތާގަ ޗައިނާ ނުވަތަ ސިންގަޕޫރު ގެ ރައްޔިތަކު ދިރިއުޅޭނަމަ މިތަންވާނީ ގަދަފަދަ އިގުތިސޯދީ އަދި ތަރައްގީގައި ކުރިއަރާފައިވާ ގައުމަކަށް. މިތަން މިހާރު މިދާހެން އެއްވެސް އަމާޒެއް ނެތި ލާހޫރެމުން މިދަނީ މިތާގަ ދިވެހިން ތިބޭތީ. ދިވެހިންނަކީ ކަރަޕްޝަން ހިންގައި ވައްކަންކޮއް ދޮގުހަދައިގެން ހިހޫތަނުން ކާންތިބޭ އަދި ވަތަނަށަ ޣައްދާރުވާ އެއްވެސް ޕުރިންސިޕަލެއް ނުގެންގުޅޭ ކޮހުންތަކެއް.

comment ލލ

3 month 1 week ago

ޗާގޯސް ފޯޅަވަހި އާއި މަލިކް ލަކަޝަދީބް ރައްތަކަކީ ދިވެހިރާއްޖޭގެ ވެރިންގެ އިހުމާލުން ގެއްލި ދޫވެފައިވާ ދިވެހިންގެ ބިންތަކެއް ސަރަހައްދުތަކެއް، އެތަން ހޯދާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ވެއްދުމަކީ މިއަދު ގެސަރުކާރުން ކުރަންޖެހޭކަމެއް !

reply ފިއު

3 month 1 week ago

މިހާރު އޮތް ދިވެހި ރާއްޖެވެސް ބޭރުގައުމުތަކުގެ ދަށުކިއް އަޅުވެތި ކުރެވޭތޯ އުޅޭ ސަރުކާރުތަކަކަށް ވޯޓުދީގެން ބާރުދޭ ރައްޔިތަކަށް ކީއްކުރަން އިތުރު ބިންތަކެެއް ހޯދަދޭންވީ.؟