ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް ވެސް ކާރުތަކުން ފުރެނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއް މަތީގައި ކާރުތަކެއް: ހަނި މަގުތަކުގައި ކާރު ޕާކުކުރުން އިތުރުވެފައިވާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައި -- ފޮޓޯ/ ހުސައިން ސައީދު، އެކްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ކާރު ޕާކިން މައްސަލަ ބޮޑުވާންފެށުމާއެކު އާންމުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މާލޭގެ މަގުތަކުގައި ވެސް މީހުންނަށް ދަތިވާ ގޮތަށް ކާރު ޕާކު ކުރުމުގެ ޝަކުވާ އާންމުކޮށް ކުރާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެސް އެ މަންޒަރު ފެންނާތީ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުޙައްމަދު އަވާދު އަޔާޒް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވަމުން އަންނަ ޕާކިން މައްސަލަ ވަކިން ބަލައި ހައްލު ކުރުމަށް ކަންތައްތަކެއް ރާވާފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް މުޅި މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް، ޑީކޮންޖެސްޝަން ޕްލޭނެއްގެ ދަށުން ނިންމާފައިވާ މަސައްކަތްތައް ވަރަށް އަވަހަށް ޓްރާންސްޕޯޓު މިނިސްޓްރީން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދެއް ރެޖިސްޓްރީ ކުރެވެނީ، އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ވެސް އޮވެގެންނެވެ. ޕާކުކޮށްފައި އޮންނަ ކާރުތަކުން މަގުތައް ފުރައިލާ މައްސަލަ ދިމާވަނީ ގަރާޖެއް ހަމަޖެއްސުމަށް އޮންނަ ތަކުލީފުގެ ބޮޑު ކަމުންނެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު މާލެއަށް ގެންނަ ކާރު، ތިން ހަތަރު މަސް ވެގެންދާއިރު ވެސް، ރެޖިސްޓްރީ ނުކުރެވޭތީ ބާއްވާފައި އޮންނަނީ މަގުމަތީގައެވެ.

ކާރު ރެޖިސްޓްރީ ކުރުމުގައި ދިމާވާ ދަތިތައް "ސަން"އަށް ކިޔައިދެމުން މީގެ ކުރިން އާންމު ރައްޔިތަކު ބުނެފައިވަނީ މާލެ ސަރަހައްދުން ގަރާޖު ސިޓީ މިހާރު ގަންނަން ލިބެނީ 120،000 އާއި 150،000 ދެމެދުގެ އަގެއްގައި ކަމަށެވެ. އެހެން ކަމުން، އަތޮޅުތެރެއަށް އުފަން މީހަކު މާލޭގައި ކާރެއް ދުއްވާނަމަ ޖެހެނީ ބޮޑު އަގު ދިނުމަށް ފަހު ގަރާޖު ސިޓީ ގަންނަން ކަމަށް ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖާގަ އޮތުމާއެކު، އެތައް ބަޔަކު ކާރުތައް ބާއްވަން ފެށީ އެ ސަރަހައްދުގައެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، ދެވަނަ ފިޔަވަހީގެ ހަނި މަގުތަކުގައި ވެސް ޕާކިން މައްސަލަ ދިމާވެ، އެ ކަމުގެ ޝަކުވާ މި އޮތީ ކުރަން ފަށައިފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބާރުމިނުގައި އިތުރުވަމުން އަންނައިރު، އެ ސަރަހައްދުގެ މަގުތަކުގެ ދެ ފަރާތް ވެސް މިއަދު އެ ވަނީ ކާރުތަކުން ފުރިފައެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

https://sun.mv/191974

ލާމަރުކަޒީ ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެ ރަށެއްގައި ދަތުރުކުރެވޭނެ އުޅަނދުތަކުގެ އަދަދާއި އެ އުޅަނދުތަކުގެ އުމުރު ވެސް ކަނޑައަޅަން ޖެހެއެވެ. އެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު ކެންސަލް ކުރުމަށް ފަހު، ހަ މަސްދުވަހުގެ ތެރޭގައި ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލަށް ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/192591

މީގެ އިތުރުން ރަސްމީ ނިޒާމެއްގެ ތެރެއިން ރެޖިސްޓާކޮށްގެން ރާއްޖޭގައި ސްކްރެޕް ޔާޑުގެ ޚިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500އަށްވުރެ ގިނަ ކާރު ހިމެނެއެވެ.

comment ކޮމެންޓް