މާލެ ވެހިކަލް ލިމިޓް ކަނޑައަޅަން ސިޓީ ކައުންސިލަށް ފަސޭހަކޮށްދީފި

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ވެހިކަލް ވިއްކުމުގެ ވިޔަފާރިކުރާ މީހުން، އެ ވެހިކަލް ރާއްޖެއަށް އެތެރެކުރުމަށް ފަހު، އެ ވެހިކަލްތައް ބާއްވާނެ ޖަރާޖެއް ނުވަތަ ޖާގައެއް ނެތުމުން މާލޭ މަގުމަތީގައި ޕާކުކޮށްގެން އެ ވެހިކަލްތައް ގެންގުޅެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖެއަށް އިމްޕޯޓުކުރާ ވެހިކަލް ރެޖިސްޓްރީ ނުކުރަނީސް ވެހިކަލެއްގެ ގޮތުގައި ކެޓަގަރައިޒް ނުކުރެވޭ ގޮތަށް އޮތް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނު މިހާރު އޮތް ގޮތުން ވެހިކަލެއްގެ ގޮތުގައި ކެޓަގަރައިޒް ކުރަނީ ރާއްޖެ ގެންނަ ވެހިކަލް ރެޖިސްޓްރީ ކުރާ ހިސާބުންނެވެ.

އެހެން ކަމުން ވެހިކަލެއް ރާއްޖެ އެތެރެކޮށް، ރެޖިސްޓްރީ ނުކުރާނަމަ، އެ ވެހިކަލެއް ވެސް ކެޓަގަރައިޒް ކުރަނީ އެހެނިހެން މުދަލުގެ ގޮތުގައެވެ.

ވަކީން ޚާއްސަކޮށް، ހަތަރު ފޮރޮޅުލީ ވެހިކަލެއް ރެޖިސްޓްރީ ކުރެވެނީ، އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ވެސް އޮވެގެންނެވެ. އެ ގޮތުން މި ކަމުގައި ތަކުލީފު ދިމާވަނީ ގަރާޖެއް ހަމަޖެއްސުމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރުތައް ޕާކުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިނާހު

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މި ކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ވެހިކަލް ވިއްކުމުގެ ވިޔަފާރިކުރާ މީހުން، އެ ވެހިކަލް ރާއްޖެއަށް އެތެރެކުރުމަށް ފަހު، އެ ވެހިކަލްތައް ބާއްވާނެ ގަރާޖެއް ނުވަތަ ޖާގައެއް ނެތް ކަމަށެވެ.

ނަމަވެސް އެއީ މާލޭ މަގުމަތީގައި ވެހިކަލް ޕާކުކުރެވޭނެ ސަބަބެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މާލޭގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެހިކަލްތަކުން މުޅި މާލެ ތޮއްޖެހިފައި އޮތުމުގެ މައްސަލައެވެ. މި ހާލަތަށް މި މައްސަލަ ދިޔައީ މި ސަރަހައްދުގެ ކެރީން ކެޕޭސިޓީއަށްވުރެ ގިނަ އަދަދަކަށް ވެހިކަލް ރެޖިސްޓްރީ ވެގެންދިއުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައެޅުން ގާނޫނުގެ ދަށުން މަތިކޮށްފައި އޮންނަނީ މާލެ ސިޓީ ކައުންސިލަށެވެ. އެކަމަކު މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވެސް މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައެޅިފައި ނެތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ސިޓީ ކައުންސިލަށް އެ ކެޕޭސިޓީ ކަނޑައެޅޭނީ ޓްރާންސްޕޯޓު މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުން ކަމަށް ގާނޫނުގައި އޮވެއެވެ.

އެހެން ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ހަދާ ގަވާއިދުގެ ދަށުން ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ މާލެ ސިޓީ ކައުންސިލަށް މާ "ކޮމްޕްލެކްސް" އަދި މާ ބޮޑެތި މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

"މި ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން މި ގަވާއިދު އެކުލަވާލާފައި އޮތީމަކާ ސިޓީ ކައުންސިލަކަށް މި ގާނޫނުގައި ބުނާ ގޮތަށް ކެރީން ކެޕޭސިޓީއާ، ވެހިކަލްގެ އޭޖް ޑިކްލެއާ ކުރެވޭކަށް ނެތް ކަމަށް ޕާސަނަލީ އަޅުގަނޑު ގަބޫލުކުރިން. އަދި ދެން އަޅުގަނޑާ އެކީގައި ތިއްބެވި މިނިސްޓްރީގެ ބޭފުޅުން ވެސް މިހާރު ގަބޫލު ކުރައްވާ" މިނިސްޓަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެ ރަށެއްގައި ދަތުރުކުރެވޭނެ އުޅަނދުތަކުގެ އަދަދާއި އެ އުޅަނދުތަކުގެ އުމުރު ވެސް ކަނޑައަޅަން ޖެހެއެވެ.

އެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު ކެންސަލް ކުރުމަށް ފަހު ސިޓީ ކައުންސިލަށް ފަސޭހައިން ކެރީން ކެޕޭސިޓީ ކަނޑައެޅޭނެ އުސޫލެއް މިހާރު ގެޒެޓު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެ ގޮތުން ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކެރީން ކެޕޭސިޓީ ކަނޑައެޅުމަށް ފަހު، މާލެ ސަރަހައްދަށް ވެހިކަލްތައް އިތުރުވެގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރަށް ވެހިކަލްތައް ތޮއްޖެހުމުގެ ހާލަތު ގޯސް ނުވާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މާލޭގައި ކެރީން ކެޕޭސިޓީއެއް ކަނޑައަޅާފައި ނެތްއިރު، މީގެ ކުރިން އެންމެ ކާރެއް ބޭއްވޭ ވަރުގެ ކުދިކުދި ގަރާޖުތަކަށް ތިރީހުން ސާޅީހުން ކާރު ރެޖިސްޓްރީކުރިއެވެ.

މި މައްސަލަ އިންތިހާއަށް ބޮޑުވުމާއެކު، އެ ކަން ހައްލު ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް