މާލޭގެ ހަތަރު ސަހަރާގައި ޕާކިން އޭރިއާ ހަދަން ހުއްދަ ހޯދައި، ޖާގަ ކަނޑައަޅައިފި

މާލޭގެ މޭޔަރު އާޒިމް: ވިދާޅުވީ މާލޭގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައިގެ ހައްލު ދެ އަހަރެއްގެ ތެރޭގައި ފެނިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މާލޭގެ ހަތަރު ސަހަރާގައި ޕާކިން އޭރިއާ ހެދުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށް އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގައި ދިމާވެފައި އޮތް ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ބައެއް ގަބުރުސްތާނުތައް ޕާކިން އޭރިއާތަކަށް ބަދަލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާގެ ދަށުން ޕާކިން އޭރިއާ ހެދުމަށް މައްޗަންގޮޅި ސަހަރާގެ ކަންމަތީން ބަޔަކާއި، ގަލޮޅު އަދި މާފަންނު ސަހަރާގެ ތެރެއިން ބަޔަކާއި ހެންވޭރު ސަހަރާގެ ބައެއް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިން އޭރިއާތަކެއް ހެދުމުގެ މަސައްކަތަށް މާފަންނު ސަހަރާގެ ތެރެއިން ބޮޑު އޭރިއާއެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާނެ ކަމަށެވެ. އެ މަސައްކަތަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރެވުމާއެކު ޕާކިންގެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް އަންނާނެކަން އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވާ ގޮތުގައި އެ ތަންތަނުގައި ޕާކިން އޭރިއާތަކެއް ހެދުމަށް ނިންމާފައިވަނީ ތަރައްގީކުރާ ޕާކުތަކަކާ ވެސް އެކުގައެވެ. އެ ގޮތުން ޖަމާލުއްދީން ސްކޫލުގެ ޕާކިން އޭރިއާ ހެދުމުގެ މަސައްކަތުގެ ތެރެއިން މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ޕާކިން ބިލްޑިންތަކެއް އެޅުމަށްޓަކައި 12 ވަރަކަށް ޕްރޮޖެކްޓު އެބަ އޮތް އެޕޮއިންޓްމެންޓުގައި ފެށެން. އެ އެއްޗިހި އަވަހަށް ފެށޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، އަޅުގަނޑުމެންގެ ޓީމްތަކާއި އިންފްރާސްޓްރަކްޗާ ޓީމުތަކާ ވާހަކަދައްކައިގެން،" އާޒިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެ ރަށެއްގައި ދަތުރުކުރެވޭނެ އުޅަނދުތަކުގެ އަދަދާއި އެ އުޅަނދުތަކުގެ އުމުރު ވެސް ކަނޑައަޅަން ޖެހޭ ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން އާ ސަރުކާރާ އެއްކޮށް މިނިސްޓަރާ ވާހަކަ ދައްކައިގެން އެ ކެރީން ކެޕޭސިޓީ ކަނޑައެޅުމުގެ ފޯމިއުލާއަށް ބަދަލުތަކެއް ގެނެސް، އެ ތަންކޮޅެއް ފަސޭހަކޮށްފިން،" އާޒިމް ވިދާޅުވިއެވެ.

މާލޭގައި ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް މައްސަލައަކީ އުޅަނދުތައް ތޮއްޖެހި، ޖާގައިގެ ދަތިކަމުގެ މައްސަލައެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން، މާލޭގައި ދިމާވެފައިވާ ޕާކިން މައްސަލައިގެ ހައްލު ދެ އަހަރެއްގެ ތެރޭގައި ފެންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ ހުންނެވިއިރު، އޭރުގެ ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅުނު ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޓިކެޓުގައި އާޒިމް މާލޭގެ މެޔަރުކަމަށް އިންތިޚާބުވެ ވަޑައިގަތް ނަމަވެސް، އޭނާ ވިދާޅުވީ ސަރުކާރާ އެކު މަސައްކަތްކުރަން އުނދަގުލެއް ނޫން ކަމަށެވެ. އަދި ރައްޔިތުން އޭނާ އިންތިޚާބުކުރީ ކޯޅެން ނޫން ކަމަށާއި ބައްލަވާނީ ދައުރުގެ ކޮންމެ ސިކުންތެއްގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް