ޑީޖޭއޭއާއި ޑީއެންއާރުގެ އެހީތެރިކަމާއެކު 99 ޕަސެންޓް ލިޔެކިޔުން ރިކަވާ ކުރެވޭނެ: އާޒިމް

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ލިޔެކިޔުންތަކުގެ ތެރެއިން 99 ޕަސެންޓް ލިޔެކިޔުން ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ އެ އިމާރާތުގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އޮފީހަށެވެ. މާލޭ ރައްޔިތުންގެ ރަށްވެހިކަމާއި، އަލަށް މާލެ ސަރަހައްދަށް އުފަންވާ ކުދިންގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ އިތުރުން، އިމާރާތްތަކުގެ ރެޖިސްޓްރޭޝަން ފަދަ މުހިންމު ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހިނގަމުންދާ އެ އޮފީހުގެ ލިޔެކިޔުންތަކަށް ވަނީ ގެއްލުންވެފައެވެ.

އެ ހާދިސާގައި ސަލާމަތްކުރެވުނު ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކާއި އިމާރާތްތަކުގެ ކުރެހުންތައް ތަރުތީބުކުރުމުގެ މަސައްކަތް އެ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

https://sun.mv/200301

ސަންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، އެ މަސައްކަތްތައް ނިންމައި، އަންނަ ހަފުތާގެ އާދިއްތަ ދުވަހު ކުރިއެކޭ އެއްގޮތަށް ޚިދުމަތްތައް ދެވެން ފަށާނެ ކަމަށެވެ.

"...އާދިއްތަ ދުވަހު އަޅުގަނޑުމެންނަށް މަސައްކަތްތައް ފަށައިގަނެވި ކުރިއަށްދާނެ. އެހެންނަމަވެސް ކުރިން އެ ގެންދިޔަ ސްޕީޑުގަ ނުގެންދެވިދާނެ. އޮންލައިން ސިސްޓަމެއްގެ ތެރެއިން އެކަން ކުރަން ފަށާފަ މިވަނީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގެންލުންވި ލިޔެކިޔުންތައް ރިކަވާ ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓްތަކާ ބައްދަލުކޮށް، އެކަމުގައި އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން 99 ޕަސެންޓް ލިޔެކިޔުންތައް ރިކަވާ ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"...މި ގެއްލުނު ޑޮކިއުމަންޓްތަކުގެ ބޮޑު ބައެއް ޑީއެންއާރާއި ޑީޖޭއޭގެ އާކައިވްތަކުން އަޅުގަނޑުމެންނަށް ނެގޭނެ ކަމަށް އުންމީދުކުރަނީ. އަޅުގަނޑުމެންގެ އަތުގަ ވެސް އެބަހުރި ބައެއް ޑޮކިއުމަންޓްސް ސްކޭންކޮށް، ރައްކާކުރެވިފަ. އެހެންވީމަ އަޅުގަނޑުމެން އޭރު ހީކުރި ވަރަށް ވުރެ [ލިޔެކިޔުންތައް] ސަލާމަތްކުރެވޭނެ ކަމަށް މި އަންދާޒާ ކުރެވެނީ،" އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އެސްއެސްޓީވީގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ސިޓީ ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ވަކި އޮފީސް އިމާރާތެއް ނެތުމެވެ. މިހާރުވެސް އެ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތަކުގެ އޮފީސްތައް ހިންގަނީ އެކި ތަންތަނުގައެވެ. އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ގެއްލުން ލިބުނު އޮފީހުގެ ޚިދުމަތްތައް ދިނުމަށް ދެން ވަންނާނެ ތަނެއް ނެތުމެވެ.

އާޒިމް ވިދާޅުވި ގޮތުގައި ތަނެއް ވަގުތީގޮތުން ހޯދުމަށްޓަކައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ގުޅުއްވައި، ސިޓީ ވެސް ލިޔުއްވިއެވެ. ނަމަވެސް އެކަމަށް މާބޮޑު އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

https://sun.mv/200330

"މިއީ ރައްޔިތުންގެ ވަރަށް މުހިންމު ޑޮކިއުމަންޓްސް. މުޅި ދައުލަތަށް ވެސް ވިސްނެންޖެހޭނެ މިވަރުގެ ކަމެއްކަން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑުމެން ވަކި ދާނެ ތަނެއް ނޯންނާނެ ދައުލަތުން ތަނެއް ނުދައްކާނަމަ. އެވަގުތުވެސް ދަރުބާރުގެ ސަރުކާރުގެ މިނިސްޓްރީތަކަށް ސެޓްއަޕް ހެދިގޮތަށް އަޅުގަނޑުމެންނަށް ވެސް ތަނެއް ދައްކަންޖެހޭނެ،" ކަންބޮޑުވުން ފާޅުކުރައްވާ އާޒިމް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ސަލާމަތްކުރެވުނު ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކާއި އިމާރާތްތަކުގެ ކުރެހުންތައް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ގަލޮޅު މަދަރުސާގެ ހޯލެއްގައި އަންނަނީ ކުރަމުންނެވެ. އެ ލިޔެކިޔުންތައް ތަރުތީބުކުރެވުމުން، ލިބުނު ގެއްލުން އެނގިގެންދާނެ ކަމަށާއި، އޭރުން އެ ގެއްލުނު ލިޔެކިޔުންތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން މައުލުމާތުދިނެވެ.

އަދި އެ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައި އަލިފާނުގެ ހާދިސާއެއް ދިމާވި ނަމަވެސް ލިޔެކިޔުންތަކަށް ގެއްލުން ނުވާނެ ގޮތަކަށް ކަންތައްތައް ބައްޓަންކުރުން ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް