އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރަން ގާނޫނު އިސްލާހުކުރަން އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޕިއެންސީގެ މިހާރުގެ ވެރިކަން ނިންމާލުމުގެ ނިޔަތުގައި ކަމަށާއި، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވާނީ ވަރަށް ވިސްނާފައި ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.
މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.
މި ބިލަށް ބަހުސްކުރުމަށް ހުޅުވައިލި ވަގުތުގައި މެންބަރު ގާސިމް ވަނީ ބިލާ މެދު ހިތްހަމަނުޖެހޭފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން، ގާސިމް ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހެޅިއިރު ވިސްނަންވާ ވަރަށް ވިސްނާފައިނުވާ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕިއެންސީގެ ވެރިކަން ނިންމާލުމަށް ގަސްތުގައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ހުށަހަޅާފައިވާ މައްސަލައެއް މި މައްސަލައަކީ. މި ބަހުސަކީ ވަރަށް ޖަޒުބާތީ އަދި ވަރަށް ދީނީ އަދި ގައުމީވަންތަކަން ލިބިފައިވާ މައްސަލައެއް،މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ބަހުސްގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކުރަން ގޮވައިލާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
މެންބަރު ގާސިމް ވަނީ ފަލާހުގެ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ. ގާސިމް ވިދާޅުވީ، 241 ކޮމިޓީން އެ މައްސަލަ ނިންމުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، ގާސިމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އައުން މަނާކުރުމާ މެދު ވަރަށް ފުންކޮށް ވިސްނާލަންޖެހޭނެ ކަމަށެވެ. އެ ކަމާ މެދު ފިޔަވަޅެއް އަޅަން ވާނީ ވަރަށް ކެއްތެރިކަމާ އެކު ކަަމަށް ގާސިމް ވިދާޅުވިއެވެ.
އެ ކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނާލަން ޖެހޭނެ. އެއީ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވަމުންދާ ނިކަމެތިކަމާ މެދު ނުވިސްނާތީއެއް ނޫން. މިއަދު މި ދިވެހި މެންބަރުން ނިންމާ ނިންމުން ވާންވާނީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި އަޅުގަނޑުމެންގެ ސަލާމަތްކަމާއި ރައްކާތެރިކަމަށް ވިސްނައިގެން. ސަލާމަތުން ތިބެގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ގާސިމްގެ ވާހަކައަށް ރައްދުދެއްވާ އިދިކޮޅު މެންބަރު މީކާއިލް ވަނީ، މީހެއްގެ ނިޔަތް އެނގޭނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އަދި، ޕީއެންސީގެ ސަރުކާރު ނައްތާލުމުގެ ނިޔަތުގައި އެ ބިލު ހުށަހެޅި ކަމަށް ގާސިމް ވިދާޅުވީ އެމްޑީޕީގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި ސިޔާސީ މަންފާ ހާސިލުކުރަން ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.
މީކާއިލް ވިދާޅުވީ، 19 ވަނަ މަޖިލީހުން ވެސް މިފަދަ ބިލެއްގެ މަސައްކަތް ކުރާން އުޅުނު ކަމަށެވެ. ޚުދު އޭނާގެ ވެސް ވޯޓާ އެކު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިދިޔަ އޮކްޓޫބަރުގައި ގާރާރެއް ފާސްކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ.
އަދި، މިދިޔަ ނޮވެމްބަރު މަހު ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ނަމަވެސް ޕީއެންސީ ސަރުކާރުގެ ފިއްތުންތަކާ އެކު އެ ބިލު އަނބުރާ ގެންދަން މަޖުބޫރިވީ ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން ކަމަށެވެ.
އެގޮތުން، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލައި ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް ސަރުކާރުން މިހާތަނަށް މި ކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްފައިނުވާ ކަމަށާއި މިކަން ކުރެވޭނޭ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ ސީދާ ގާނޫނަށް ގެންނަ ބަދަލެއް ހުށަހެޅި ޕާސްޕޯޓު މަނާކުރުން އަވަސް ކުރުވަން ކަމަށް އިސްލާހުގައިވެއެވެ.
އެ ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.
އެ ބިލު ހުށަހެޅި ފަހުން މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި، އެ ކަން އަވަސްކުރަން ކޮމިޓީއެއް އެކުލަވާލައިފައެވެ.