އިޒްރޭލު ޕާސްޕޯޓު މަނާކުރާއިރު އިގްތިސޯދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަންޖެހޭ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރާއިރު އިގްތިސޯދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަން ގޮވާލައިފަ -- ފޮޓޯ/ މަޖިލިސް

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ގާނޫނަށް ބަދަލެއް ގެންނަ އިރު ގައުމަށް ލިބިދާނެ އިގްތިސޯދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފިއެވެ.

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

https://sun.mv/193044

އެއާއެކު މިއަދު ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކުރަން ގޮވައިލާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ތާއީދުކުރައްވާ ބިލަށް ބަހުސްކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ކޮމިޓީއަކާ ހިސާބަށް ބިލު ދިރާސާކުރަން ފޮނުވާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ނާޒިމް ވިދާޅުވީ މަޖިލީހުން މެންބަރުން ނިންމާ ނިންމުން ވާންޖެހެނީ ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިގުތިސޯދީ ގޮތުން ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ.

"މިކަމުގައި ކޮމިޓީ މަރުހަލާގައި ނިންމަން ޖެހޭ އަދި ބަލަން ޖެހޭ ހުރިހާ ނަޒަރިއްޔާތަކުން ބައްލަވާ އިގުތިސާދީ ގޮތުން ވިޔަސް ސަލާމަތީ ގޮތުން ވިޔަސް އަދި ރައްކާތެރިކަމުގެ ގޮތުން ވިޔަސް ބައްލަވަން ޖެހޭ ހުރިހާ ކަމެއް ބަލާފައި ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ކޮމިޓީން ނިންމުމަކީ ވަރަށް ބޮޑު އެދުމެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ، ދުނިޔޭގެ އެހެން ބާރުތައް ބޭނުންހާ ގޮތަކަށް ރާއްޖެއިން ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ އަދި މަންފާވާ ގޮތަށް ކަންކަން ނިންމަން ޖެހޭ ކަމަށާއި މަޖިލީހުން ނިންމާނީ ވެސް އެގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޒިންމާދާރުވުމަކީ "ކަނު ބަނދެގެން" ތިބެގެން ކަންކަން ނިންމުން ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދައި ލިބިގަތުން ނޫން ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރަން ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެގޮތުން، ޕީއެންސީ ޕީޖީ ލީޑަރު، ފަލާހު ވެސް ވަނީ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/193040

ހަމައެއާއެކު އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވާނީ ވަރަށް ވިސްނާފައި ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް މިއަދު ވިދާޅުވެފައިވެއެވެ.

ގާސިމް ވަނީ ބިލާ މެދު ހިތްހަމަނުޖެހޭފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން، ގާސިމް ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހެޅިއިރު ވިސްނަންވާ ވަރަށް ވިސްނާފައިނުވާ ކަމަށެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

comment ކޮމެންޓް