ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު ތަސްދީޤުނުކުރީ ނަތީޖާ ހާސިލުނުވާނެތީ: ރައީސް

ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅި ބިލު އަނބުރާ މަޖިލީހަށް ފޮނުވައިލި ސަބަބުތައް ރައީސް ވިދާޅުވެއްޖެ: އެމަނިކުފާނު ވިދާޅުވީ ނަތީޖާ ހާސިލުކުރެވޭނެކަމަށް ނުފެންނަ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ބެހި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމުވާ ގޮތަށް ބިމާ ބެހޭ ޤާނޫނަށް އެމްޑީޕީން ގެނައި އިސްލާހު އަނބުރާ މަޖިލީހަށް ފޮނުވައިލީ، އެ ބިލުން ހާސިލުކުރަން ބޭނުންވާ ނަތީޖާ މި ވަގުތު ހާސިލުކުރެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ 19ވަނަ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ ބިލު ފާސްކުރުމުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީޤުނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.

އެހެންވެ، ސަރުކާރު ހިންގާ މައި ޕާޓީގެ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް 20ވަނަ މަޖިލީހުން މިއަދު ވަނީ އެ ބިލު ތަޅުމުން ވެސް ބޭރުކޮށްލައިފައެވެ.

https://sun.mv/192819

ރައީސް މުއިއްޒު ވަނީ އެ ބިލު މަޖިލީހަށް އަނބުރާ ފޮނުއްވި ސަބަބުތައް ސިޓީފުޅަކުން ސާފުކޮށްދެއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ ބިމާ ބެހޭ ގާނޫނުގެ ބަދަލުގައި ބިމާ ބެހޭ އާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، އެ މަސައްކަތް ކުރަމުން އަންނައިރު، އުވިގެން ދާނެ ގާނޫނަކަށް އިސްލާހެއް ހުށަހެޅުމަކީ އެއްވެސް މާނައެއް ނެތް ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އަދި، އެ ބިލުން ގެންނަ އިސްލާހުތައް މި ވަގުތު ގެނެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ސަރުކާރުން ދޫކުރި ހުރިހާ ގޯތިތަކެއްގެ ރެޖިސްޓްރީ އަދިވެސް ހަވާލު ކުރެވިފައިނުވަނީ ހިއްކާ ނުނިމޭ ސަރަހައްދުތަކުން ވެސް ގޯތި ދީފައިހުރުމުން ކަމަށެވެ.

ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީޚުން ފެށިގެން އެ ގޯތި ލިބޭ ފަރާތަކުން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފަށަން ގާނޫނުން ލާޒިމުކުރެއެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އެ ގޯއްޗެއް ލިބުނު ފަރާތެއްގެ އަތުން ގޯތި އަތުލެވޭނެއެވެ.

އެ ކަމަށް ރިއާޔަތްކުރައްވާ ރައީސް ވިދާޅުވީ، އަމަލީގޮތުން ދިރިއުޅެން ފެށެން ނެތް ތަންތަން ހަވާލުކުރުމުުގެ ނަތީޖާއަކަށް ވާނީ ގޯތި ލިބިފައިވާ ފަރާތުގެ ހައްގުތަކަށް ހުރަސްއެޅުން ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް: ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް މިދިޔަ ދައުރުގައި އޭނާ ހުށަހެޅުއްވި ބިލު މިއަދު ވަނީ މަޖިލީހުން ބޭރުކޮށްފައި -- ފޮޓޯ/ މަޖިލިސް

މެންބަރު މީކާއިލް ހުށަހެޅުއްވި ބިލުގައިވަނީ ދާއިމީ ލިސްޓު ގެޒެޓުކޮށް ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯތިތައް، ބިލު ފާސްވެ، ގާނޫނަކަށްވުމަށް ފަހު އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ތެރޭ ހަވާލުކުރަން ވާނޭ ކަމަށެވެ.

އެ ކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެ ބިލުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ ގޯތިތައް ދޫކުރުމަކީ އަމަލީގޮތުން ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމުގައި ފާހަގަކުރެވޭ ކަމަށެވެ. އެއީ، ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، ނުހިއްކާ ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރަން ތިން މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމުންނެވެ.

އެ ބިލު ތަސްދީޤު ކޮށްފިނަމަ ހައުސިން މިނިސްޓަރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް