ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު 23 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން: މިހާތަނަށް ޖުމްލަ 1،408 ގޯތި ދީފި -- ސަން ފޮޓޯ/ މާހިލް އާތިފް

މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި އިތުރު 23 ގޯތި ވެރިފަރަތާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އޭގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު 13 ގޯއްޗެއް ވެރިފަރާތްތަކާ ހަވާލުކުރެވުނުއިރު، އިއްޔެ އިތުރު 10 ގޯތި ހަވާލުކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، މިހާތަނަށް ޖުމުލަ 648 ގޯތި، ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1،408 ގޯތި ދޫކޮށްފައިވާއިރު، އަދިވެސް 761 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުނުކުރެވިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިން ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން، ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ލޭންޑްޔޫޒް ޕުލޭން ރިވިއުކޮށް ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް ލިބުނު ފަރާތްތަކުން ވަނީ ދާދި ފަހުން ވެސް ގޯއްޗާއި ފްލެޓް ލިބުން ލަސްވާތީ އިހުތިޖާޖަށް ނިކުމެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓްތައް ދޫކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް