ކުޅުދުއްފުށީ ހައުސިން މަޝްރޫއު ލަސްވާތީ ކޮންޓްރެޓަރަށް ގޮތެއް ނިންމުމަށް އަންގައިފި

ކުޅުދުއްފުށީގައި ފަށާފައިވާ 11 ފަންގިފިލާގެ ފަސް ޓަވަރުގެ ހައުސިން މަޝްރޫއުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިމަން ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ހދ. ކުޅުދުއްފުށީގައި ކުރިއަގެންދާ ހައުސިން މަޝްރޫގެ މަސައްކަތް ކުރިޔަށް ނުގޮސް ލަސްވާތީ، އެ މަސައްކަތާ މެދު ގޮތެއް ނިންމުމަށް ކޮންޓްރެކްޓަރަށް އަންގައިފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ހައުސިން މިނިސްޓްރީން ބުނީ މަސައްކަތް ކުރިޔަށް ނުދާ މައްސަލައިގައި ކޮންޓްރެކްޓަރާ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެ ގޮތުން މަސައްކަތް އަވަސް ކުރުމަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވެސް އެ މިނިސްޓްރީން ދޮންބެޒްއަށް އަންގާފައިވާނެ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގައި މިހާތަނަށް ނިމިފައިވަނީ 18 ޕަސެންޓު -- ފޮޓޯ/ ހައުސިން މިނިސްޓްރީ

އެހެން ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުދާތީ، އެ މަޝްރޫއު ކުރިޔަށް ގެންދިއުމާމެދު އެ ކުންފުނިން ނިންމާ ގޮތެއް ސެޕްޓެންބަރު އެކެއްގެ ކުރިން އެ މިނިސްޓްރީއަށް އެންގުމަށް އެދިފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ އެ މަޝްރޫއު ހިންގާ ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ސަރަހައްދެއްކަމުން، އެ މަސައްކަތްވީ އެންމެ އަވަހަކަށް ނިންމަން ބޭނުންވާ ކަަމަށެވެ.

އެ މަޝްރޫއު ދޮންބެޒްއާ ހަވާލުކުރީ 20 ނޮވެމްބަރު 2024 ގައި ނިންމަން ޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަަށް ގެންދާ ގޮތަށް ބަލާއިރު އެ ތާރީޚަށް ނުނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މިހާތަނަށް އެ މަޝްރޫއުން ނިމިފައިވަނީ 18 ޕަަސެންޓުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވަނީ 11 ފަންގިފިލާގެ ފަސް ޓަވަރެވެ. މި ހައުސިން ޔުނިޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

comment ކޮމެންޓް