ތިން މަސްތެރޭ ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ތިން މަސްތެރޭ ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު އަނބުރާ ފޮނުވާލުމުން މަޖިލީހުން ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް އެމްޑީޕީން އިސްލާހު ހުށަހެޅި ބިލް މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރީލް މަހުގެ 29 ގައެވެ. އޭރު އެ ބިލު ފާސްކުރީ އެމްޑީޕީ މެންބަރުންގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރި މަޖިލީހުންނެވެ.

އެ ބިލް ފާސްކޮށް ރައީސަށް ފޮނުއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ ފޮނުވާލައިފައެވެ.

އެއާއެކު މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާއަށް ވަނީ އެ މައްސަލަ އެޖެންޑާކޮށްފައެވެ.

އެކަމަށް ބަހުސް ކުރުމަށް ފަހު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ ބިލު މަޖިލީހުން ބޭރުކޮށްލާފައެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ޕްރޮޕޯސަލެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަށް ވޯޓަށް އެހުމުން 75 މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެ ޕްރޮޕޯސަލް ފާސްކުރުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދިނުމަށް ބޭނުންނުވާ ކަަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ބިމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލުގެ ފުރަތަމަ މާއްދާގައި ވަނީ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، އެގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރުމަށް ފަހު ހަ މަސް ދުވަސްތެރޭ އެ ގޯތިތައް ހަވާލު ކުރަން ވާނެ ކަމަށެވެ.

https://sun.mv/192067

ދެވަނަ މާއްދާގައި ވަނީ، ދާއިމީ ލިސްޓު ގެޒެޓުކޮށް ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ގޯތިތައް، ބިލު ފާސްވެ ގާނޫނަކަށް ވުމަށް ފަހު އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްތެރޭ ހަވާލުކުރަން ވާނޭކަމަށެވެ.

ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ތިން މަސް ތެރޭ ގޯތި ދޭން ލާޒިމުކުރި ނަމަވެސް ހާލަތު އޮތީ އެކަން ތަންފީޒުވާ ގޮތަކަށްނޫން ކަމަށް މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު ސިއްދީގު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ވަނީ ހުޅުމާލެ އާއި ގިރާވަރު ފަޅާއި ގުޅީފަޅުން ވެސް މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައެވެ.

comment ކޮމެންޓް