މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ތެރެއިން މީހަކު މަރުވެފައިވާނަމަ، ވާރިސުން ސާބިތުކުރުމުން އެ މީހުންނަށް ބިން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު، އޭގެ ތެރެއިން ބައެއް ބިންތައް ހިއްކާ ނުނިމޭތީ އެ ކަމުގެ ކަންބޮޑުވުން ބޮޑެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކަންޓެއް ނުވަތަ އެޕްލިކަންޓް މަރުވެފައިވާ ފަރާތްތަކުން ޝަރުއީ ކޯޓުން ވާރިސުން ސާބިތުކުރަން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މިނިސްޓްރީގެ ހިޔާވެހި ޕޯޓަލަށް ހުށަހަޅައި އެޕޮއިންޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމިއެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.
މިހާތަނަށް ހުޅުމާލެއިން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭންޖެހޭ ހުރިހާ ގޯއްޗެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ.
ހައިދަރު ވިދާޅުވި ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިންތައް ދޫކޮށްފައިވަނީ މަގުތަކަށް އަރާ ގޮތަށާއި އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ސަރަޙައްދުތަކުންނެވެ. އަދި، ބައެއް ގޯތިތައް ކަނޑުންނާއި ފަޅުން ވެސް ދީފައިވާއިރު، އެއީ ގޯތީގެ ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެއިން 1،408 ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ނިންމިއިރު، މިދިޔަ އަހަރު 465 ގޯތި ދޫކޮށްފައިވެއެވެ. އަދި، މި އަހަރުގެ މިހާތަނަށް 159 ގޯތި ދޫކޮށް، ޖުމްލަ 624 ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓުތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ، މާލޭގެ ރައްޔިތުން މުޒާހަރާ ވެސް ކުރިއެވެ. މި ސަރުކާރުން ފުލެޓު ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ފުލެޓު ލިބުނު ގިނަ ބަޔަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.