ވިދާޅުވާނީ މަރުޙަބާތޯ ނޫނީ ތަހުނިޔާތޯ؟

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ދިވެހިރާއްޖެއަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއް ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގެ ވާހަކަ ގާތްގަނޑަކަށް ހުރިހައި ނޫސްތަކެއްގައި 2024 މެއި 17 ގައި ލިޔެފައި ހުއްޓައި ދުށީމެވެ. މީގެ ކުރީން ލިބިފައި ނުވާ ކާމިޔާބީއެކެވެ. އެ ކާމިޔާބީއާ މެދު އަޅުގަނޑު ވެސް ފަޚުރުވެރިވާ ކާމިޔާބީއެކެވެ. އެ ކާމިޔާބީއަކީ، ދިވެހި ދަރިއަކު އޮލިމްޕިކްސް މުބާރާތަށް ހޮވުނު ތާރީޚީ ކާމިޔާބީއެވެ. ނޭޕާލްގައި ކުރިއަށް ދިޔަ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން މުބާރާތުގެ ޓޭބަލް ޓެނިސް ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދައިގެން ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ތާރީޚީ ބޮޑު ކާމިޔާބީއެވެ. މީގެ ކުރީން ދިވެހީންނަށް ހޯދިފައިނުވާ ކާމިޔާބީގެ އެ ތާރީޚު ބަދަލުވި ދުވަހަކީ 2024 މޭ 15ވީ ބުދަ ދުވަހެވެ. އުފާވެރި ދުވަހެކެވެ.

މި ދެންނެވި ކާމިޔާބީ ފާހަގަކުރަން ކަމާ ގުޅޭ ހުރިހައި މުއައްސަސާތަކެއް ގުޅިގެން ވަރުގަދަ ހަފުލާއެއް ބޭއްވިއެވެ. އެ ހަފުލާގައި ރަތްދޫލަ އަޅައި ތަން ޒީނަތްތެރިކޮށް، ކުލަ ރީތި މާ ބޮޑިތައް ދީމާއަށް ހަދިޔާކުރެވުނެވެ. ބޮޑު އިސްޓޭޖަކަށް އެންމެން އަރާ އެކަމުގެ އުފާ ފާޅުކުރިއެވެ. މިއީ ހަމަ ކުރަންޖެހޭ ކަންކަމެވެ. އެކަމާ އަޅުގަނޑު ވެސް ވަރަށް އުފާވިއެވެ. އެހެންނަމަވެސް އަޅުގަނޑު އަޅައިގަނެގެން މި އުޅެނީ މުޅީން ތަފާތު ކަމެކެވެ. ދީމާއަށް ޓަކައި ޚާއްސަކުރެވުނު ލިޔުންކޮޅުގައި އޮތް އެއްޗެއްގައެވެ. އެ ލިޔުން ހުރީ އިސްޓޭޖު ފުރަގަހުގައި ހަރުކުރެވިފައެވެ.

އެ ލިޔުމުގައި އެތައް އެއްޗެއް ލިޔެފައިވާއިރު، ތާނައިން ލިޔެފައި ވަނީ އެންމެ ލަފުޒެކެވެ. އެއީ "މަރުޙަބާ" އެވެ. އެ ލަފުޒުގައި ހިމެނޭ އަކުރެއްގައި ތިކި ޖަހައިފައިވާ ގޮތުގެ ވާހަކަތައް މީސްމީޑިޔާ ގައި ވެސް ލިޔެފައި ހުރިކަން އަޅުގަނޑަށް އެނގެއެވެ. އާނއެކެވެ. މި ލަފުޒުގައި އޮތް "ހ" އެއް ގައި ތިކިޖަހައިފައިވަނީ ރަނގަޅަށް ނޫންކަން ފާހަގަކޮށް، ދިވެހިބަހަށް ލޯބިކުރައްވާ އެތައް ބޭފުޅުންނެއް ލިޔުއްވައިފައި ހުއްޓެވެ. އެ ލަފުޒުގައި ތިކި ޖަހައިފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުން މީސްމީޑިޔާގައި ދައްކަވައިފައި ހުރި ވާހަކަތަކުގެ އިސްކިރީނު ޝޮޓުތައް އަޅުގަނޑާ ހިއްސާކުރެއްވިއެވެ. އަޅުގަނޑަކީ ވެސް ދިވެހި ބަހަށް ލޯބިކުރާ މީހެއްގެ އިތުރުން، މިހާރު ހުރި މަގާމުގެ ހައިސިއްޔަތުން ކަމަށް ވެސް ވެދާނެއެވެ.

ދީމާއަށް މަރުހަބާ ކިޔަން ބޭއްވި ހަފުލާގެ ތެރެއިން-- ސަން ފޮޓޯ: ނާއިޝް ނާހިދު

އެ ލަފުޒުގައި ތިކި ޖައްސަވާނަމަ ތިކި ޖައްސަވަންވާނީ، "ހ" ގެ ތިރީގައެވެ. އެއީ އެ ލަފުޒުގެ އަސްލަކީ އަރަބި ލަފުޒެއްކަމުގައިވާތީ ތާނައިން ލިޔާއިރު އެ އަކުރުގެ ތިރީގައި ތިކިޖަހަން ޖެހޭތީއެވެ. އެހެނަސް، ދިވެހިބަހުގެ އެކެޑަމީން އާންމުކޮށްފައިވާ "ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ" ގައި ބުނާ ގޮތުން މިހާރު އެ އަކުރުގައި ތިކި ނުޖަހާ ލިޔުމަކީ އެންމެ ރަނގަޅުކަމެކެވެ. އެކަމަކު ތިކިޖަހާނަމަ، ޖަހަންވާނީ، "ހ" ގެ ތިރީގައެވެ. މައްޗަކު ނޫނެވެ. އެހެންވީމާ އެ ލަފުޒު "މަރުހަބާ" މި ގޮތަށް ލިޔުއްވަމާ ހިންގަވާށެވެ.

އަދިވެސް އެހެންކަމެއް އެ ލިޔުމުން ފާހަގަކުރެވުނެވެ. އެއީ، ދީމާ ހޯދި ކާމިޔާބީއަށް ވިދާޅުވާނީ "މަރުހަބާ" ތޯ އެވެ؟ ނޫނީ "ތަހުނިޔާ" ތޯއެވެ؟ މަރުހަބާ އާއި ތަހުނިޔާއަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ދެ ލަފުޒެވެ. ވަކީން ބޮޑަށް މަރުހަބާ އަކީ ވަރަށް ގިނަ ބޭފުޅުން ބޭނުންކުރައްވާ ލަފުޒެކެވެ. ތަހުނިޔާއަށް ވުރެ ވެސް މަރުހަބާގެ ލަފުޒު އާންމެވެ.

މި ދެ ލަފުޒު ބޭނުންކުރައްވަންވީ ރަނގަޅު ހާލަތާމެދު އޮޅުންއަރާކަމަށް ދެކެވަޑައިގަންނަވައި، ފަތްތޫރައިގެ 209ވަނަ އަދަދުގައި އަޅުގަނޑުމެންގެ ވަރަށް ގިނަ ބައެއްގެ މުދައްރިސް، އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދު ލިޔުއްވައިފައިވާ ލިޔުއްވުމެއްގައި ވެސް އެ ވާހަކަ ވަރަށް ތަފުސީލުކޮށް ދައްކަވައިފައި އެބައޮތެވެ. ދެ ލަފުޒުގެ ވެސް އަސްލަކީ އަރަބިކަމާއި ދިވެހިބަހުގައި އެ ދެ ލަފުޒު ބޭނުންކުރެވޭ ހަމަތައް ވިދާޅުވެދެއްވައިފައި އެބަ އޮތެވެ. މަޑުލު މުޙަންމަދު ވަޙީދު އެކަން ފާހަގަކުރައްވައި ލިޔުއްވި ހުރިހައި ވާހަކައަކަށް ލޮލުންނާއި ބޮލުން ތާއީދުކުރަމުން އަލުން އަނެއްކާ އެ ވާހަކަތައް ތަކުރާރުކޮށްލާނަމެވެ. ބޭނުން ބޮޑުކަމަށް ފެންނާތީއެވެ. އަޅުގަނޑުގެ މުދައްރިސަށް އޮތް ލޯތްބާއި އިހުތިރާމާއެކު އެކަން ޝުކުރުވެރި ހިތަކުން ބަލައިގަންނަމުންނެވެ.

ދިވެހިބަހުގެ ރަދީފުގައި "މަރުޙަބާ" މި ލަފުޒުގެ މާނަ ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ.

ހ. މެހެމާނަކު އައުމުން އެކަމާމެދު އުފާކޮށް ހެޔޮ އެދުމުގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ބުނާ ބަހެއް،

ށ. މެހެމާނަކު އައުމުން އެކަމާމެދު އުފާކޮށް ހެޔޮ އެދުމުގެ ޝުއޫރު ފާޅުކުރުން،

ނ. ކަމަކަށް މީހަކު އަދާކުރާ ޝުކުރު ބަލައިގަނެ ޖަވާބުގައި ބުނާ ބަހެއް.

މި ތިން މާނައިގެ އިނގިރޭސި ލަފުޒެއްކަމުގައި ދިވެހިބަސްފޮތުގައި ލިޔެފައި ވަނީ، "ވެލްކަމް" އެވެ. އެހެނީ، “Welcome” އެވެ.

ރާއްޖޭގެ ތާރީޚުގެ ތެރެއަށް ދިޔަ، ދީމާއަށް ލިބުނު ކާމިޔާބީއަށް ނިސްބަތްކޮށް ވިދާޅުވާނީ "މަރުޙަބާ" ތޯ ބަލަމާ ހިންގަވާށެވެ. ކޮންމެ މާނައަކަށް ވަކިވަކީން ވިސްނަވައިގެންނެވެ.

ފުރަތަމަ މާނައިގައި ބަޔާންކުރާ ގޮތަށް ވިސްނައިލަމާ ހިންގަވާށެވެ. ދީމާއަށް ދިމާވެގެން މި އުޅެނީ މާނައިގައި އެ ބުނާ ގޮތަށް، މެހެމާނެއް އައިސްގެން އުޅޭ ހާލަތެއްތޯއެވެ؟ ގައިމުވެސް ދީމާއަކީ މެހެމާނެއް ނޫނެވެ. އަދި ދީމާއަކަށް ވެސް މެހެމާނެއް ނުލިބެއެވެ. އެހެންވީމާ ފުރަތަމަ މާނައާ ދިމައެއް ނުވިއެވެ.

ދެވަނަ މާނައިގައި ދައްކަނީ ފުރަތަމަ މާނައިގެ "ކަމު"ގެ ވާހަކައެވެ. ފުރަތަމަ މާނައިގައި އޮތީ "މަރުޙަބާ" އެ ލަފުޒަށް ނިސްބަތްކޮށް "ނަމެއް"ގެ ގޮތުގައެވެ. ދެވަނަ މާނަ މި ކުރަނީ މެހެމާނު އައިމާ އެކަމާ އުފަލުން ފާޅުކުރާ ޝުއޫރެވެ. އެހެންވީމާ، މި މާނަވެސް މި ހާލަތާ ދިމައެއް ނުވެއެވެ.

ތިން ވަނަ މާނައެއް ކަމުގައި އޮތީ ކުރިއަށް ވުރެ ދުރު މާނައެކެވެ. މި އުޅެނީ ދީމާ އަޅުގަނޑުމެންނަށް ޝުކުރުއަދާކޮށްގެންތޯއެވެ؟ ނޫނެކެވެ. މި އުޅެނީ އޭނާ އަޅުގަނޑުމެންނަށް ޝުކުރުއަދާކޮށްގެންނެއް ނޫނެވެ. ކާމިޔާބީއެއް ހޯދައިގެންނެވެ. އެހެންވީމާ ބަސްފޮތުގައި "މަރުޙަބާ"ގެ މާނައެއް ކަމުގައި އޮތް ތިން މާނައިން ކުރެ މާނައަކާ، މި ހާލަތާ ދިމައެއް ނުވެއެވެ. އަދި ދީމާ ހޯދި ކާމިޔާބީ ފާހަގަކޮށް އޭނާއަށް އިނގިރޭސިބަހުން ވެސް ވިދާޅުވާނީ، "ވެލްކަމް" އެއް ނޫނެވެ. އެހެންވިއްޔާ މި ޙާލަތުގައި "މަރުޙަބާ" ވިދާޅުނުވާނަމަ ވިދާޅުވާނީ ދެން ކީކޭތޯއެވެ؟

ތިޔަ ސުވާލުގެ އެންމެ ކުރު ޖަވާބަކީ، ވިދާޅުވާނީ "ތަހުނިޔާ"އެވެ. އެއީ ކީއްވެހެއްޔެވެ؟ "ތަހުނިޔާ"ގެ މާނައެއް ކަމަށް ދިވެހި ބަސްފޮތުގައި ލިޔެފައި އޮތީ އަންނަނިވި މާނައެވެ.

o އުފާވެރި މުނާސަބަތުތަކާ ގުޅިގެން ފާޅުކުރާ ހެޔޮ އެދުމުގެ ޝުއޫރު

މި ލަފުޒުގެ އިނގިރޭސި ތަރުޖަމާއެއް ކަމަށް ދިވެހިބަސްފޮތުގައި އޮތީ، ކޮންގުރެޖުލޭޝަން" އެވެ. ނުވަތަ، “congratulation” އެވެ.

އާނއެކެވެ. ތިޔަ ވިސްނިވަޑައިގަތީ ރަނގަޅަށެވެ. ދީމާ އެ އުޅެނީ ކާމިޔާބެއް ހޯދައިގެންނެވެ. އެކަމުގެ އުފަލުގައި އެ ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވައިފައެވެ. އެހެންވީމާ، ދީމާ ހޯދި ކާމިޔާބީގެ އުފަލުގައި އަޅުގަނޑުމެން އޭނާއަށް ކިޔާނީ "ތަހުނިޔާ"އެވެ. މަރުހަބާއެއް ނޫނެވެ. ދީމާ ނޫނަސް ކޮންމެ ކާމިޔާބެއްގެ އުފަލުގައި އެ މީހަކަށް ކިޔާނީ މަރުހަބާއެއް ނޫނެވެ. ތަހުނިޔާއެވެ. ދަރިފުޅު އިސްކޫލުގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނީމާ ކިޔާނީ މަރުހަބާއެއް ނޫނެވެ. ތަހުނިޔާއެވެ. ދަރިފުޅަށް އިސްކޫލުގެ ކެޕްޓަންކަން ލިބުނީމާ އެ ދަރިފުޅަށް ކިޔާނީ ތަހުނިޔާއެވެ. ކިލާހުން އެއްވަނަ އަށް ދިޔައިމައި ކިޔާނީ ތަހުނިޔާއެވެ. އަތޮޅު މުބާރާތުން ރަށުގެ ފުޓުބޯޅަ ޓީމު ވަނަ ހޯދީމާ ކިޔާނީ ތަހުނިޔާއެވެ. ދުނިޔޭގެ ކެރެމް މުބާރާތުން ރާއްޖެއަށް ވަނަ ލިބުނީމާ އެއީ ތަހުނިޔާ ކިޔަންވީ ވަރުގެ އުފަލެކެވެ. ސާކު ފުޓުބޯޅަ މުބާރާތުން ރާއްޖެއަށް އެއްވަނަ ލިބުނީމާ އަޅުގަނޑުމެން ދިވެހީންގެ ފުޓުބޯޅަ ޓީމަށް ކިޔައިފައި ވަނީ ތަހުނިޔާއެވެ. އެކަމަކު، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ޝަޚްޞިއްޔަތު ކަމުގައިވާ މެސީ އާއި ރޮނާލްޑޯ ދިވެހިރާއްޖެއަށް އައީމާ އެ މީހުންނަށް، ދިވެހީން ކިޔާނީ މަރުހަބާއެވެ. އެކަމަކު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް ލިބުނީމާ އެކަމުގެ އުފަލުގައި ރޮނާލްޑޯއަށް ލިޔެފައި ފޮނުވަނީ “congratulation” ނޫންހެއްޔެވެ؟ “welcome” އެއް ނުލިޔަމު ނޫންހެއްޔެވެ.

މިއީ ވަރަށް ކުޑަކުޑަ ވަގުތުކޮޅަކު ވިސްނައިލުމުން ވެސް ދެނެގަނެވޭނެ ވާހަކައެކެވެ. އުއްމީދަކީ އެ ވަގުތުކޮޅު މި ލިޔުމަށް ދެއްވުމެވެ.

comment ކޮމެންޓް