އާ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ: އައްޑުއަށް ސާފު ފެން ނުލިބޭތީ

މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް: އޭނާ ވަނީ އައްޑޫ ސިޓީ ހިތަދޫ އަދި ގުޅިފައިވާ ރަށްތަކަށް ފެނަކައިން ދެމުން އައި ސާފު ފެން ނުލިބޭތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީ ހިތަދޫ އަދި ގުޅިފައިވާ ރަށްތަކަށް ފެނަކައިން ދެމުން އަންނަ ސާފު ފެން ނުލިބޭތީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު މަޖިލިސް ތަޅުމުން ބަލައިގެންފިއެވެ.

މިއަދު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި މަޖިލިސް ތަޅުމަށް މި ކުއްލި މައްސަލަ ހުށަހެޅީ، މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ. މިއީ ވިހިވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލައެވެ.

މި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބަލައިގެންފައިވަނީ 83 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަންނަން ނުފެންނަ އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

އެ ކުއްލި މައްސަލައިގައިވަނީ، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުން ދިޔަ ސާފު ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރާ އެތައް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށް އެ މައްސަލައިގައި ނާޒިލް ފާހަގަކޮށްފައިވެއެވެ.

ނާޒިލް ވިދާޅުވީ، ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމުގައި ފެނަކައިން މި މައްސަލަ ހައްލުކުރަން ނުކުޅެދިފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ޒިންމާވާ ފަރާތަކީ ކޮބައިކަން އައްޑޫ ސިޓީ ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް ނާޒިލް ފާހަގަކުރެއްވިއެވެ.

"އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ރައްޔިތުން މިހާރު ތަހައްމަލުކުރަމުން ގެންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތައް ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ މި ކުއްލި މައްސަލަ ހުށަހަޅަން،" ނާޒިލް ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިގަނެ، ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެ ރަށްތަކަށް ސާފު ފެން ނުލިބޭތާ ދެ މަސްވެއްޖެ ކަމަށެވެ. އެކަން ހައްލުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ވެސް ދެކެވިއްޖެ ކަމަށެވެ.

"މިއީތޯ ސަރުކާރެއް ހިންގާ ގޮތަކީ. އަޅުގަނޑު ގޮވާލަން އިންޒަތްތެރި ރައީސާ ހިސާބުން ފެށިގެން މި ސަރުކާރަށް މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް،" ނާޒިލް ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު: އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު އައްޑޫގެ ފެނުގެ މައްސަލަ ހައްލުނުވެ އޮތީ އެ ސަރުކާރުގެ އިހުމާލުން ކަމަށް -- ފޮޓޯ/ މަޖިލިސް

ބަހުސްގެ ވަގުތުގައި ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު އައްޑޫގެ ފެނުގެ ސްޓޯރޭޖްތައް މެއިންޓެނެންސް ނުކުރެވުމުގެ ސަބަބުން ހުރީ ދަބަރުޖަހާ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވައްކަންކުރުމުގެ ސަބަބުން މުޅި ފެނަކަ ކުންފުނި އޮތީ އެއްކޮށް ދަރުވާލާފައި ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

"ކޮބާތޯ އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން ކުރި ކަމެއް؟ މި ސަރުކާރުން ހަވާލުވެ ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމުކަމެއް،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް 266 މިލިއަން ރުފިޔާގެ މަޝްރޫއެއް މި ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، ބޯހޯލެއް އަޅައިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

https://sun.mv/191554

"ކުއްލި މައްސަލައެއް އަދި ހުށަހެޅުމަކީ މީގެ ހަގީގަތް އެންމެ ރަނގަޅަށް އެނގިގެންދާނެ ކަމެއް ނޫން. އެހެންވީމާ ދިވެހި ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ފެނާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރާނެކަން،" ޝުޖާއު ވިދާޅުވިއެވެ.

އައްޑޫގައި ފެނުގެ ޚިދުމަތާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މި ފަހަކަށް އައިސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގޮތުން، މިދިޔަ މަހު އައްޑޫ ސިޓީއަށް ރަނގަޅަށް ފެން ނުލިބޭތާ 18 ދުވަސް ވެގެން ދިޔަ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެއެވެ.

އޭގެ ކުރިން ވެސް ނިޒާރު ވަނީ އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މި ކަމަށް ހައްލެއްގެ ގޮތުން މިދިޔަ މަހުގެ ހަވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫއާއި، ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ފެނުގެ ޚިދުމަތް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައި އޮތް ފެނުގެ ޚިދުމަތުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިން ބުނީ، އެ މައްސަލަ ހައްލުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ އެއް އަހަރުގެ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

comment ކޮމެންޓް