އެމްޑީޕީގެ ތުހުމަތެއް: މަޖިލިސް ރައީސް ހޮވި ވޯޓުގައި ބާތިލް ވޯޓުތަކެއް ހުރީ ހިތްހަމަނުޖެހުމެއް އޮތުމުން

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ-- ފޮޓޯ/ މަޖިލިސް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) އެ މަގާމަށް ހޮވި ވޯޓުގައި ބާތިލް ވޯޓުތަކެއް ހުރީ އެމަނިކުފާނު ނިސްބަތްވާ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީ ތެރޭ ހިތްހަމަނުޖެހުމެއް އޮތުމުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ވިހިވަނަ މަޖިލީހުގެ ރިޔާސަތަށް އަބްދުއްރަހީމް އިންތިޚާބުކުރީ އެ ކަމަށް ޓަކައި ނެގުނު ސިއްރު ވޯޓުގައި ބައިވެރިވި 92 މެންބަރުންގެ ތެރެއިން 71 ވޯޓު ހޯއްދަވައިގެންނެވެ.

އެ މަގާމަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓު ވަނީ ބާތިލުވެފައެވެ.

ހަމައެއާއެކު މަޖިލީހުގެ ނައިބު ރައީސް ކަމަށް ޕީއެންސީން ވާދަކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް ލިބިވަޑައިގަތީ 80 ވޯޓެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އަބްދުއްރަހީމް އަދި ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓުގައި އެހާބޮޑު ފަރަގެއް އޮތުމުން އެ ކަމަށް ފާޑު ވިދާޅުވެފައެވެ.

"ވަކި މީހަކު ބުނެގެން މީހަކު އައްޔަނުކުރަން ޖެހުމުން ޕާޓީތެރޭ ނުތަނަވަސްކަމެއް އޮތީކަމަށް ބެލެވެނީ،" ދީދީ ވިދާޅުވިއެވެ.

"ބާތިލު ވޯޓު އޮތީ މީހަކު ބުނެގެން ވޯޓު ލައިގެން މީހަކު އައްޔަނުކުރަން ޖެހޭތީވެ އެކަމާ ހިތްހަމަނުޖެހުން އޮވެގެން ކަމަށް ގަބޫލުކުރެވެނީ. އެހެން ނޫންނަމަ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވޯޓުލީ އިރު އެހާ ބޮޑު ފަރަގެއް އިންނަންވީ ސަބަބެއް ނެތް،"

މަޖިލިސް ރައީސް ކަމަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

މެންބަރު ދީދީ ވިދާޅުވީ، ޑިމޮކްރަސީގައި އަމަލުކުރާ ގޮތުން ނަމަ އެފަދަ މަގާމަކަށް ބޭފުޅަކު އައްޔަނުކުރުމަށް ނަން ހުށަހަޅާނީ ޕާޓީ ތެރޭ ނަގާ ވޯޓަކުންނެވެ.

ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީތީ ވޯޓު ލާން ޖެހުމުން ބައެއް މެންބަރުން ވޯޓު ބާތިލުކުރީ ގަސްތުގައި އެކަމާ ހިތްހަމަނުޖެހި ކަމަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެން އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައެވެ.

އެމްޑީޕީއަށް މިފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމް 12 ގޮނޑިއެވެ. މިއީ މަޖިލީހުގެ ހަޔާތުގައި އެމްޑީޕީއަށް އެންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނު ފަހަރުވެސްމެއެވެ.

comment ކޮމެންޓް