ތައިލެންޑާއި ޔޫއޭއީން ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: އާސަންދަ

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގެ ތެރެއިން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިތު ޒީނިޔާ ވާހަކަދައްކަނީ --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އާސަންދައިގެ ދަށުން ތައިލެންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ން ސިއްހީ ޚިދުމަތް ހޯދޭ ގޮތަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވިދާޅުވީ މި އަހަރު އާސަންދަ ސްކީމް ސިއްހީ ފަރުވާގެ "ފެންވަރު ރަނގަޅު" ޔޫއޭއީއާއި ތައިލެންޑަށް ފުޅާކުރައްވާނެ ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒީނިޔާ ވިދާޅުވީ ތައިލެންޑާއި ޔޫއެއީއިން އާސަންދަ ޚިދުމަތް ދިނުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމުގައެވެ.

"ތައިލެންޑް، ޔޫއޭއީގައި މި ޚިދުމަތް ފެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އެބަގެންދޭ،" އެ ގައުމުތަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ޒީނިޔާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން އާސަންދައިގެ ޚިދުމަތް ދެނީ އަވައްޓެރި އިންޑިއާއާއި ސްރީލަންކާއިން އެކަންޏެވެ. ނަމަވެސް، ރައީސްގެ ވިސްނުންފުޅަކީ އެކަމުގައި އެ ދެ ގައުމަކަށް ބަރޯސާނުވެ، އާސަންދައިގެ އިންތިޒާމް ހަމަޖެހުން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/190354

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަމުން ޒީނިޔާ ވަނީ އިތުރު ގައުމުތަކަށް އާސަންދައިގެ ދަށުން މީހުން ފޮނުވުން ވާނީ މާލީ ބުރައަކަށް ކަމަށް ވިދާޅުވި، އެކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އޭގެ ފަހުން ޖެނުއަރީ މަހު އާސަންދައިން ވަނީ ޔޫއޭއީއާއި ތައިލޭންޑަށް ދިވެހީން ބޭސްފަރުވާއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އާސަންދަ ޚިދުމަތް ފުޅާކުރަން ނިންމާފައިވާއިރު، އެ ޚިދުމަތަށް ކުރަން ޖެހޭ ހޭދަ އިތުރުވުމަކީ ކަންބޮޑުވުމެކެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު މިދިޔަ ފަސް އަހަރު އެކަނި އެ އަދަދުތައް 60 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް އެކިއެކި މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް