ސަރުކާރުގެ އަމާޒަކީ، މިއަހަރުން ފެށިގެން އާސަންދަ ޚިދުމަތް ޔޫއޭއީ އާއި ތައިލެންޑުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ ދެ ގައުމަށް އާސަންދަ ފުޅާކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
"އެހެންވީމަ ވަރަށް އުއްމީދުކުރަން މިއަހަރު ފެށޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އެމަނިކުފާނު ނުދެއްވައެވެ.
ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަށް ފަހު މިދިޔަ ޖެނުއަރީ މަހުގެ 13ގައި ދެއްވި ތަގުރީރުގައި ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި، އެ ޚިދުމަތް ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން އާސަންދަ މިހާރު ލިބެނީ އިންޑިއާ އާއި ސްރީލަންކާއިންނެވެ.
އާސަންދަ ޚިދުމަތް ފުޅާކުރަން ނިންމާފައިވާއިރު، އެ ޚިދުމަތަށް ކުރަން ޖެހޭ ހޭދަ އިތުރުވުމަކީ ކަންބޮޑުވުމެކެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު މިދިޔަ ފަސް އަހަރު އެކަނި އެ އަދަދުތައް 60 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް އިއްޔެ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް އެކިއެކި މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.