ފިހުނު ދެމަފިރިންނަށް ފަރުވާދޭން އިންޑިއާއިން ޚާއްސަ ޑޮކްޓަރެއް ގެނެސްފި

ދަރުމަވަންތަ ހޮސްޕިޓަލް: ރަސްދޫން ފިހުނު ދެމަފިރިންނަށް ފަރުވާދޭން ޚާއްސަ ޑޮކްޓަރެއް ވަނީ ގެނެސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ރަސްދޫގައި މިދިޔަ އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ދެމަފިރިންނަށް ފަރުވާދޭން އިންޑިއާއިން ތަޖުރިބާކާރު ޑޮކްޓަރަކު ގެނެސްފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެމަފިރިންނަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އެއީ، އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

އަބްދުލްރައްޒާގް ވިދާޅުވީ، އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޚާއްސަ ޑޮކްޓަރެއް ގެނެސްގެން އެ ދެމަފިރިންނަށް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރަކީ އެނދުމާއި ޕްލާސްޓިކް ސާޖަރީގެ ފަރުވާދިނުމުގައި 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.

https://sun.mv/204069

އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާދޭން ހަމަ އެ ދުވަހު ދެމަފިރިން ވަނީ މާލެ ގެނެސްފައެވެ.

ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން'އާ ވާހަކަދެއްކި ރަސްދޫ މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް