'ކުޑަ ރަށެއް ބޮޑު ރަށެއް' ނުބަލާ މަސައްކަތްކޮށްފައި ހުރީ ބަޖެޓަށް ނުކަތާ ވަރަށް: މިނިސްޓަރު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން 'ކުޑަ ރަށެއް ބޮޑު ރަށެއް' ނުބަލާ މަސައްކަތްތައް ހިންގާފަ ހުރީ ބަޖެޓަށް ނުކަތާ ވަރަށް ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ ސަރުކާރުން 'ކުޑަ ރަށެއް, ބޮޑު ރަށެއް' ނުބަލާ މަޝްރޫއުތައް ހިންގާފައި ހުރީ ބަޖެޓަށް ނުކަތާ ވަރަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝަފީގް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ޕަބްލިކް ވޯކްސްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނިތަކުން ކުރަން ޖެހުމުން އެ ކަމަށް ހިނގި ޚަރަދު ބޮޑުވި ކަމަށެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މަސައްކަތްތައް ރޭވިގެން ދިޔައިރު އަޅުގަނޑުމެންގެ ބަޖެޓަށް ކަތާ ވަރަކަށް ނޫން މަސައްކަތްތައް ކުރެވިފައި ހުރީކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، އޭރު 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތްކުރިއިރު އެ ކުންފުނިތަކުގެ މަގުސަދަކަށްވެފައި އޮތީ އެ ކުންފުންޏަކަށް ފައިދާ ހޯދުން ކަމަށާއި އެހެންވެ، ދައުލަތަށް ބޮޑު ބުރައެއް ލިބުނު ކަމަށް މިނިސްޓަރު ޝަފީގް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން 'ކުޑަ ރަށެއް ބޮޑު ރަށެއް' ނުބަލާ މަސައްކަތްތައް ހިންގާފައި ހުރީ ބަޖެޓަށް ނުކަތާ ވަރަށް ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޕަބްލިކް ކޯޕަރޭޝަނަކުން ސަރުކާރުގެ މަސައްކަތްތައް އަވަހަށް، ޚަރަދު ކުޑަކޮށް ކޮށްދޭނަމަ، އެއީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތުގައި ދައުލަތަށް އަޅުގަނޑުމެންނަށް ރައްކާކުރެވޭ ކޮންމެ ސޭވިންއަކީ ޕަބްލިކް ޔުނިޓްތައް ތަރައްގީކޮށް ހިންގުމަށްޓަކައި ލިބޭ ވަރަށް މުހިންމު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އަޅުގަނޑުމެންގެ ކޮންމެ ސޭވިންއަކީ އިތުރު ކަމަކަށް ކުރެވޭނެ ޚަރަދަކަށްވާނެ،" ޝަފީގް ވިދާޅުވިއެވެ.

https://sun.mv/192576

އިތުރަށް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރައުސްމާލަކީ ހުޅުމާލެ ކަމަށާއި ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި ނިމި، އެތަން ތަރައްގީކުރަމުންދާ ގޮތުން 'ސިވިލައިޒް މުޖުތަމައެއްގައި' ދިވެހީންނަށް ދިރިއުޅެވޭނެ ގޮތްތައް ފަހިވަމުންދާތަން ފެންނަ ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ދިވެހީންނަށް ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުންކަން ޝަފީގް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ސަރުކާރުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ 'ކުޑަ ރަށެއް، ބޮޑު ރަށެއް،" ތަފާތުނުކޮށް މަޝްރޫއުތައް ހިންގި ވާހަކައެވެ. އަދި، ސަރުކާރު ބަދަލުވުމަށް ފަހުގައި ވެސް މަޝްރޫއުތައް ހުއްޓައިލި ކަމަށް ބުނެ އެމްޑީޕީން ނުރުހުން ފާޅުކުރިއެވެ.

comment ކޮމެންޓް