އަންނަ އަހަރު 15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރަނީ

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު: އޭނާ ވިދާޅުވީ އިތުރު 15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފަނަރަ އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު އެ ވުޒާރާއިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ދެމުންދާތާ ތިރީހަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

އެ ވުޒާރާއިން އެންމެ ފަހުން ޒިޔާރަތްކުރި ގިނަ ޕަބްލިކް ވޯކް ސައިޓުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެ ތަނުގެ ވަސީލަތްތައް ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު: އޭނާ ވިދާޅުވީ އިތުރު ފަނަރަ އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

"މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެެއް، ޒަރޫރީ ކަންތައްތަކަށް ބޭނުންވާނެ ވަސީލަތްތައް ވެސް އެ ތަންތަނުގައި ނެތްއިރު ހިންގުމުގެ ނިޒާމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ،"

"ޒިންމާދާރު ކުރެވޭނެ ގޮތެއް ޒިންމާދާރު ކުރުވާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަކަށް މި ހިސާބަށް އައިރު، މި ނިޒާމުގެ ތެރޭގައި ހުރި ކަމަކަށް ފާހަގައެއް ނުކުރެވުނު،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ފައްޓަވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްތެރިންތަކެއް: -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މިގޮތުން، ރާއްޖޭގެ 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމު ކުރުމަށް ބަޖެޓްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް އަންނަ އަހަރަށް ތާވާލުކޮށްފައި ވިޔަސް، މިހާރު ގާއިމުކޮށްފައިވާ ސައިޓުތަކުގައި ހުރި މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ވަރަށް ބޮޑަށް ގެންގުޅޭނެ އެއް ކަމަކީ އަޅުގަނޑުމެންގެ މި މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނީ ލާމާރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ އެކުގައިކަން" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް